ހަބަރު

ޝައުގުވެރިވެފައި ތިއްބާ "އަވަސް ހުކުރު" ސީޒަން ބްރޭކަށް!

Mar 7, 2019
3

އަވަސް އޮންލައިން އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ ހާއްސަ ޓޯކް ޝޯ، "އަވަސް ހުކުރު" ސީޒަން ބްރޭކަށް ހިނގައްޖެ އެވެ.

ކިޔުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ފަހު ގިނަ އަދަދެއްގެ ބަޔަކު އިންތިޒާރު ކުރަމުން އައި އަވަސް ހުކުރު ސީޒަން ބްރޭކަށް ދިޔައީ 17 އެޕިސޯޑެއް ގެނެސްދުމަށް ފަހު އެވެ.

މި 17 ޝޯގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަ ކޮށްލެވޭ އެކި ފިކުރުގެ ތަފާތު ބޭފުޅުންގެ ހާއްސަ އިންޓަވިއުތައް ގެނެސްދީފައި ވެއެވެ.

އަވަސް ހުކުރު ޝޯ، ބްރޭކަށް ދާން ކުރިން ނިންމަފައި އޮތީ 25 އެޕިސޯޑު ނިންމުމަށްފަހު އެވެ. ނަމަވެސް އޭގެ ކުރިން މާދަމާއިން ފެށިން ބްރޭކަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެންޕޭނުގެ ދުވަސްވަރާ ދިމާވެފައިވާތީ އިންތިހާބަށް ފަހުގައި ފެށުމަށެވެ.

އަވަސްގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމް ވިދާޅުވީ އޭޕްރީލް މަހުގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި ވާއިރު އަވަސް ހުކުރު ޝޯގައި ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު އެރުވޭ ހުރިހާ ބޭފުޅުންނަކީ ވެސް މަޖިލީހުގައި ވާދަ ކުރައްވާ ކޮންމެވެސް ކެންޑިޑޭޓަކަށް ތާއީދު ދެއްވައިގެން ހުންނަވާ ބޭފުޅުން ކަމަށެވެ.

އަދި ތެރެއިން އޭގެ ބައެއް ބޭފުޅުންނަކީ ސީދާ އިންތިހާބުގައި ވާދަ ކުރައްވާ ބޭފުޅުންނަށްވާތީ މިފަދަ ދުވަސްވަރެއްގައި ޝޯ ކުރިޔަށް ދިއުމަކީ ވަކި ބޭފުޅަކު ޕްރޮމޯޓްކޮށް އަދި ވަކި ބޭފުޅަކަށް އެންޓި ކެމްޕެއިނަށްވާ ފަދަ ވާހަކަތައް ޝޯ މެދުވެރިކޮށް އާންމުވެދާނެ ކަމަކަށް ވެސް ވާތީ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އަވަސް ހުކުރަކީ އެ ބޭފުޅެއްގެ ސިޔާސަތުތަކާއި ސިޔާސީ ވާހަކަތަކާއި ޕާޓީގެ ވާހަކަތައް ވެސް ވިދާޅުވެ ދެއްވާ ޕްރޮގްރާމަކަށް ވާތީ މި ދުވަސްވަރު އެ ޕްރޮގްރާމްގައި ދައްކަވާ ވާހަކަތަކުގެ ސަބަބުން އެހެން ބައެއް ބޭފުޅުންނަށް އެންޓި ކެމްޕެއިނަކަށްވާ ކަމުގެ ޝަކުވާތައް ވެސް މިދިއަ ދެ ހަފުތާގެ ތެރޭގައި ލިބިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނިޔަލަށް އަވަސް ހުކުރު ބްރޭކަށް ދިއުމަށް ފަހު އަލުން ޝޯ ފަށާނީ ބައެއް ބަދަލުތަކާއެކު އެވެ. އަވަސްއިން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ހުށަހެޅުމެއް ކިޔުންތެރިން ޝައުގުވެރިވާ ފަދަ އާ ކަންކަން ހިމަނައިގެން ގެނެސްދޭށެވެ.

އަވަސް ހުކުރުގެ ގޮނޑި ވަރަށް ހޫނު!

އަވަސް ހުކުރުގެ އެންމެ ފުރަތަމަ ޕްރޮގްރާމްގެ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެހެން އެއްވެސް އިންޓަވިއެއްގައި ނުދައްކަވާ ގިނަ ވާހަކަތަކެއް ހިއްސާ ކުރެއްވި އެވެ. އެއަށްފަހު ވިލިމާލެ ދާއިރާ މެންބަރު އަހުމަދު ނިހާން، އެ ދާއިރާއަށް ދެން ކުރިމަތި ނުލައްވާނެކަން ވެސް އިއުލާން ކުރެއްވީ އަވަސް ހުކުރުގަ އެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު، ސިޔާސީ ގޮތުން ދުވަސްވީ ދުޝްމަނު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހިތް ސާފުކަން ހާމަ ކުރެއްވީ ވެސް ހަމަ މި ޝޯގަ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ މިނިސްޓަރު ކަމުގެ ފަހު ދުވަހުގެ އިންޓަވިއެއް ދެއްވީ ވެސް އަވަސް ހުކުރަށެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގަ މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މީގެ ކުރިން ނުދައްކާ އެތައް ވާހަކަތަކާއެކު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އަވަސް ހުކުރަށް ވިދާޅުވެ ދެއްވި އެވެ. އެއީ އެންމެ ގިނަ ބައެއްގެ ތަރުހީބު ވެސް ލިބުނު އިންޓަވިއު އެވެ.

ކޯލިޝަން ތެރޭގައި އުފެދުނު ދެބަސްވުންތަކުގައި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒާއި އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވެސް އަވަސް ހުކުރަށް ވަޑައިގެންނެވި އެވެ. ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ ފަރާތުން ވެސް މީގެ ކުރިން އަޑު ނީވޭ ވާހަކަތަކެއް އިވިގެން ދިޔައީ އަވަސް ހުކުރުގަ އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ޑޮލަރުތަކެއް ބޭނުން ކުރެއްވި ކަމަށް ޝައިނީ ވިދާޅުވީ އަވަސް ހުކުރުގެ ގޮނޑީގައި އިންނަވައިގެނެވެ.

ކިޔުންތެރިންގެ ބޮޑު ސަމާލު ކަމެއް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަވަސް ހުކުރުގައި ނަންގަވައި ދެއްވި ހިސާބު ފިލާވަޅަށް ތަރުހީބެއް ލިބުނުއިރު، މިހާރުގެ ތިން މިނިސްޓަރުން ކަމަށްވާ އަލީ ވަހީދާއި މަލީހު ޖަމާލު އަދި އިމްރާން އަބްދުﷲ ވެސް ވަނީ އެ ބޭފުޅުންގެ ތަސައްވަރުތައް އަވަސް ހުކުރަށް ވިދާޅުވެ ދެއްވާފަ އެވެ.

އަވަސް ހުކުރުގައި ރައްޔިތުން ބޭނުންވާނަމަ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވި އެވެ. ހަތެއް ފެބުރުއަރީގެ ވާހަކަ ދެއްކެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނާޒިމް ޗެލެންޖް ކުރެއްވީ ވެސް އަވަސް ހުކުރުގަ އެވެ.

ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު، ސިޔާސީ މައިދާނަށް ނުކުންނަވާ ފުރަތަމަ އިންޓަވިއު ދެއްވީ އަވަސް ހުކުރަށެވެ. އެޖެންޑާ19 އަކީ ގޯހެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަވަސް ހުކުރުގައި ވިދާޅުވުމާއެކު، މައްސަލަ ހޫނުވެގެން ދިޔަ އެވެ.

އާންމުކޮށް މީޑިއާއަށް އިންޓަވިއު ނުދެއްވާ، ޣައްސާން މައުމޫން ވެސް އޭނާގެ ސިޔާސީ ސިޔާސަތުތަކާއި އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކަށް ރައްދު ދެއްވުމަށް އިހްތިޔާރު ކުރެއްވީ އަވަސް ހުކުރެވެ. ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ސަސްޕެންޝަނަށްފަހު ދައްކަން ބޭނުންފުޅުވި ވާހަކަތައް ދެއްކެވީ ވެސް އަވަސް ހުކުރުގަ އެވެ. އެއީ ސީޒަން ބްރޭކަށް ދާއިރު ގެނެސް ދެވުނު އަވަސް ހުކުރުގެ އެންމެ ފަހު ޝޯ އެވެ.