މެޖޯރިޓީ، ކުލަބުތައް އޮތީ އެފްއޭއެމްގެ ލީޑާޝިޕާއެކު ކަމަށް، ފުރަތަމަ ޑިވިޝަންގެ ފަސް ކުލަބާއެކު، މިއަދު އެފްއޭއެމްގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަމުން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ނޫސް ކޮންފަރެންސްގައި ބައްސާގެ އަރިހުގައި ތިއްބެވީ، ފުރަތަމަ ޑިވިޝަންގެ ފަސް ކުލަބަކުންނެވެ. އެއީ، މާޒިޔާ، އީގަލްސް، ޔުނައިޓަޑް ވިކްޓަރީ، ގްރީން ސްޓްރީޓް އަދި ދަ ގްރޭންޑޭ އެވެ. އެ ފަސް ކުލަބުގެ ތެރެއިން މާޒިޔާ އާއި ޔުނައިޓަޑް ވިކްޓަރީ އަދި ގްރީން ސްޓްރީޓަކީ، އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން މިދިޔަ މަހު 10 ވަނަ ދުވަހު ހުށަހެޅި ގަރާރުގައި ސޮއި ކޮށްފައިވާ ކުލަބުތަކެވެ.
ބައްސާމް ވިދާޅުވީ، އެފްއޭއެމްގެ ލިޑާޝިޕް ބަދަލު ކުރަން ކުލަބުތަކުން ބޭނުން ނުވާ ކަމަށާއި ލީޑާޝިޕް ބަދަލު ކުރަން އުޅޭނީ އެހެން ބައެއް ކަމަށެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާ ވާހަކަ ބައެއް ފަރާތްތަކުން ދެއްކިޔަސް ކުލަބުތަކުން އެކަމާ ނޫޅޭ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އެހެންވީމަ ކުލަބުތަކަކުން މިކަމާއެއް [އެފްއޭއެމްގެ ލީޑާޗިޕް ބަދަލު ކުރަން] ނޫޅޭ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ، ވަކި ބަޔަކު ބޭނުންވެގެން އުޅޭ ކަމެއް ކަންނޭންގެ،" މިއަދުގެ ޕްރެސްކޮންފަރެންސްގައި ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ފުޓްބޯޅަ އާއިލާގެ މެޖޯރިޓީ މިއޮތީ އެކުގައި، ފުޓްބޯޅައިގެ މިހާރު އޮތް ލީޑާޝިޕާއެކީ މަސައްކަތް ކުރަން ތައްޔާރަށޭ."
އޭނާ ވިދާޅުވީ، އަންނަ އަހަރު ބާއްވާ އިންތިހާބާ ހަމައަށް އެފްއޭއެމްގެ މިހާރުގެ ލީޑާޝިޕާއެކު މަސައްކަތް ކުރަން ކުލަބުތައް އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެފްއޭއެމްގެ ލިޑާޝިޕް ބަދަލު ކުރަން އުޅޭ ފަރާތްތަކުންވެސް އަންނަ އަހަރު ބާއްވާ އިންތިހާބުގައި ރަނގަޅު ޕްލޭންއަކާއެކު އިންތިހާބަށް ތައްޔާރުވުމަށް އޭނާ ގޮވާލެއްވި އެވެ.