ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްތަކުގައި ތެރަޕީގެ ނިޒާމު ގާއިމްކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕީގެ ހިދުމަތް ސްކޫލުތަކުގައި ދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް މިނިސްޓްރީތަކާއެކު މިހާރު މަޝްވަރާތައް ފަށްޓަވާފައިވާ ކަމަށެވެ. އެގޮތުން، އެކުދިންނަށް އެންމެ އެކަށީގެންވާ ވަސީލަތްތައް ސްކޫލްތަކުގައި ދިނުމުގެ މަސައްކަތް ފަށާ، އެފަދަ ކުދިންގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅަށް މޮނީޓާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާއްސަ ޑިޕާޓްމަންޓެއްވެސް އުފައްދާފައި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، އަލަށް އުފެއްދި ޑިޕާޓްމަންޓުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްނަށް ބޭނުންވާ މުދައްރިސުން ތަމުރީނުކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި، ސްކޫލުގެ ތެރެއިން މިފަދަ ކުދިންނަށް ދެވޭނެ ފަރުވާތައް ދެނެގަތުމަށް، ޖެންޑާ އާއި ހެލްތް މިނިސްޓްރީ ގުޅިގެން މަޝްވަރާތައް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އާލީ ސްޓޭޖްގައި އެފަދަ ކުދިން ދެނެގަތުމާއި، އެކުދިންނަށް ބޭނުންވާ ތެރަޕިސްޓުންގެ ހިދުމަތް ސްކޫލްތަކުގައި ގާއިމުކުރުމާއި، މިފަދަ ކުދިންނަށް ހާއްސަ މުދައްރިސުން ޑިޕްލޮމާ އަދި ޑިގްރީ ފެންވަރަށް ގެންދިއުމުގެ މަސައްކަތް ކުރުމަށް ޕްލޭން ކުރަމުންމިދަނީ. އެގޮތުން ޖެންޑާ މިނިސްޓްރީ އަދި ހެލްތް މިނިސްޓްރީއާއި ގުޅިގެން މަޝްވަރާތައް އެބަ ކުރިއަށްދޭ." މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކުގައި މިފަދަ ކުދިންނަށް މިހާރު ކިޔަވައިދެމުން ދިޔަނަަމަވެސް، ސްކޫލްތަކުގައި އެ ކުދިންނަށް ކިޔަވައިދޭން ބޭނުންވާ އެންމެ ފުރިހަމަ ވަސީލަތްތައް ގާއިމުވެފައި ނެތް ކަމަށެވެ. އަދި އެ ވަސީލަތްތައް ހޯދައިދެވޭތޯ މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ 213 ސްކޫލެއްގައި 3000ވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ކުދިން އަންނަނީ ތައުލީމް ހާސިލް ކުރަމުންނެވެ. ނަމަވެސް އެ ކުދިންނަށް އެކަށީގެންވާ ވަސީލަތްތައް ސްކޫލްތަކުގައި ނުލިބުމަކީ އެކުދިންގެ ބެލެނިވެރިން އަބަދުވެސް ކުރަމުންދާ ޝަކުވާއެކެވެ.