ފިލިޕީންސްގެ ފުރަތަމަ ޑިވިޝަންގެ ކުލަބު ސްޓޭލިއަން ލެގޫނާ އެފްސީ އާ ދެކޮޅަށް ކުޅުނު މެޗު 1-1 އެއްވަރުކޮށް ރާއްޖެއިން އެ ޓީމު ހިފަހައްޓައިފި އެވެ.
އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންނަށް ތައްޔާރުވުމަށް، ފިލިޕީންސްގައި ކޭމްޕް ކޮށްފައިވާ، ޒުވާން ޓީމުން މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ، ރާއްޖޭގެ ޓީމުންނެވެ.
މެޗުގެ 25 ވަނަ މިނެޓްގައި، ރާއްޖެއަށް ލީޑް ނަގައިދިނީ، ގްރީން ސްޓްރީޓްގެ ޒުވާން އެޓޭކިންގަ މިޑްފީލްޑަރު އަބްދުﷲ ޔާމީން އެވެ. މެޗުގައި ރާއްޖޭގެ ކެޕްޓަން ކުރީ ޓީސީގެ ޑިފެންޑަރު އަބްދުﷲ އައްޒާމް 'އެޑޫ' އެވެ.
މިދިޔަ ސީޒަންގައި، ފިލިޕީންސްގެ ޕްރިމިއާ ލީގްގެ ހަތަރު ވަނައިގައި ނިންމާލި ސްޓޭލިއަން އިން މެޗު ފެށީ އާދައިގެ ގޮތަކަށެވެ. އެ ޓީމުން ރާއްޖޭގެ ޓީމު އަންޑަސްއެޓިމޭޓް ކޮށްގެން ކުޅުމުން އޭގެ ފައިދާ ޒުވާން ޓީމުން ނެގި އެވެ.
"ދިވެހި ޓީމުގެ ކުޅުން ވަރަށް ރަނގަޅު، މެޗުގައި ކުޅެލި ގޮތުން މެޗު ފަށިގެން ފަސް މިނެޓެއް ހާއިރު ވީތަނުން އެ ޓީމުން ކުޅުންތެރިން ބަދަލު ކުރަން ފަށައި،" ދަނޑުގައި ހުރެ ވާހަކަ ދައްކަމުން ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ 'މޯ' ބުންޏެވެ. "ދިވެހި ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު ސްޕީޑް ބޭޏުންކޮށްގެން ރާއްޖޭގެ ޓީމުން ކުޅުނީ، ވަރަށް މޮޅަށް ކުޅުނު."
ސްޓޭލިއަން ޓީމުން ނަތީޖާ ހަމަހަމަ ކުރީ، މެޗު ނިމެން 20 މިނެޓަށް ވެފައި ވަނިކޮށެވެ. އޭރު ރާއްޖެއިން ވެސް ވަނީ އިތުރު ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ.
މޯ، ބުނީ ރާއްޖޭގެ ޓީމަށް ވުރެ، އެ ޓީމުގެ ކުޅުންތެރިންގެ ފިޒިކަލީވެސް ވަރުގަދަ ކަމަށެވެ. ފިލިޕީންސްގެ ސީނިއާ ކުލަބަކާ ދެކޮޅަށް ދިވެހި ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި ކަމަށެވެ. މެޗުގައި ރާއްޖޭގެ ޓީމު ލިޑް ކުރީ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު 'ޝާކިއްޓޭ' އެވެ.
"މުޅި ކޯޗުން ޓީމުގެ މަސައްކަތް، އެހެންނަމަވެސް ބޮޑު ބައި ލިޑް ކުރީ ޝާކިއްޓޭ." މޯ ބުންޏެވެ.
މެޗަށް ނެރުނު ރާއްޖޭގެ ޓީމު ފުރަތަމަ އެގާރަ
ހުސައިން ޝަރީފް (ގކ) ، ޝައިފްﷲ އިބްރާހިމް ، މުހައްމަދު ސާދު ނާސިރު ، އައްޒާމް އަބްދުﷲ 'އެޑޫ' (ކ)، އަލީ ޝަމާލް އަބްދުﷲ ، އިބްރާހިމް އައިސަމް ، އިބްރާހިމް އަތީގް ހަސަން ، ހައިޝަމް ހަސަން ، ހަސަން ރާއިފް އަހްމަދު 'ހަންނަ' ، މުހައްމަދު ޖައިލަމް ، އަބްދުﷲ ޔާމީން