މި އަހަރު ދިވެހި ސިނަމާ އަށް ގެންނަން ނިންމާފައިވާ ބިރުވެރި ފިލްމު "ކާކު؟" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.
ރިލީޒް ކުރާނެ ސީދާ ތާރީހެއް އަދި ނިންމާފައި ނުވާ މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް، މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.
ބިރުވެރި ޖޯންރާއަކަށް އުފައްދާފައިވާ ފިލްމު "ކާކު؟" ގެ ލީޑް ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ސިނަމާއަށް އެހާ އާއްމު މޫނު ތަކެއް ނޫނެވެ. އޭގެ ތެރޭގައި އިބްރާހީމް ސޮބާ (ކުޑަ ސޮބާ) އާއި އަލަށް ފިލްމީ ދާއިރާއަށް ނުކުތް އިރުފާނާ އިބްރާހީމްގެ އިތުރުން، އަދި އަލަށް ތައާރަފުވާ އައިޝަތު ޔާސިރާ ހިމެނެ އެވެ.
މި ފިލްމުގައި މީގެ ކުރިން މާއެނބޫގެ ބައެއް ފިިލްމުތަކާއި ޑްރާމާތައް ކުޅެފައިވާ ޝާފިއު މުހައްމަދު ވެސް ފެނެ އެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ކުރީގެ މަގުބޫލު އެކްޓަރު ހާމިދު އަލީ ވެސް ފެނިގެންދެ އެވެ.
އިއްޔެ ރިލީޒް ކުރި ޓްރެއިލާގައި ފެންނަނީ އިރުފާނާއަށް ދިމާވާ ބިރުވެރި ހާދިސާތަކެކެވެ. އަދި ބިރުވެރި ކަންތައްތަކުގެ ތެރެއިން ހާމިދުގެ ކުރިމަތިލުންތަކެއް ވެސް ފެނިގެންދެ އެވެ. ރޫހާނީ ބާރުތަކެއް ވެސް ޓްރެއިލާ އިން ފެންނަ އިރު އަނިޔާވެރި މަންޒަރުތަކެއް ވެސް ކޮންމެވެސް ހިމަނާފައި ވެއެވެ.
ފިލްމުގެ ލީޑު ބަތަލާގެ ގޮތުގައި ފެންނަ އިރުފާނާގެ ފުރަތަމަ ފިލްމު "ފޯޓީ ޕްލަސް" މި ހަފްތާގައި ރިލީޒް ކުރާނެ އެވެ.
ހދ. ކުޅުދުއްފުށީގައި މަންޒަރުތައް ނަގާފައިވާ "ކާކު؟" ގެ ޝޫޓިން މިދިޔަ އަހަރުގެ ފަހުކޮޅު އެއްކޮށް ނިންމާލާފައިވާ އިރު، މި ވަގުތު ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރިއަށްދާ ކަމަށް އެ ފިލްމުގެ ޓީމުން ބުންޏެވެ.
މުހައްމަދު އަބޫބަކުރު (މާއެނބޫ) އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2017 ގައި ރިލީޒް ކުރި "ނޭދެން ވަކިވާކަށް" އެވެ.