ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސް އާމިނަތު އީނާސް އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެޗްއާރްސީއެމްގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި އެކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު ވެސް ވަނީ ބައިވެރިވެފަ އެވެ. މި ބައްދަލުވުމުގައި އެޗްއާރްސީއެމް އިން ވަނީ އެކޮމިޝަންގެ މަސައްކަތްތަށް ކުރުމުގައި ދިމާވަމުންދާ ދަތިތަކާ ބެހޭގޮތުން މިނިސްޓަރު އިމްރާން އަށް މައުލޫމާތު އަރުވާފަ އެވެ.
އިމްރާން އެޗްއާރްސީއެމްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއިރު ކުރީގެ ނައިބު ރައީސް އަހްމަދް އަދީބުގެ ބޭސް ފަރުވާއަށް އިހްމާލުވަމުންދާ ކަމަށް ބުނެ އަދީބް އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީ އެއް ކަމަށްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކޮރޮޓިކްސް (އެމްޓީޑީ) ގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދާއި އަދީބުގެ އަނބިކަބަލުން މަރިޔަމް ނަޝްވާ ގެންދަވަނީ މިނިސްޓަރު އިމްރާންއަށާއި އެޗްއާރްސީއެމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
މީގެ ތެރެއިން މިނިސްޓަރު އިމްރާން ބައިވެރިވެ އިސް ރޯލެއް އަދާކުރި މޭޑޭ މުޒާހަރާ ގައި ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވާ ގުޅިގެން ހުކުމް ތަންފީޒު ކުރަމުން ދިޔަ އަބްދުﷲ ރަޝީދު މަރުވެފައިވަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކަރެކްޝަން ސާވިސް އިން ފޯރިކޮށްދޭން ޖެހޭ ބޭސް ފަރުވާ ފޯރުކޮށް ނުދިނުމުގެ ސަބަބުން ކަމަށް އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މި މައްސަލަ އެޗްއާރްސީއެމްއިން ވަނީ ވެސް ތަހުގީގުވެސް ކޮށްފަ އެވެ.