ގައުމީ ފުޓްބޯޅް ޓީމް

ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމު ލީޑް ކުރާނީ ޝާކިއްޓޭ!

މި މަހު ކުޅޭ، އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި، ގައުމީ ޓީމު ލީޑް ކުރާނީ ދިވެހި ކޯޗެއް ކަމަށް، ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

ޓްރެއިނިން ކޭމްޕްގައި، ރޭ ފިލިޕީންސަށް ފުރުމުގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން ޝެގަޓް ބުނީ، ޓީމު ލީޑް ކުރަން ރާއްޖޭގެ ކޯޗަކަށް ހައްގު ކަމަށެވެ. އޭނާ ބުނީ، ދިވެހި ކޯޗުން އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އެ ކޯޗުންނަށް އިތުރު ފުރުސަތު ދޭން އެފްއޭއެމުން އޭނާގެ ކިބައިގައި އެދިފައިވާ ކަމަށެވެ.

"ސައުދީ އަރަބިއްޔާގައި ޓީމު ލިޑް ކުރާނީ ދިވެހި ކޯޗެއް، އަހަރެމެންގެ ދިވެހި ކޯޗުންނަށް އެ ފުރުސަތު ލިބޭނެ،" ޝެގަޓް ވާހަކަ ދެއްކި އެވެ.

ޓީމާއެކު ކޯޗިން ސްޓާފުންގެ ގޮތުގައި ދިޔަ ދިވެހި ކޯޗުންނަކީ، ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު 'ޝާކިއްޓޭ' އާއި ގޯލްކީޕިން ކޯޗް އަސްލަމް އަބްދުރަހީމް އެވެ.

ޓީމު ލީޑް ކުރާނީ ކާކުތޯ ސުވާލު ކުރުމުން ޝެގަޓް ބުނީ، އެފްއޭއެމުން އެކަން ހާމަ ކުރާނެ ކަމަށެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ތިން ވަނަ ދުވަހު މެލޭޝިއާ އާދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ބައެއްގައި ޝާކިއްޓޭ ވަނީ ޓީމަށް އިރުޝާދު ދީފަ އެވެ. ބެލެވޭގޮތުގައި ކޮލިފިކޭޝަންގައިވެސް ޓީމު ލިޑް ކުރާނީ ޝާކިއްޓޭ އެވެ.

މިދިޔަ ހަފުތާގައި، ރާއްޖޭގެ މީޑިއާއަށް ދިން އިންޓަވިއުގައި ޝެގަޓް ވަނީ، އެސިސްޓެންޓް ކޯޗް ޝާކިއްޓޭއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ، ޒުވާން ޓީމު އެކުލަވާލުމުގައި ޝާކިއްޓޭ ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ގައުމީ ޓީމު ޓްރެއިނިން ކޭމްޕަށް ފުރީ މުބާރާތް ފެށެން 18 ދުވަހަށް ވެފައި ވަނިކޮށެވެ. ގައުމީ ޓީމަށް ޓްރެއިނިން ކޭމްޕްގައި ހޭދަ ކުރެވޭނީ ގާތްގަނޑަކަށް ދެ ހަފުތާ އެވެ. މުބާރާތް މިހާ ކައިރިވެފައިވާއިރު މިހާ ކުރު ޓްރެއިނިން ކޭމްޕަކުން ރާއްޖޭގެ ޓީމަށް ފުދޭތޯ ސުވާލު ކުރުމުން، އޭނާ ބުނީ، އޭނާވެސް ބޭނުންވީ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ލިބުނު ކަހަލަ ދިގު ޓްރެއިނިން ކޭމްޕެއް ކަމަށެވެ.

"ދެ ހަފުތާގެ ޓްރެއިނިން ކޭމްޕަކީ މި ޓީމަށް އެކަށޭނެ މިންވަރަކަށް ނުވެދާނެ، އެހެންނަމަވެސް އަހަރެން ޝުކުރު އަދާކުރަން މި ޓްރޭނިން ކޭމްޕްވެސް ހަމަޖެހިގެން ދިޔަ ކަމަށްޓަކައި،" ޝެގަޓް ވާހަކަ ދެއްކި އެވެ. "އެއީ އަހަރެމެންނަކީ މާބޮޑު ގައުމެއް ނޫން، އަދި އަހަރެމެންގެ ފެޑްރޭޝަނަކީ މާބޮޑު ފެޑްރޭޝަނެއް ނޫން، ކޮންމެ ފަހަރަކު އެވަރުގެ ޓްރެއިނިން ކޭމްޕެއް ނުވެސް ލިބޭނެ."

މާލޭގައި ގައުމީ ޓީމުން، ޓްރެއިނިން ފެށީ ޖަނަވަރީ ފަހު ކޮޅު އެވެ. އެފްއޭއެމުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކެއުމުގެ ހަރަދު ނުދެވުމުން، ކޯޗުގެ އަމިއްލައަށް ކުޅުންތެރިންނަށް ކާން ދިނުމުގެ ހަރަދު ފުރަތަމަކޮޅު ދިން ކަމަށް ބައެއް ކުޅުންތެރިން ވަނީ ހާމަ ކޮށްފަ އެވެ. އޭގެ ފަހުން އެފްއޭއެމުން ކުޅުންތެރިންނަށް ހެދުނުގެ ސައި ހަމަޖައްސައި ދިނެވެ. އެކަމާ ބެހޭގޮތުން ޝެގަޓް ބުނީ، ކުޅުންތެރިންނަށް ކެއުމުގެ ހަރަދު އޭނާގެ އަތުން ދިނުމަކީ މައްސަލައެއް ނުދެކޭ ކެމަށެވެ.

"އަހަރެން ދިވެހިން ދެކެ ލޯބިވޭ، މި ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރާތަން އަހަންނަށް ފެންނަނީ، އެހެންވީމަ އަހަރެން ނުދެކެން އަހަރެން ހަރަދުގައި ކުޅުންތެރިންގެ ކެއުން ހަމަޖެއްސުމަކީ މައްސަލައެއް ކަމަކަށް."

ސައުދީ އަރަބިއްޔާގައި، ކުޅޭ ކޮލިފިކޭޝަން އޮންނާނީ މިމަހު 22 ން 26 އަށެވެ. ރާއްޖެ ހިމެނޭ ގުރޫޕުގައި ހިމެނެނީ، ސައުދީ އާއި އަރަބި އެމިރޭޓްސްގެ އިތުރުން ލުބުނާންއެވެ.