ހަބަރު

ރައްޔިތުންގެ ސަލާމަތަށް ފުލުހުންގެ މުއައްސަސާ ހަރުދަނާވާން ޖެހޭ: އިމްރާން

ރައްޔިތުންގެ ރައްކާތެރިކަމާއި ހިމާޔަތާއި ސަލާމަތަށްޓަކައި ހަރުދަނާ ކުރަންޖެހޭ އެންމެ މުހިންމު މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ޕޮލިސް ރިފޯމް ސިމްޕޯސިއަމް ފެށުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ، އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހަރުދަނާ ކުރަންޖެހޭ އެންމެ މުހިންމު މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާ ކަމަށެވެ. ރައްޔިތުންގެ ހިމާޔަތާއި ހައްގުތައް ކަށަވަރުވެގެންދަނީ ފުލުހުންގެ މުއައްސަސާ ހަރުދަނާ ވެގެންދާ މިންވަރެއްގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މުއައްސަސާއާ ދިވެހި ރައްޔިތުންނާ އޮތް ގުޅުމަކީ މައި މީހާ އާއި ދަރިޔާއާ ދެމެދު އޮންނަ ގުޅުން، ދިވެހި ރައްޔިތުންނަކީ މިމުއައްސަސާގެ ހަގީގީ މައި މީހާ، ފުލުހުންނަކީ ރައްޔިތުންނާއި ދުރު، ރައްޔިތުންނާ ވަކި ރައްޔިތުންގެ މައްޗަށް ބާރުވެރިވާ ބައެއްގެ ގޮތުގައި ދެކިގެން ނޫން މަސައްކަތް ކުރަމުން މިދަނީ، މި މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާއި އެކުގައި، ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް ހިދުމަތްދޭ ބައެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބޭނުންވަނީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ލޯއްބާއި އިތުބާާރާއި އިހްތިރާމް ލިބިގެންވާ މުއައްސަސާއަކަށް ހެދުން ކަމަށެވެ. ފުލުހުން ރިފޯމްގެ މަސައްކަތް ނިމިގެންދާއިރު، ރައްޔިތުންގެ އިތުބާރާއި އިހްތިރާމް ލިބިގެންވާ މުއައްސަސާއަކަށް ވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި ފުލުހުން އަދާކުރީ ބުރަ މަސްއޫލިއްޔަތެއް، ފުލުހުންނަށް ކުރިމަތިލާން ޖެހުނީ ދަތި ދުވަސްތަކަކާ، ކޮންމެ އުނދަގޫ ވަގުތެއްގައި ބަދުނާމުތައް، ނިކަމެތިކަމެއް އުފުލަން ޖެހިފައިވަނީ ފުލުހުން، މިއީ ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެއް، އެބޭފުޅުން ރޭދުވާ ހޭލާތިބެގެން ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމުގައި ކުރާ މަސައްކަތައް ޝަރަފުވެރި އިއްޒަތްތެރި ބަހެއް ނުލިބި ދިއުމަކީ ހިތާމަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. ގައުމަށް ކުރިއެރުމާއި ހަމަޖެހުން ގެނެސްދިނުމަށްޓަކައި ހުރިހާ މުއައްސަސާތައް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުންނާއެކު ކުރިއަށް ދިއުމަށްޓަކައި ފުލުހުންގެ މުއައްސަސާ އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރަންޖެހޭ ކަމަށްވެސް
މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު މިދަނީ ރިފޯމް މަސައްކަތުގައި ވަރަށް ގިނަ މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން، ފުލުހުން ދަނީ މި މަސައްކަތްވެސް ވަރަށް ފުރިހަމަ ކަމާއެކު ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އަތޮޅު ތެރޭގައި ފުލުހުން މަސައްކަތް ކުރަމުންދަނީ ވަރަށްވެސް ދަތި އުނދަގުލާއެކު ކަމަށެވެ. މަސައްކަތް ކުރަމުންދަނީ ވަރަށްވެސް ބުރަ އަދި ދަތިކަމާއެކު ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ވިއްސާރަ އާއި އަވީގައި، ރެއާއި ދުވާލު ވަރަށް މަދު ވަސީލަތާއެކު މަސައްކަތް ކުރަމުންދަނީ، ފުލުހުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ނުލިބި ފުލުހުން މަސައްކަތް ކުރަމުންދަނީ، މިކަމަކީ ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން ފުލުހުންގެ މުއައްސަސާއަށް އެބާރުލުން ލިބިގެން ހައްލު ކުރެވޭނެ ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުމާއެކު ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމާމެދު ޝައްކެތްނެތް ކަމަށެވެ.