ހަބަރު

އުމަރު މާރިޔާއަށް: ސިފައިން ކަންބޮޑުވަނީ މިނިވަންކަން ގެއްލޭތީ

ސިފައިން ކަންބޮޑުވަނީ ދައްކާ ވާހަކައަކުން ނޫން ކަމަށާއި، މިނިވަންކަން ގެއްލެމުންދާތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރުކޮށް ސުވާލު ކޮށްފައިވާ އިރު، މާރިޔާ ވަނީ ބަޔަކު ދަރުބާރުގޭގައި ދައްކަމުންގެންދާ ވާހަކަތަކާއި ގުޅިގެން ސިފައިން ކަންބޮޑުވާކަމަށް ވިދާޅުވެފަ އެވެ. އެކަމާއި ގުޅިގެން އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިފައިން ކަންބޮޑުވަނީ އަޅުގަނޑުމެން ދައްކާ ވާހަކައަކުން ނޫން ކަމަށާއި، މި ގައުމުގެ މިނިވަންކަން ގެއްލެމުންދާތީ ކަމަށެވެ.

އުމަަރު ވިދާޅުވީ، އެކަމާއި ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމަށް ލޯބިކުރާ އެންމެންވެސް ކަންބޮޑުވާ ކަމަށެވެ. އަދި އަންނަ ހުކުރުދުވަހުގެ ރޭވެސް ދަރުބާރުގޭ ހަކުރާ މާލަމްގައި އެވާހަކަ ތަފްސީލުކޮށް ދައްކަވާ ލައިވްވެސް ކުރާނެ ކަަމަށެވެ.

"މިއީ ނުހިނގާ ކަމަކަށް ހަދައިގެން ނުފެންނަ ކަމަކަށް ހަދައިގެން ތިއްބެވި މެއިންސްޓްރީމް މީޑިއާއާއި، ސިޔާސީ ބައެއް ބޭފުޅުން ފެނުނީމަ ޔަގީން ވާނީ ބޮޑެތި ގައުމުތަކުގެ ނުފޫޒުގައި މިގައުމު ޖެހިފައިވާ މިންވަރު" އުމަރު ވިދާޅުވި އެވެ.

އުމަރު ކުރެއްވި ފޯސްބުކް ޕޯސްޓް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ދެއްކެވި ވާހަކައިގައި ދަރުބާރުގޭގައި ބަޔަކު ދައްކަމުންގެންދާ ވާހަކަ ތަކުން ސިފައިން ކަންބޮޑުވާކަމަށް ވިދާޅުވެފައިވަނީ ބެލެވޭ ގޮތުގައި އުމަރުގެ އިތުރުން، ޕީޕީއެމްއަށް ނިސްބަތްވާ ބައެއް ބޭބޭފުޅުން އިސްކޮށް ތިއްބަވާ ބާއްވަމުން ގެންދާ ބައްދަލުވުންތަކަށެވެ.