މާޒިޔާ

ގައުމީ ޓީމުގެ މިޑްފީލްޑަރު ނިހާޓް މާޒިޔާއަށް

ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ހިމެނިގެން ގައުމީ ޓީމު މޮޅު ކުޅުމެއް ދެއްކި، މިޑްފީލްޑަރު ހުސައިން ނިހާން 'ނިހާޓް' މާޒިޔާއަށް ސޮއި ކޮށްފި އެވެ.

އޭނާ މިއަދު މާޒިޔާއަށް ސޮއި ކުރީ ތިން އަހަރު ދުވަހަށެވެ. ނިހާޓްގެ ސީނިއާ ފުޓްބޯޅަ ކެރިއަރު އޭނާ ފެށީ ކުލަބު އީގްލްސްއިންނެވެ. އީގަލްސްއަށް އޭނާ ސޮއި ކުރީ 2012 ވަނަ އަހަރު ސީޒަންގެ މެދުތެރޭގަ އެވެ.

އޭގެ ކުރިން، ޔޫތު މުބާރާތުގައި، ހއ. ކެލޭ ނާޅި ސްޕޯޓްސް ކުލަބަށް އޭނާ ވަނީ ކުޅެފަ އެވެ. ޔޫތު މުބާރާތުގައި އޭނާ ދެއްކި ކުޅުމާއެކު، 23 އަހަރުން ދަށުގެ ސްކޮޑުން އޭނާއަށް ޖާގަ ލިބުނެވެ.

އީގަލްސް ދޫކޮށް އޭނާ ބަދަލުވީ ވިކްޓަރީ އަށެވެ. ވިކްޓަރީގައި ތިން އަހަރު ހޭދަ ކުރުމަށް ފަހު ދެ އަހަރަށް ވެލެންސިއާއަށް ސޮއި ކުރި އެވެ. ވެލެންސިއާ އުނދަގޫ ހާލަތަކަށް ވެއްޓިފައި ވަނިކޮށްވެސް، 2016 ވަނަ އަހަރު އެފްއޭކަޕު ވެލެންސިއާ އަށް ހޯދައިދިނުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ.

ޖެހިގެން އައި 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް މޮޅު ކުޅުމެއް އޭނާ ދެއްކި އެވެ. ކޮލިފައިންގެ ޕްލޭއޮފްގައި، އިންޑިއާގެ މޯހަންބަގާންއާ ދެކޮޅަށް މާލޭގައި ވެލެންސިއާ ކުޅުނު މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ އޭނާ އެވެ.

އެ މެޗުގައި، ވެލެންސިއާ މޮޅު ކޮށްދޭން، ނިޙާޓަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ކޯނަރަކުން ތަނަވަސްވި ބޯޅައަށް އޭނާ މަސައްކަތް ކުރިއިރު ހުރީ ހުސްކޮށެވެ. އޭނާއަށް ލިބުނު ބޯޅަ އާދައިގެ ގޮތަކަށް ފޮނުވާލުމުން އެ ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ވެލެންސިއާގައި ދެ އަހަރު ހޭދަ ކުރުމަށް ފަހު، މިދިޔަ އަހަރު އޭނާ ކުޅުނީ ވިކްޓަރީއަށެވެ. ކުޅެ މާލޭ ލީގްގައި އޭނާ ދެއްކި ކުޅުމާއެކު، ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުން އޭނާއަށް ޖާގަ ލިބުނެވެ. ސާފް ޗެމްޕިއަންޝިޕްގައި އޭނާ ކުޅުނީ، ސެމީ ފައިނަލު މެޗާއި ފައިނަލު މެޗެވެ. އެ ދެ މެޗުގައި އޭނާގެ ފަރާތުން ތަފާތު ފެނިގެން ދިޔަ އެވެ.

ލ. މާބައިދޫއަށް އުފަން ނިހާން ގެންދިއުމަށް، ޓީސީ އާއި ގްރީން ސްޓްރީޓުންވެސް އޭނާއާ ވާހަކަ ދެއްކި އެވެ. އޭނާ ބުނީ މާޒިޔާއަށް ދިޔައީ، އެހެން ކުލަބުތަކަށްވުރެ މާޒިޔާގެ ހުށަހެޅުން ރަނގަޅު ވުމުން ކަމަށެވެ. ނިހާންއަކީ ސެންޓްރަލް މިޑްފީލްޑްގެ އިތުރުން ޑިފެންސިވް މިޑްފީލްޑަރަކަށްވެސް ކުޅުމުގެ ހުނަރު ހުރި ކުލުންތެރިޔެކެވެ.

ޖޫންގައި ފަށާނެ ކަމަށް އެފްއޭއެމުން ބުނެފައިވާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން މާޒިޔާއިން ވަނީ މީގެ ކުރިން، ނިއު ރޭޑިއަންޓަށް ކުޅުނު ހަމްޒާ މުހައްމަދު 'ހަމްޕް' އާއި ޓީސީއަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން 'ފެލެއިނީ އިއްބެ' ލައްވައި ސޮއި ކުރުވާފަ އެވެ.

މިދިޔަ ތިން އަހަރު މާޒިޔާއަށް ކުޅުނު ހަތަރު ކުޅުންތެރިޔެއްގެ ކޮންޓްރެކްޓް ހަމަވުމުން އެ ކުޅުންތެރިން ވަނީ ކުލަބު ދޫކޮށްލާފަ އެވެ. އެއީ، އެޓޭކިން މިޑްފީލްޑާ އިސްމާއީލް އީސާ 'މެސީ' އާއި ވިންގާ އަހްމަދު އިމާޒު 'އާއްކޮ' މިޑްފީލްޑަރު ޔަޝްފާދު ހަބީބު 'މުލަކޭ' ގެ އިތުރުން ޑިފެންޑަރު ގާސިމް ޝަމާމް 'ޝަންމޭ' އެވެ.

އާ ސީޒަނަށް ކުޅުންތެރިން ލައްވައި ސޮއި ކުރުވި ނަމަވެސް، އަދި އެ ޓީމަށް ކޯޗަކު ހަމަޖައްސާފައެއް ނުވެ އެވެ. މިދިޔަ ދޮޅު އަހަރު މާޒިޔާއަށް ކޯޗް ކޮށްދިން އިސްމާއީލް މަހްފޫޒު 'އިންމަ' ވަނީ ކުރިއަށް ސީޒަަންގައި ގްރޭންޑް އަމީގޯސްއަށް އިރުޝާދު ދޭން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ.