ވިޔަފާރި

އުރީދޫން ސެމްސަންގް ފަހުގެ ފޯނު ޕްރީއޯޑަރަށް

އުރީދޫ މޯލްޑިވްސް އިން ސެމްސަންގްގެ ފަހުގެ ފޯނު ގެލެކްސީ އެސް 10 ސީރީޒް ތައާރަފުކޮށް، ޕްރީ- އޯޑަރަށް ހުޅުވާލައިފި އެވެ.

އުރީދޫން ބުނީ ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގުގެ ފަހުގެ ގެލެކްސީ އެސް 10 ސީރީޒް ރާއްޖޭގައި ތައާރަފްކޮށް، ފޯނުތަށް ބައްލަވައިގަތުމަށް ވަރަށް ހާއްސަ ޕްލޭންތަކެއް އިއުލާނު ކޮށްފިވާނެ ކަމަށެވެ. އުރީދޫއިން ވަނީ ސެމްސަންގް ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް ފޯނުތަކަށް ޕްރީއޯޑަރު ކުރާ ކޮންމެ ފޯނަކާއި އެކު، އުރީދޫގެ ފަރާތުން ގެލެކްސީ ބަޑްސް ހަދިޔާކުރެވިގެންދާނެ ކަމަށް ބުނެފަ އެވެ.

ރާއްޖޭގައި ސެމްސަންގް އެސް 10 ސީރީޒް ތައާރަފްކުރުމަށް އިއްޔެ ބޭއްވި ހަފުލާގައި، ސެމްސަންގް އިންޑިއާ އިލެކްޓްރޮނިކްސްގެ ފަރާތުން މެނޭޖިންގް ޑައިރެކްޓަރ އޮފް ސްރީލަންކާ އެންޑް މޯލްޑިވްސް، ހަންބޭ ޕާކް ޑަރިރެކްޓަރ އޮފް މޮބައިލް، ވައި.ކޭ ހވޯންގ؛ ހެޑް އޮފް މޮބައިލް އޮޕަރޭޝަންސް، ޝަންތަ ފަރނެންޑޯ އަދި އުރީދޫ މޯލްޑިވްސް އިން ސީއީއޯ ނަޖީބް ޙާން އާއި އަދި ޑައިރެކްޓަރު އޮފް ބްރޭންޑް އެންޑް ސޭލްސް، ހުސެން ނިޔާޒު ވަނީ ބައިވެރިވެފައިވެ އެވެ.

ބައިނަލްއަޤްވާމީ ޓެކްނޮލޮޖީގެ ދާއިރާގެ ޝައުގުވެރިކަން ހޯދާފައިވާ މި ފޯނުތަށް ބައްލަވައިގަތުމަށް، އުރީދޫ ކަސްޓަމަރުންނަށް ވަނީ ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ތައާރަފްކޮށްފަ އެވެ. އެއް އަހަރަށް ބަހާލެވިފައިވާ މި ޕެކޭޖުތައް މެދުވެރިކޮށް 12 ޖީބީގެ ހިލޭ ޑޭޓާ ލިބި، ވަރަށް އަގުހެޔޮކޮށް ފޯނު ނެގޭނެ އެވެ. މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބެ އެވެ.