މިންތީގެ ތަފާތު ކުރުން ރަދީފުގައި އަންހެނުންނާއިި ފިރިހެނުންް މާނަ ކުރެވިފައިވާ ގޮތުން ފެނިގެންދާ ކަމަށާއި އަންހެނުންގެ ލަފްޒީ މާނަ ބަދަަލުކުރަންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
ރަދީފުގައި އަންހެނުންގެ މާނައިގެ ގޮތުގައި ވަނީ، އިންސާނުންގެ ދަރިމައިވާ ބާވަތުގެ ގިނަ މީހުންނަށް ކިޔާނަން ނުވަތަ އަނބިމީހާ އެވެ. އަދި ފިރިހެނުންގެ މާނައިގެ ގޮތުގައި ވަނީ އިންސާނުންގެ ތެރެއިން އަންހެން ޖިންސު ނޫން އަނެއް ޖިންސުގެ ތަސައްރަފު ފުދިފައިވާ މީހުންނެވެ.
އަންހެނުންގެ ދުވަހުގެ މުނާސަތުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ތާރީހާއި ބަހުގެ ތެރެއިން މިންތީގެ ތަފާތުތައް ފެނިގެންދާ ކަމަށާއި އެފަދަ ވިސްނުންތައް މިއަދު ބަދަލުކުރަންޖެހޭ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއް ކަމަކީ ރަދީފުގައި އަންހެނުންނާއިި ފިރިހެނުންް މާނަ ކުރެވިފައިވާ ގޮތް ކަމަށެވެ.
"އެގޮތުން އަންހެނުންގެ މާނައިގެ ގޮތުގައި ރަދީފުގައި މިވަނީ އިންސާނުންގެ ދަރިމައިވާ ބާވަތުގެ ގިނަ މީހުންނަށް ކިޔާނަން، ފިރިހެނުންގެ މާނައިގެ ގޮތުގައި މިވަނީ އިންސާނުންގެ ތެރެއިން އަންހެން ޖިންސް ނޫން އަނެއް ޖިންސްގެ ތަސައްރަފް ފުދިފައިވާ މީހުން، މާޖާޒް: ހިތްވަރުގަދަ މީހުން، ހިތްވަރު ގަދަ ވުމަކީ ވަކި ޖިންސަކަށް ތަބީއީ ގޮތުން ހާއްސަ ސިފައެއް ކަމުގައި ނުވާއިރު އަދި އަންހެނުންނަކީ ވެސް ފިރިހެނުންނެކޭ އެއްގޮތަށް ހިތްވަރު ގަދަ ބަޔަކަށްވާއިރު ޖިންސް ސިފަކުރުމުގައި މިފަދަ ތަފާތުތައް ގެންގުޅުމަކީ ރަނގަޅު ގޮތެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އަންހެނުންނަކީ ދަރިމައިވާ ބާވަތުގެ ގިނަ މީހުންނަށް ކިޔާނަމަކަށްވާނަމަ ދަރިމައިވުމަށްފަހު ބަލިވެ އިނުމާއި ވިހެއުން އެއީ ހިތްވަރު ހުރެގެން ވާނެ ކަމެއް ނޫން ކަމަށް ދެބަސްވާނެ މީހަކު ނުހުންނާނެ ކަމަށެވެ.
ޝިދާތާ ވިދާޅުވީ، ބައިނަލް އަގުވާމީ ގޮތުން އަންހެނުންގެ ދުވަސް ފާހަގަ ކުރާ ވަރަށް ވެސް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި މުޖުތަމައުގައި އަންހެނުންގެ ދައުރުގެ އަގުވަޒަން ކުރުމާއި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ސަމާލުކަމަށްގެނެސް އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމާއި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުން ހިމެނެ އެވެ.
ޝިދާތާ ވިދާޅުވީ، މިންތީގެ ހަމަހަމަކަމާއި ގުޅޭ މައްސަލަ ނައްތާލެވޭނީ އަދި ފަރަގު ނައްތާލެވޭނީ އެކަމުގައި ދެ ޖިންސްގެ ބައިވެރިވުން އެންމެ ފުރިހަމައަށް ލިބިގެން ކަމަށެވެ.
ޝިދާތާ ވިދާޅުވީ، ރާއްޖެއަކީ ޒަމާންވީ މުއްސަނދި ތާރީހެއް އޮތް ގައުމެއް ކަމަށެވެ. ދިވެހި އަހެނުންނަށް އިޖްތިމާއީ އަދި ސިޔާސީ މައިދާނުގައި ހަމަހަމަ ކަމާއެކު ޒަމާނުއްސުރެ ލިބިދީފައިވާ ކަމަށް ތާރީހުން އެނގިގެންދާ ކަމަށެވެ. އިޖްތިމާއީ އަދި ސިޔާސީ ދާއިރާގައި އަންހެނުން މުހިންމު ރޯލެއް އަދާކޮށްފައިވާކަން ތާރީހުގެ ފަތްފުއްތަކުން ހެކިދޭ ކަަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ނަމަވެސް އަންހެނުންގެ ހައްގުތައް އަލުން މިއަދު ހޯދަން ނިކުންނަން ޖެހުމަކީ އެކަމާމެދު އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނާލަން ޖެހޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ކުރީގެ ރަސްރަސްކަލުން ގައުމަށް ކޮށްދެއްވާފައިވާ ކަންކަން ތާރީހުގައި ލިޔެވިފައިވީ ނަމަވެސް ގައުމަށް ހިދުމަތްތައް ކުރެއްވި އަންހެން ބޭފުޅުންގެ ތާރީހުން ފެންނަން ނެތްކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރެހެންދި ހަދީޖާގެ ޒައާމަތުގައި ހިނގާފައިވާ ހާދިސާތައް ރަސްރަސްކަލުންގެ ވެރިކަމުގައި ވެސް ހިނގާފައިވާ އިރު އެފަދަ ރަސްކަލުން ސިފަކޮށްފައި ވަނީ ބަތަލުންގެ ގޮތުގައި ކަމަށެވެ. ނަމަވެސް ރެހެންދި ހަދީޖާގެ ތާރީހު ގެނެސްދީފައި ވަނީ ކަނބަލަކާމެދު އެންމެ ނުބައި ތަސައްވަރު އުފެދޭ ގޮތަށް ކަމަށާއި އެއީ އިންސާފު ނޫން ކަމަށެވެ. މިނިސްޓަރު ވަނީ ރެހެންދި ހަދީޖާގެ ރަނިކަމުގައި ހިނގި ކަމަށް ބުނާ ހާދިސާތައް އަލުން ދިރާސާކޮށް އެކަމުގެ ހަގީގަތް ސާފުކޮށްދިނުމަށް ތާރީހު އިލްމުވެރިންނަށް ގޮވާލައްވާފަ އެވެ.