ހަބަރު

ޕާކިސްތާނުން ޓެރަރިޒަމާ ދެކޮޅަށް ތެދުވާން ޖެހޭ: ނަޝީދު

ސައުތު އޭޝިއާގެ ގައުމުތަކަށް ހަމަޖެހުން އަންނާނީ ޕާކިސްތާނުން ޓެރަރިޒަމާ ދެކޮޅުވެގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސައުތު އޭޝިއާގައި ހަމަޖެހުން އަންނަނީ ޕާކިސްތާނުން ޓެރަރިޒަމާ ދެކޮޅަށް ތެދުވެ، އެ ގައުމުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް ތެދުވެ، ފިޔަވަޅު އަޅައިގެން ކަމަށެވެ.

ނަޝީދު މިގޮތަށް ޓްވީޓްކޮށްފައިވާއިރު، ޕާކިސްތާނުގެ ސަރަހައްދަކަށް އިންޑިއާއިން ދިން ވައިގެ ހަމަލާއަށްފަހު ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން ހޫނު ވެފައިވާއިރު، އިންޑިއާގެ ދެ ބޯޓެއް ވައްޓާލައި، އެތަނުން އެއް ބޯޓުގެ ޕައިލެޓު ހައްޔަރު ކޮށްފައިވެ އެވެ.

ނަމަވެސް "ސުލްހައިގެ އަމަލެއްގެ" ގޮތުން އިންޑިއާގެ އެއާފޯސް ވިންގް ކޮމާންޑަރު އަބިނަންދަން ވަރުތަމަން ވަނީ ޕާކިސްތާނުން ދޫކޮށްލާފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން ހައްލު ކުރުމަށް ރާއްޖެއިން ވެސް ވަނީ ގޮވާލާފަ އެވެ.