ހަބަރު

ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރަން ގުރުއަތު ނަގަން ފަށައިފި

އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރުތައް ތަރުތީބު ކުރުމަށްޓަކައި ގުރުއަތު ނަގަން ފަށައިފި އެވެ.

މިރޭ 8:30 ގައި ގުރުއަތު ނަގަން ފަށާފައިވާއިރު، މަޖިލީހުގެ 87 ދާއިރާގެ ގުރޫލައި މިރޭ ނިންމާނެ އެވެ. ގުރުއަތުލުން ކުރިޔަށް ދަނީ ކުރިމަތިލާފައިވާ ކެންޑިޑޭޓް ނުވަތަ އެ ކެންޑިޑޭޓެއްގެ މަންދޫބު އިލެކްޝަނަށް ފޯމް ހުށަހެޅި ތަރުތީބުން ފުރުސަތުދީގެންނެވެ. ކެންޑިޑޭޓު ނުވަތަ ކެންޑިޑޭޓުންގެ ފަރާތުން މަންދޫބަކު ހާޒިރު ނުވެއްޖެ ނަމަ އެ ކެންޑިޑޭޓެއްގެ ގުރުއަތު ނަންބަރު ނަގަނީ އިލެކްޝަންސްގެ ސްޓާފެކެވެ.

މިރޭ އެންމެ ފުރަތަމަ ކުރިޔަށް ގެންގޮސްފައިވަނީ ހއ، ހދ، ށ، ނ، އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުމެވެ. މިހާރު ކުރިޔަށް ދަނީ ރ، ބ، ޅ، ކ، އއ، އދ އަތޮޅުގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ގުރުއަތު ލުމެވެ.

މީގެ އިތުރުން ވ، މ، ފ، ދ، ތ، ލ އަތޮޅުގެ ގުރުއަތުލުން މިރޭ 23:30 އިން 00:30 އަށް ކުރިޔަށް ގެންދާނެ އެވެ. އޭގެ ފަހުން މިރޭ ދަންވަރު 1:00 އިން 2:00 އިން ގއ، ގދ، ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގެ ކެނޑިޑޭޓުންގެ ގުރޫ ނަގާނެއެވެ. މާލެ ސިޓީގެ ދާއިރާތަކުގެ ގުރުއަތުލުން އޮންނާނީ މިރޭ ދަންވަރު 2:30 އިން 3:30 އަށެވެ.