ގައުމީ ފުޓްބޯޅް ޓީމް

ޒުވާން ޓީމު ފިލިޕީންސްގެ ޓޮޕް ޓީމާ ދެކޮޅަށް

ފިލިޕީންސްގައި ޓްރެއިނިންއަށް ކޭމްޕްކޮށްފައިވާ ރާއްޖޭގެ ޒުވާން ޓީމުން ފިލިޕީންސްގެ ޓޮޕް ޑިވިޝަންގެ ކުލަބެއް ކަމަށްވާ، ސްޓޭލިއަން ލެގޫނާ އެފްސީއާ ދެކޮޅަށް ޓްރޭނިން މެޗެއް ކުޅުމަށް ހަމަޖެހިއްޖެ އެވެ.

ޒުވާން ގައުމީ ޓީމުން، ތައްޔާރު ވަމުން ދަނީ އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނަށެވެ. ފިލިޕީންސްގައި ހުރެ މިއަދު އަވަސްއާ ވާހަކަ ދައްކަމުން، ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ 'މޯ' ބުނީ ފިލިޕީންސްގެ ފުރަތަމަ ޑިވިޝަންގެ ޓީމާ ދެކޮޅަށް މެޗެއް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ޒުވާން ޓީމަށް މުހިންމު ޓެސްޓެއް ކަމަށެވެ.

"އަހަރެމެންނާއެކު މިތިބީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް، 17 އަހަރުގެ ކުޅުންތެރިން މި ޓީމުގައި އެބަތިބި، ފިލިޕީންސްގެ އެންމެ މަތީ ޑިވިޝަންގެ ކުލަބަކާ ދެކޮޅަށް މެޗެއް ހަމަޖެހިގެން ދިއުމަކީ މި ޓީމަށް ލިބޭނެ ރަނގަޅު ތަޖުރިބާއަކަށް ވާނެ،" މޯ ބުންޏެވެ. "އަހަރެމެން މިތަނަށް އައީވެސް މާލޭގައިވެސް ވަރަށް ވަރުގަދަ ޓްރޭނިންތަކެއް ކުރުމަށްފަހު އެ ޓްރޭނިންތަކުން ކުޅުންތެރިންނަށް ހާސިލުވި މިންވަރު އެނގޭނެ، މިއީ ވަރަށް މުހިންމު ޓެސްޓެއް."

ފިލިޕީންސްގެ އާ ސީޒަން ފެށެން ދަނީ ތައްޔާރު ވަމުންނެވެ. މިދިޔަ އަހަރު ސްޓޭލިއަން ލެގޫނާ އެފްސީއިން ނިންމާލީ، ފިލިޕީންސްގެ ޕްރިމިއާ ލީގްގެގެ ހަތަރު ވަނައިގައި އޮވެގެންނެވެ.

މިމަހު 22 ން 26 އަށް ކުރިއަށް ގެންދިއުމަށް ހަމެޖހިފައިވާ ކޮލިފިކޭޝަން ބުރުގައި، ރާއްޖެ ހިމެނޭ ގުރޫޕް ޑީ ގައި ހިމެނެނީ ކޮލިފިކޭޝަން ބާއްވާ ގައުމު ސައުދީ އަރަބިއްޔާ އާއި އަރަބި އެމިރޭޓްސްގެ އިތުރުން ލުބުނާން އެވެ.

ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމު ލިޑް ކުރާނީ ދިވެއްސެއް ކަމަށެވެ. އޭނާ ބުނީ، ދިވެހި ކޯޗުން އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އެ ކޯޗުންނަށް އިތުރު ފުރުސަތު ދޭން އެފްއޭއެމުން އޭނާގެ ކިބައިގައި އެދިފައިވާ ކަމަށެވެ.

"ސައުދީ އަރަބިއްޔާގައި ޓީމު ލިޑް ކުރާނީ ދިވެހި ކޯޗެއް، އަހަރެމެންގެ ދިވެހި ކޯޗުންނަށް އެ ފުރުސަތު ލިބޭނެ،" ޝެގަޓް ވާހަކަ ދެއްކި އެވެ.

ޓީމާއެކު ކޯޗިން ސްޓާފުންގެ ގޮތުގައި ދިޔަ ދިވެހި ކޯޗުންނަކީ، އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު 'ޝާކިއްޓޭ' އާއި ގޯލްކީޕިން ކޯޗް އަސްލަމް އަބްދުރަހީމް އެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ތިން ވަނަ ދުވަހު މެލޭޝިއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ބައެއްގައި ޝާކިއްޓޭ ވަނީ ޓީމަށް އިރުޝާދު ދީފަ އެވެ. ބެލެވޭގޮތުގައި ކޮލިފިކޭޝަންގައިވެސް ޓީމު ލިޑް ކުރާނީ ޝާކިއްޓޭ އެވެ.

މިދިޔަ ހަފުތާގައި، އޮންލައިން ނޫސް މިހާރަށް ދީފައިވާ އިންޓަވިއުގައި ޝެގަޓް ވަނީ، އޭނާގެ އެސިސްޓެންޓް ކޯޗް ޝާކިއްޓޭއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ، ޒުވާން ޓީމު އެކުލަވާލުމުގައި ޝާކިއްޓޭ ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.