އަންހެނުންގެ ދުވަސް

އަންހެނުންގެ ދުވަސް: ތާރީހުން މިއަދު

Mar 8, 2019
1

ދުނިޔޭގެ ފެންވަރުގައި ބައިނަލްއަގުވާމީ ގޮތުން ކުލަ ގަދަކޮށް ފާހަގަ ކުރާ އަންހެނުންގެ ދުވަހަކީ އަންހެނުން ބާރުވެރި ކުރުވުމަށް ފާހަގަ ކުރާ ދުވަހެކެވެ. ޖިންސީ ހަމަ ހަމަ ކަން ނައްތާލައި އެއް މިނެއްގައި ހައްގުތައް ކަނޑަ އެޅިގެން ދިއުމަށް ވަކާލާތު ކުރާ މި ހަނގުރާމައަކީ އަހަރުތަކެއް ވަންދެން ކުރި ހަނގުރާމަ އެކެވެ. ހަނގުރާމައިގެ މޮޅުވުން އަދި އޮތީ އެވެ. މިކަން ހަނދާން ކޮންމެ އަހަރަކުވެސް މާރިޗު މަހުގެ އަށް ވަނަ ދުވަސް ފާހަގަ ކުރަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގަ އެވެ.

ކޮންމެ އަހަރަކު ވެސް އާ ތީމަކާއި އާ ޝިއާރަކާއެކު ފާހަގަ ކުރާ މި ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ބެލެންސް ފޯ ބެޓާ" އެވެ.

މި ދުވަހުގެ ހާއްސަކަން ފާހަގަ ވަނީ މިއީ ވަކި ދާއިރާއަކަށް ވަކި ކަމަކަށް ހާއްސަކޮށް ފާހަގަ ކުރާ ދުވަހަކަށް ނުވާތީ އެވެ. ސަރުކާރު މުވައްޒިފުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ މީހުންނާއި އަމިއްލަ ވިޔަފާރި ހިންގާ ކޮޅަށް ޖެހުމުގައި ފާހަގަ ކޮށްލެވޭ މީހުނާއި ދާއިރާތަކުގެ އެންމެ މަތީ ފަންތި އާއި އެންމެ ދަށު ފަންތީ އަންހެނުންނަށް ވެސް މި ދުވަސް ހާއްސަ ވެއެވެ.

އަންހެނަކަށް ވީތީ ނުކުރެވޭނެ ކަމެއް ނޯންނާނެ ކަމާއި އަންހެން ފިރިހެން ތަފާތު ކުރުމުގެ ފަރަގު ނައްތާލައި އިޖުތިމާއީ ބެލެންސެއް ގެނެވޭނެތޯ މަސައްކަތް ކުރަން މި އަހަރުގެ ޝިއާރުގައި ބުނެ އެވެ.

އަންހެނުންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރަން ފެށީ، ނިއު ޔޯކުގައި 15،000 އެއްހާ އަންހެނުން އެއްވެ ކުރި މުޒާހަރާ އަކަށް ފަހު އެވެ. މުޒާހަރާގައި އެއްވި އަންހެނުން ގޮވާލީ އެމީހުންގެ ވަޒީފާގެ ވަގުތު ކުޑަ ކުރުމަށާއި ރަނގަޅު އެކަށޭނަ މުސާރައެއް ވެސް ދިނުމަށެވެ. ހާއްސަކޮށް އިންތިހާބުތަކުގައި އަންހެނުންނަށް ވެސް ފިރިހެނުންނެކޭ އެއްފަދައިން ވޯޓު ލެވި، ވޯޓު ލުމުގެ ހައްގު ހޯދައިދޭށެވެ. މި ހައްގުތަކަށް އެދި އަންހެނުން ފުރަތަމަ ފަހަރަށް އަޑު އުފުލާފައި ވަނީ 1908 ވަނަ އަހަރު އެވެ.

އެއަށްފަހު، އަންހެނުންގެ ދުވަހު ޑެންމާކާއި ސްވިޒަލޭންޑް އޮސްޓްރޭލިއާ އަދި ޖާމަނީގައި މިލިއަނެއްހާ އަންހެނުން އެއްވެ ކުރިއަށް ގެންދިޔަ ރެލީ ތަކުން އަންހެނުންގެ ހައްގުތައް ހޯދަން ވަކާލާތު ކުރި އެވެ. ހަމަ އެކަނި ވޯޓު ލުމާއި ފިރިހެނުންނާއި އެއް ހަމަ އެއްގައި މުސާރަ ދިނުމުގެ އިތުރަށް މަސައްކަތުގެ މާހައުލުގައި ގެންގުޅޭ ތަފާތު ކުރުން ނައްތާލާ ވަޒީފާގެ މައިދާނުގައި އަންހެނުން ވެސް ބާރުވެރި ކުރުވުމަށް އެ މުޒާހަރާތަކުގައި ގޮވާލި އެވެ.

އަދި، 1975 ގައި އދ. އިން މާރިޗް މަހުގެ އަށް ވަނަ ދުވަހަކީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ރަސްމީ ކޮށް ފާހަގަ ކުރަން ނިންމި އެވެ.

އަންހެނުންގެ ދުވަސް ރާއްޖޭގައި އެންމެ ފުރަތަމަ ފާހަގަ ކޮށްފައިވަނީ، 1983 ވަނަ އަހަރު އެވެ. ރާއްޖޭގެ އަންހެނުންނަށް އެކި ގޮތް ގޮތުން ދިމާވާ ގޮންޖެހުންތަކާއި ވަޒީފާގެ މާހައުލުގައި ބާރު ވެރި ކުރުވުމަށް ހާއްސަކޮށް މި ދުވަސް ފާހަގަކުރެ އެވެ. މި ދުވަހާ ގުޅުވައިގެން ހާއްސަ ހަފުލާތައް ބޭއްވުމާއި އަންހެނުންގެ ދައުރު އެކި ދާއިރާތަކުގައި މުހިއްމު ވަނީ ކިހިނެއްކަން ބުނެދެވި އެކި ގޮތް ގޮތުން އަންހެނުން ބާރުވެރި ކުރުމަށްވެސް މަސައްކަތް ކުރެ އެވެ.