އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންނަށް ތައްޔާރުވުމަށް، ގައުމީ ޓީމު ފިލިޕީންސަށް ފުރިއިރު ފިޓްނަސް ކޯޗް ވަލްޑަމީރު ކުރުނިޗް 'ލާޑޯ' ވިސާ ނުލިބިގެން އޭނާއަށް ގައުމީ ޓީމާއެކު ނުދެވުނެވެ.
ސައުދީ އަރަބިއްޔާގައި، މިމަހު ކުޅޭ ކޮލިފިކޭޝަނަށް ތައްޔާރު ވުމުގެ ގޮތުން، ސާފް ސުޒުކީ ކަޕުގައިވެސް ގައުމީ ޓީމާއެކު މަސައްކަތް ކުރި، އެސިސްޓެންޓް ކޯޗް ގެލާ ޝެކިލާޒީ އާއި ފިޓްނަސް ކޯޗް، ކުރުނިޗް ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މަހު އެވެ.
އާދިއްތަ ދުވަހުގެ ރޭ، ޓްރޭނިނިން ކޭމްޕްގައި ފިލިޕީންސަށް ފުރުމުގެ ކުރިން، ލާޑޯ ވަނީ މާލޭގެ ބަސް ޓާމިނަލަށް އައިސްފަ އެވެ. ގައުމީ ސްކޮޑު ގޮވައިގެން މާލެއިން އެއާޕޯޓަށް ދާން ބަސް ނައްޓާލި ފަހުން، ޓެކްސީއެއްގައި ލާޑޯ ހުޅުމާލެއަށް ދިޔަ މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
ގައުމީ ޓީމުގެ މެނޭޖަރު، މުހައްމަދު އީސާ 'މޯ' ބުނީ، ލާޑޯއަށް ނުދެވުނީ އޭނާއަށް ވިސާ ހަމަނުޖެހުމުން ކަމަށެވެ. ކުރިން ޓްރެއިނިން ކޭމްޕް ދިއުމަށް ހަމަޖެހިފައި އޮތްކަން ނޭންގި އޮތީތޯ ސުވާލު ކުރުމުން އޭނާ ބުނީ ޓްރެއިނިން ކޭމްޕް މުޅިން ފައިނަލުވީ ފެބްރުއަރީ 28 ވަނަ ދުވަހު ކަމަށެވެ.
"އެހެން ކޯޗަކުވެސް އަދި ކުޅުންތެރިޔަކުވެސް ވިސާ ނަގަން ނުޖެހުނު، ނަމަވެސް ލާޑޯއަށް އެކަނި ވިސާ ނަގަން ޖެހުނީ، ޓްރެއިނިން ކޭމްޕްގެ ފައިނަލު ޑޭޓް ފިލިޕީންސްގެ އެފްއޭ [ފިލިޕީންސް ފުޓްބޯލް ފެޑްރޭޝަނުން] ދިނީ 28 ގައި، ދެން އެ ދެމެދުގައި އައި ބަންދު ދެ ދުވަސް، ތިން ވަނަ ދުވަހަކީ ފުރަން އޮތް ދުވަސް އެދުވަހަކީ އާދިއްތަ ދުވަސް ވީމަ މިތަނަށް [ފިލިޕީންސަށް] ބަންދު ދުވަހެއް،" ފިލިޕީންސްގެ ވެރިރަށް މެނީލާގައި ހުރެ މިއަދު އަވަސް އާ ވާހަކަ ދައްކަމުން މޯ ކިޔައިދިނެވެ.
"ލާޑޯގެ ވިސާގެ ކަންތައް މިއަދު މުޅިން ހަމަޖެހިގެންދާނެ ކަމަށް މި ބަލަނީ، އެއަށްފަހު އޭނާ ޓީމާ ގުޅެން މާލެއިން ފުރާނީ، އަހަރެމެންވެސް ބޭނުންވީ އެންމެ އަވަހަކަށް އޭނާ އަހަރެމެންނާ ގުޅެން."
ނިމިދިޔަ އޭޝިއަން ކަޕުގައި، ލާޑޯ ވަނީ، ލުބުނާންގެ ގައުމީ ޓީމުގައިވެސް ފިޓްނަސް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. މޮންޓަނީގުރޯއަށް ނިސްބަތްވާ ލާޑޯ ވަނީ ޔޫރަޕްގެ އެލީޓް ބައެއް ކުޅުންތެރިންގެ ޕާސަނަލް ފިޒިކަލް ޓްރެއިނަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފަ އެވެ.
ޓީމާއެކު ދެން މަސައްކަތް ކުރަމުން އަންނަ، އެސިސްޓެންޓް ކޯޗް ސެކިލާޒީ އަކީ، ޖޯޖިއާ އުފަން ބެލެޖިއަމްގެ ރަށްވެހިކަންވެސް އޮންނަ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ބެލްޖިއަމްގެ އެންމެ މަތީ ލީގްގައި ކުޅެފަ އެވެ.
ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި، އިންޑިއާ ބަލި ކުރުމަށް ގޭމް ޕްލޭން އެކުލަވާލީ، ޝެކިލާޒީ އެވެ. ގައުމީ ޓީމުގެ ކޯޗް، ޕީޓާ ޝެގަޓް ސާފް ޗެމްޕިއަންޝިޕަށް ފަހު ބުނެފައި ވަނީ، އިންޑިއާގެ ކުޅެފައިވާ މެޗުތައް އެނަލިސް ކުރުމަށްޓަކައި އެތައް ގަޑިއިރެއް ޝެކިލާޒީ ހޭދަ ކުރި ކަމަށެވެ.
ޓީމުގެ އަނެއް އެސިސްޓެންޓް ކޯޗަކީ، ކުލަބު އީގަލްސްގެ ކުރީގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު 'ޝާކިއްޓޭ' އެވެ. މާލެއިން ފުރުމުގެ ކުރިން، މީޑިއާގައި ވާހަކަދައްކަމުން ޝެގަޓް ބުނީ، ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމު ލިޑް ކުރާނީ ދިވެއްސެއް ކަމަށެވެ.
އޭނާ ބުނީ، ދިވެހި ކޯޗުން އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އެ ކޯޗުންނަށް އިތުރު ފުރުސަތު ދޭން އެފްއޭއެމުން އޭނާގެ ކިބައިގައި އެދިފައިވާ ކަމަށެވެ.
"ސައުދީ އަރަބިއްޔާގައި ޓީމު ލިޑް ކުރާނީ ދިވެހި ކޯޗެއް، އަހަރެމެންގެ ދިވެހި ކޯޗުންނަށް އެ ފުރުސަތު ލިބޭނެ،" ޝެގަޓް ވާހަކަ ދެއްކި އެވެ.
ޓީމާއެކު ކޯޗިން ސްޓާފުންގެ ގޮތުގައި ދިޔަ ދިވެހި ކޯޗުންނަކީ، ޝާކިއްޓޭ އާއި ގޯލްކީޕިން ކޯޗް އަސްލަމް އަބްދުރަހީމް އެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ތިން ވަނަ ދުވަހު މެލޭޝިއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ބައެއްގައި ޝާކިއްޓޭ ވަނީ ޓީމަށް އިރުޝާދު ދީފަ އެވެ. ބެލެވޭގޮތުގައި ކޮލިފިކޭޝަންގައިވެސް ޓީމު ލިޑް ކުރާނީ ޝާކިއްޓޭ އެވެ.
މިދިޔަ ހަފުތާގައި، އޮންލައިން ނޫސް މިހާރަށް ދީފައިވާ އިންޓަވިއުގައި ޝެގަޓް ވަނީ، އޭނާގެ އެސިސްޓެންޓް ކޯޗް ޝާކިއްޓޭއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ، ޒުވާން ޓީމު އެކުލަވާލުމުގައި ޝާކިއްޓޭ ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މިމަހު 22 ން 26 އަށެ ކުރިއަށްދާ ކޮލިފިކޭޝަން ބުރުގައި ރާއްޖެ ހިމެނޭ ގުރޫޕުގައި އޮތީ، ސައުދީ އާއި އަރަބި އެމިރޭޓްސްގެ އިތުރުން ލުބުނާންއެވެ.