އަންހެނުންގެ ދުވަސް

އަންހެނުންގެ "އޮކިއުޕައި ރޭގަނޑު" މިރޭ!

މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާގުޅޭ ގޮތުން އަންހެނުންތަކެއް އިސް ނަގައިގެން މި ރެއަށް ތަފާތު ކަމެއް ރާވާފައި އެބައޮތެވެ. މި ހާއްސަ އިވެންޓެއް ބާއްވަން ހަމަޖައްސާފައި ވަނީ "އޮކިއުޕައި ރޭގަނޑު" ގެ ނަން ދީގެނެވެ.

މި ހާއްސަ އިވެންޓްގެ މައިގަނޑު ބޭނުމަކީ އަންހެނުންނަށް ދިމާވާ އެކިއެކި މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުވުމާއި އެއްބައިވަންތަކަން އިތުރު ކުރުމާއި އަންހެނުން ބާރުވެރި ކުރުވުމެވެ.

"އޮކިއުޕައި ރޭގަނޑަ" ކީ އަންހެނުން ވެސް ރޭގަނޑު މަގުމަތީގަ އާއި އާއްމުތަންތާގައި ބިރަކައި ނުލާ އުޅުމަށާއި އެފަދަ ތަންތަން ބޭނުން ކުރުމުގެ ފުރުސަތު އޮންނަންޖެހޭ ކަމަށާއި އެތަންތަނަކީ އަންހެނުންނަށް ވެސް އަމާން ތަންތަން ކަމުގައި ހަދަން ބާރު އެޅުމަށް ގޮވާލާ އިވެންޓެކެވެ.

އަދި އެއީ ދުވާލެކޭ އެއްފަދައިން ރޭގަނޑުގައި ވެސް ބޭރުގައި އުޅޭނަމަ ފޮށުމާއި ފުރައްސާރަ އާއި ބިރު ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމެއް ގޮތުގައި މީހުން ހޭލުންތެރި ކުރުވައި ދޭނެ އިވެންޓެކެވެ.

ސޯޝަލް މީޑިއާގައި މި އިވެންޓަށް ތާއީދުކޮށް ވަރަށް ގިނަ މީހުން ދަނީ އެމީހުންގެ ޝައުގުވެރި ކަމާއި ތަރުހީބު ހާމަ ކުރަމުންނެވެ. އިވެންޓް އޮންނާނީ ސަލްޓަން ޕާކުގައި މިރޭ 9:00 އިން 12:00 އަށެވެ.

ކުދިވިޔަފާރިތަކަށް ވެސް ފުރުސަތު ހުޅުވާލައިގެން ބާއްވާ މި އިވެންޓް ބައިތައް އައްޑޫ އާއި ފުވައްމުލަކާއި ކުޅުދުއްފުށީ އަދި ސްރީލަންކާ އާއި މެލޭޝިއާގައި ވެސް ކުރިއަށް ގެންދަން ހަމަޖައްސާފައި ވެއެވެ.


އާއްމު ދިރުއުޅުމުގައި އަންހެނުންނަށް ދިމާވާ މައްސަލަތައް ކަމަށްވާ ފޮށުމާއި ބިރު ދެއްކުމާއި އަނިޔާވެރި ކަމާއި ދެކޮޅު ހެދުމަށް ބާއްވާ މި އިވެންޓަކީ ހަމައެކަނި އަންހެނުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ އިވެންޓެކެވެ.

މިދިޔަ އަހަރު އަންހެނުންގެ ދުވަހާއި ގުޅިގެން ބާއްވާފައި ވަނީ "އޮކިއުޕައި ސައިހޮޓާ" ނަމުގައި އިވެންޓެކެވެ. މިގޮތުން މާލޭގެ މަޝްހޫރު ސައިހޮޓާތަކަށް އަންހެނުން ވަދެ ވަނީ އެއީވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުނަށް ވެސް ވަދެ ހިދުމަތް ހޯދޭނެ ތަންތަން ކަމުގައި ދައްކައިދީފަ އެވެ.