އެސްޓީއޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓަލަށް ޗައިނާ އާއި އިންޑިއާ ހިމެނޭ ގޮތަށް ފަސް ގައުމެއްގެ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅައިފި އެވެ.
އެ ކުންފުނީގެ ސީނިއަ އޮފިޝަލަކު އަވަސް އަށް މިއަދު ވިދާޅުވީ ޕްރޮޕޯސަލްތައް ހުށަހަޅާފައިވަނީ ހަމައެކަނި ގަންނަން އެކަނި ނޫން ކަމަށެވެ. މީގެ އިތުުރުން ޖޮއިންޓް ވެންޗާ (ޖޭވީ) ހަދައިގެން ހިންގަން ވެސް ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެސްޓީއޯ ހޮޓަލަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ޗައިނާ އަދި މެލޭޝިއާ އާއި ސްރީލަންކާ އަދި ދިވެހި ކުންފުންޏެއް ވެސް ހިމެނެ އެވެ.
އެސްޓީއޯ އިން މީގެ ކުރިން ވަނީ 10 ކުންފުނިން މި މަޝްރޫ އަށް ޝައުގުވެރިކަން ފާޅުކުރިނަމަވެސް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ފަސް ކުންފުންޏަކުން ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ފަހަރު މި ފަރާތްތަކުން އިތުރު ތަފުސީލެއް ނުދެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އިއުލާން ކުރި އިރު ހުރިހާ މައުލޫމާތެއް އެއް ފަހަރާ ނުދެން. ޑޮކިއުމެންޓްސް ހުށަހެޅީމާ ވަގުތީ ގޮތުން އެގްރިމެންޓެއް މި ހަދަނީ އެ ފަރާތްތަކާއެކު. އެ މައުލޫމާތަކީ ހަމައެކަނި އިންޓްރެސްޓެޑް ޕާޓީސްއަށް ދޭ އެއްޗަކަށް ވާތީ އެހެން ފަރާތްތަކާ ޝެއާ ނުކުރާނެކަމުގެ އެގްރިމެންޓެއްގައި ސޮއިކުރަނީ. ސޮއި ކުރީމާ އެ މައުލޫމާތު ހިއްސާކުރަނީ،" އަމްރޫ ވިދާޅުވި އެވެ.
އެސްޓީއޯ ހޮޓާ ވިއްކާލަން އެންމެ ފުރަތަމަ ނިންމީ 2016، ވަނަ އަހަރު އެވެ. އެ އަހަރު އެސްޓީއޯ އިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހޮޓާ ވިއްކާލަން އުޅޭކަން އިއުލާނު ކޮށްދެއްވަމުން އޭރުގެ، މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެފައިވަނީ ހޮޓާ ވިއްކާލުމުގެ ގޮތުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. މި ހޮޓަލަކީ އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާއެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތް ކުރަން ފެށި ހޮޓަލަށެވެ. މި ހޮޓަލުގެ މަސައްކަތް ނިންމަން ތައި އެގްޒިބް ބޭންކުން 30 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައިވެ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ ހޮޓަލުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އަދި މިހާރު މި ހޮޓަލުގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ނިމި ގާތްގަނޑަކަށް 70 ޕަސެންޓް މަސައްކަތް އޮތީ ނިމިފަ އެވެ. މި ހޮޓާ ހިންގަން ހަމަޖައްސާފައިވަނީ އެމެރިކާގެ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ "ރެޑިސަން ބްލޫ" ގެ ނަމުގަ އެވެ.