ދުނިޔެ

ސައުދީ ރަސްގެފާނާއި ވަލީއަހުދާ ދެމެދު ހިޔާލުތަފާތުވުންތަކެއް؟

Mar 6, 2019

ރިޔާދު (މާޗް 6) - ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދުއާ އެމަނިކުފާނުގެ ދަރިކަލުން އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ދެ ބަފައިންގެ މެދުގައި އެންމެ ބޮޑަށް ހިޔާލު ތަފާތު ވެފައިވަނީ ޔަމަނުގައި ސައުދީ އިސްވެ ކުރަމުންދާ ހަނގުރާމައިގެ މައްސަލާގައި ކަމަށް "ދަ ގާޑިއަން" ނޫހުން ޝާއިއުކުރި ރިޕޯޓެއްގައި ތުހުމަތު ކޮށްފައި ވެއެވެ.

އޭގެ އިތުރުން، ރަސްގެފާނު މިދިޔަ މަހު މިސްރަށް ކުރެއްވި ދަތުރުފުޅުގެ ކުރިން، ވަލީއަހުދު ރަސް ކަމަށް ވަޑައިގަތުމުގެ ރޭވުމެއްގެ އިންޒާރު ރަސްގެފާނުގެ އަރިސްބޭފުޅުން ދެއްވިކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ އިންޒާރާއެކު، ރަސްގެފާނުގެ ދަތުރުފުޅުގައި ސެކިޔުރިޓީގެ ގޮތުގައި ހަރަކާތްތެރިވާން ހަމަޖެއްސި މީހުން ވެސް އެންމެ ފަހު ވަގުތު ބަދަލު ކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. ރަސްގެފާނު ސަލްމާން އެނބުރި ސައުދީއަށް ވަޑައިގެންނެވިއިރު، މަރުހަބާ ދެންނެވުމަށް ވަލީއަހުދު ވަޑައި ނުގަންނަވާ ކަމަށް ވެސް ވެއެވެ.

ސައުދީ ރަސްކަމަށް އަމާޒު ހިއްޕަވާފައިވާ، މުހައްމަދު ބިން ސަލްމާން ވަނީ އެ މަނިކުފާނުގެ ނުފޫޒާއި ބާރު އިތުރު ކުރުމަށް ޝާހީ އާއިލާ ހިމެނޭ ގޮތަށް ވާދަވެރިންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅުއްވައިފަ އެވެ. ނަމަވެސް، މިދިޔަ އޮކްޓޯބަރު މަހު، ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި، ވަލީއަހުދަށް ވަނީ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި އެވެ. އެ މައްސަލާގައި، ވަލީއަހުދަށް ރަސްގެފާނު ކުރެއްވި އިތުބާރު ގެއްލިފައިވާ ކަމަށް އޭރު ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.