ލައިފްސްޓައިލް

ލަންޗް ބޮކްސް ގެންދަންވީ ސްކޫލަށް އެކަނިތަ؟

އިސްކޫލް ކުދިން މެންދުރުގެ ކެއުމެއް ނުވަތަ ހެނދުނުގެ ކުޑަ ނާސްތާއެއް ނެގޭ ވަރަށް "ލަންޗް ބޮކްސް" ފުރާ އެއްޗެހި އަޅާފައި ދެނީ އެ ކުދިންނަށް ލިބޭ ބްރޭކް ގަޑީގައި އެއްޗެއް ކާލަން ގެއަށް ނުދެވޭތީ އެވެ. އެހެންވެގެން "ލަންޗް ބޮކްސް" އޭ ބުނުމުން ހިތަށް ވަންނާނީ ވެސް ސިފަވާނީ ވެސް ކުދީން އިސްކޫލަށް ގެންދާ ލަންޗް ބޮކްހެވެ.

މި ލަންޗް ބޮކްސް އޮފީސްތަކަކުން ނުފެނެ އެވެ. އޮފީސްތަކުގެ މުވައްޒަފުން ވެސް ނަގަނީ ހަމަ ބްރޭކެވެ. އެއްގަޑި އިރުގެ ބްރޭކަށް ގެއަށް ގޮސް ހަމަޖެހިލައި އެއްޗެއް ކަލާގައިގެން ދާން ހަދަންޏާ ވަރަށް ގިނަ ފަހަރަށް ބްރޭކް ގަޑި ފަސްދީފައި ހިނގައި ދެއެވެ. މިހެން ދިމާވާތީ މެންދުރު ގަޑިއަށް ކާން ނުދެވޭ ބްރޭކަށް ވެސް ނުދެވޭ މީހުންނަށް އެންމެ ފަސޭހައިން ދުއްވައިިގަނެވޭނީ އެންމެ ކައިރީގައި ހުންނަ ފިހާރައިން ކޮންމެވެސް ލުއި ކާނާއެއް ހޯދާށެވެ. ބަނޑު ނުފުރުނަސް ފެޓްސް ގިނަ ލުއި ކާނާ އާއި ފިޒީ ޑްރިންކެއް ހޯދާލެވެ އެވެ. ހެނދުނު ވެސް މެންދުރު އަހަަރުމެންގެ އާދަ މިހާރު މި އޮންނަނީ މިކަހަލަ ފާޑަކަށެވެ. އެހެންނާ އެންމެ ފަސޭހައިން ދެވެން ހުރި ރެސްޓޯރަންޓަކަށް ވެދެ އަގު ބޮޑު މީލް އެއް ނަގައިގެން މަހުގެ ފުރަތަމަ ދެ ހަފްތާގައި ކައި ނިމޭ އިރު ދެން އޮތް ހަފުތާގައި ހުންނަން ޖެހެނީ ކުޑަ ގޮތެއް ހަދާލައިގެނެވެ. އަދި ފަހު ހަފުތާ ވާނީ އެކައްޗެއް ވެސް ނޯންނަ ހަފުތާއަކަށްވެފަ އެވެ. އޮފީހަށް ލަންޗް ބޮކްހެއް ގެންދިޔުމުގެ މުހިއްމުކަން އިހުސާސް ކުރެވޭނީ މިހާ ހިސާބުންނެވެ.

ލަންޗް ބޮކްސް އޮފީހަށް ގެންދަން ނުކެރެނީ ކީއްވެ؟

އޮފީސް ގަޑީގައި ލަންޗް ބޮކްސް ގެންދާތަން އާއްމުކޮށް ފެންނަނީ "މިއުޅޭ އިންޑިއާ މީހުން" ގެ ފިލްމު ތަކުންނެވެ. މި ބުނަނީ އެމީހުން އެ ގެންގުޅޭ ފާޑުގެ ދަގަނޑު ތަށިބަރިއެއް ހިފައިގެން އޮފީހަށް ދާށޭއެކޭ އެއް ނޫނެވެ. ތަށިބަރި ގެންދަން ބޭނުންވާ މީހާއަށް އެ ފުރުސަތު ވެސް އެބަ އޮތެވެ. ހަމަ ގެންދަންވީ އެވެ.

ތަށިބަރިތައް ރީތި ކުލަކުލައިގައި ޒަމާނީ ކޮށްލާފައިވެސް މިހާރު ހުރެ އެވެ. އޭގެ ބުރެއް މިދިއަ ރޯދަ މަހު އެ އައިގޮތަށްއައިސް ދިވެހިންގެ އިހުގެ ތަށިބަރީގެ މަތީން ހަދާންވެސް ކޮށްދިނެވެ. މިހާރު ވީތަނެއް ނޭނގެ އެވެ.

އޮފީހަށް ލަންޗް ބޮކްސް ގެންދިއުމަކީ ދުނިޔޭގެ އެންމެ ތަަރައްގީވެފައިވާ ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. ދުރު ދަތުރަކާއެކު ވަޒީފާއަށް އެއް ސިޓީން އަނެއް ސިޓީއަށް ދާ މީހުން ގޭގައި ތައްޔާރުކޮށްލައިގެން އޮފީހަށް ލަންޗް ބޮކްސް ގެންދެ އެވެ. ކުރީބައިގައި ތައްޔާރު ކުރާ މިފަދަ ކެއުމަށް "މީލް ޕްރެޕިންގް" އޭ ކިޔަ އެވެ.

ފަސޭހައިން ކާލެވޭނެ ގޮތަކަށް އެ ދުވަހުގެ ލަންޗް ތައްޔާރު ކޮށް އޮފީސް ދަބަހުގައި ނުވަތަ ލަންޗް ބޮކްހަށް ހާއްސަަ ވަކި ދަބަހެއްގައި ގެންދިޔުމުން ޖީބަށް ވެސް ލުއިވާނެ އެވެ. ވަގުތުވެސް ސަލާމަތްވާނެ އެވެ.

މީލް ޕްރެޕް ކުރާނީ ކިހިނެއް؟

ބިޒީ ޝެޑިއުލް އެއްގައި އުޅޭ މީހުނަށް ނުވަތަ ކާން ގެއަށް ނުދެވޭ މީހުނަށް މީލް ޕްރެޕިންގް މުހިއްމެވެ. އެއީ މި ސަބަބާ ހެދި އެވެ. ހެނދުނު އޮފީހަށް ދިއުމުގެ ކުރިން ނުވަތަ އޭގެ ކުރީ ރޭ ކައްކާފައިވާ ކާ އެއްޗެހި ތައްޔާރުކޮށްފައި ބެހެއްޓުމުން ފަސޭހައިން ލަންޗް ބޮކްސް ތައްޔާރު ކޮށްލައިގެން އޮފީހަށް ނައްޓާލެވޭނެ އެވެ.

ރޭގަނޑު ކައްކަން އުނދަގޫ ވާނަމަ އެ ތަކެތި ކޮށާފައި ވެސް ބެހެއްޓިދާނެ އެވެ. ނޫނީ ކައްކާ ނިންމާފައި ފްރިޖްގައި ވެސް ބެހެއްޓިދާނެ އެވެ. މިހެން ހެދުމުން ލަންޗް ބޮކްސްގައި ހިމަނާނީ ކޮން ކަހަލަ ކާނާ އެއްކަން އަމިއްލަ އަށް ނިންމޭނެ އެވެ. އަދި އެއީ އަމިއްލަ ހަށިގަނޑަށް ކިހާ ބޭނުންވާ އެއްޗެއްކަން ވެސް ދެނެގަނެވޭނެ އެވެ. އަދި އޭރަށް ވާނެ ގޮތަކީ ފެޓްސް ގިނަ ފައިދާއެއް ނެތް ބޭކާރު އެއްޗެއް އަމިއްލައަށް ތައްޔާރުކޮށް ލަންޗް ބޮކްސްއަށް ލާން ބޭނުމެއް ނުވާނެ އެވެ.

ހައްޓައްވެސް ޖީބަށްވެސް ލުއި!

ކޮންމެ ދުވަހަކު ވަރުގަދަ ލަންޗެއް ނަގާނަމަ އެއަށް ބޮޑު ހަރަދެއް ވެސް ދާނެ އެވެ. އެހާ ވަގުތު ވެސް އޭގައި ހިމެނޭނެ އެބެ. އަދި މި ކެއުމާއެކީ ފިނި ބުއިމެއް ވެސް ބޭނުން ވާނެ ނޫންހެއްޔެވެ؟ އާދައިގެ މުސާރައެއް ލިބޭ މީހަކަށް މަހުގެ ހުރިހާ ދުވަހު ރެސްޓޯރެންޓުން ކައިގެން އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބޮޑު މުސާރަ ލިބޭ މީހުން ވެސް ލަންޗް ބޮކްސް ގެންދިއުމުން ރައްކާ ކުރަން ލިބޭ ބައި އިތުރުވާނެ އެވެ. މުހިން އެހެން ކަމަކަށް އިންވެސްޓް ކުރެވޭނެ އެވެ.

ލަންޗް ބޮކްސް އިސްކޫލްތަކުގެ އިތުރުން އޮފީސް އޮފީހަށް ވެސް ގެންދަން ފަށަންވީ އެވެ. ދިވެހިން މިކަން އާދައަކަށް ހަދަންވީ އެވެ. ޒާތްޒާތުގެ ލަންޗް ބޮކްސް އުފައްދާފައި ހުންނަ އިރު އެއީ ފަސޭހައިން ދަބަހަށް ވެސް ލެވޭނެ އެއްޗެކެވެ. ދަބަހަށް ނުލެވޭނަމަ ރީތި ޑިޒައިންތަކަށް ލަންޗް ބޮކްސް ލާން ހާއްސަކޮށް އުފައްދާފައި ހުންނަ ދަބަހެއް ވެސް ހޯދިދާނެ އެވެ. އަޅެ ނަފުސަށްޓަކައި ޓެސްޓް ކޮށްލުން ކިއެއް ހެއްޔެވެ؟