ހަބަރު

ބީއެމްއެލްއިން އިހަވަންދޫގެ ހަތަރު މީހަކަށް ވީލްޗެއާ ހަދިޔާކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން ހއ. އިހަވަންދޫގެ ހަތަރު ފަރާތަކަށް ވީލްޗެއާ ހަދިޔާކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ އެ ޕްރޮގްރާމްގެ ދަށުން މި އަހަރު ތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ 60 ފަރާތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. ބީއެމްއެލްއިން އެ ވީލްޗެއާތައް ހަދިޔާކުރަމުންދަނީ ދިރިއުޅުމުގައި ހިނގާބިގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ އަދި މޮޓްރައިޒްޑް ވީލްޗެއާ އަމިއްލަ އަށް ދުއްވޭނެ ފަރާތްތަކަށެވެ. އެ ގޮތަށް ބޭންކުން ވީލްޗެއާ ހަދިޔާ ކުރާއިރު އެ ރަށެއްގައި އެ ވަގުތު ތިބި މޮޓްރައިޒްޑް ވީލްޗެއާ ބޭނުންވާ ހުރިހާ ފަރާތްތަކަށް ހަދިޔާ ކުރަމުންދާ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބޭންކު ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމަށެވެ.

"މި ޚާއްސަ މޮޓޮރައިޒްޑް ވީލްޗެއަރތަކުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް އެކަމުގެ ހެޔޮ ބަދަލު އައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޭންކުގެ އަމާޒަކީ މި ޕްރޮގްރާމް ނިމިގެންދާއިރު މުޅި ރާއްޖޭގައި މޮޓްރައިޒްޑް ވީލްޗެއަރ އަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފަދަ ވީލްޗެއަރ ހަދިޔާކޮށްދިނުން." އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ މީގެ ކުރިން އެ ބޭންކުން ރާއްޖޭގެ 7 ރަށެއްގައި ދިރިއުޅެމުންދާ 16 ފަރާތަކަށް މޮޓްރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފައިވާ ކަމަށެވެ. އެ ރަށްތަކަކީ ހއ. ދިއްދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ.ނައިފަރު، ކ.މާފުށި، އއ.ރަސްދޫ، އަދި ސ. ހުޅުމީދޫ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.