ވިޔަފާރި

އެމްއައިބީ ކޮންސިއުމާ ފައިނޭންސިން ލިމިޓު މަތިކޮށް ފަސޭހަކޮށްލައިފި

Mar 7, 2019

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ދެމުންގެންދާ ކޮންސިއުމާ ފައިނޭންސިން ފެސިލިޓީގެ ލިމިޓު 250000ރ. އަށް މަތިކޮށް، ގިނަ ބަޔަކަށް ނެގޭނެ ގޮތަށް ލުއި ފަސޭހަކޮށްލައިފި އެވެ.

އެމްއައިބީ އިން ޗަމްޕާ ސެންޓްރަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކު ކުރިން ދޫކުރި ކޮންސިއުމާ ފައިނޭންސިން "އުޖާލާ ދިރިއުޅުމުގެ" ނަމަށް ބަދަލުކޮށް ތައާރަފުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އާއި އެމްއައިބީގެ ސީއީއޯ އަބްދުލް މުހައިމިނު އެވެ.

އެމްއައިބީގެ ސީއީއޯ މުހައިމިން ވިދާޅުވީ މީގެ އަށް އަހަރު ކުރިން އެ ބޭންކު ރާއްޖޭގައި ފެށުމާއެކު އިސްލާމިކް އިސްލާމިކް ފައިނޭންސިން އަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމަށެވެ. އަދި މިއަދު ތައާރަފު ކުރި "އުޖާލާ ދިރިއުޅުން" ފައިނޭންސިންގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޒީފާގައި އުޅޭތާ ހަ މަސް ވީމަ ލިބޭނެ

އެމްއައިބީއިން ތައާރަފުކުރި "އުޖާލާ ދިރިއުޅުން" ފައިނޭންސިން 80،000ރ. އާއި 250،000ރ. އާ ދެމެދުގެ އަދަދަކަށް ތަކެތި ނެގެ އެވެ. ކުރިން ތަކެތި ނެގެނީ އެއްލައްކަ ރުފިޔާއާ ހަމައަށެވެ. އަދި ކުރިން ނަގާ ތަކެއްޗަށް ފައިސާ ދައްކަން ލިބެނީ 18 މަސް ދުވަހެވެ. ނަމަވެސް މިހާރު ފައިސާ ދައްކަން ތިން އަހަރު ލިބެ އެވެ. މިގޮތުން ނެގޭ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނާއި ގޭގޭގައި ހިފާ ގެންގުޅޭ ސާމާނު އަދި މޮބައިލް ފޯނުގެ އިތުރުން އައުޓްބޯޑް އިންޖީނާއި ގެދޮރު އިމާރާތް ކުރާ ތަކެތި އަދި ފަރުނީޗަރު ހިމެނެ އެވެ.

އެ ބޭންކުން މި ފެސިލިޓީ ބަހާލާފައިވާ ގޮތުން އެއްވެރެޖު ގޮތެއްގައި މުސާރައިގެ 50 ޕަސެންޓަށްވުރެ ކުޑަ އަދަދެއް ދައްކާލައިގެން އުޖާލާ ދިރިއުޅުން ނެގެ އެވެ. މިސާލަކަށް 6،000ރ. ގެ މުސާރައެއް ލިބޭ މީހަކު ނަމަ ދައްކަންޖެހޭނީ 2،773ރ. އެވެ. އަދި މިވަރުގެ މުސާރައެއް ލިބޭނަމަ 80،000ރ. އާ ހަމައަށް ތަކެތި ނެގޭނެ އެވެ. އެ ކުންފުނިން މި ފައިނޭންސިން ފެސިލިޓީއަށް ފައިދާގެ ގޮތުގައި ލާފައިވަނީ 15 ޕަސެންޓެވެ.

"އުޖާލާ ދިރިއުޅުން" ފައިނޭންސިން ދޫކުރާނީ އެމްއައިބީއާއެކު އެއްބަސްވުން ހަދާފައިވާ ޕާޓްނަރުންނަށާއި އެ ބޭންކުގައި އެކައުންޓް ހުރި ކަސްޓަމަރުންނަށެވެ. އެމްއައިބީއިން ވަނީ ހެލްތް މިނިސްޓްރީ އާއި ގުޅިފައިވާ ދާއިރާތަކާއި ޖުޓީޝަން އެޑްމިނިސްޓްރޭޝަން އަދި އެޑިއުކޭޝަން މިނިސްޓްރީއާއެކު އެއްބަސްވުން ހަދާފަ އެވެ. އެހެންވެ މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަސް ފަސޭހަކަމާއެކު ތަކެތި ނެގޭނެ އެވެ. މި ފެސިލިޓީއަށް ގެނެސްފައިވާ ބަދަލާއެކު، ކުރިން އެއް އަހަރު ދުވަހު އެކައުންޓް ރޯލްކުރަން ޖެހުނު ނަމަވެސް މިހާރު ހަ މަސް ދުވަހު އެކައުންޓް ރޯލް ކޮށްލައިވާ ކަސްޓަމަރުންނަށް ވެސް ނެގޭނެ އެވެ. އަދި އޮފީހުގައި އުޅޭތާ ހަ މަސްވެފައިވާ ކޮންމެ މުވައްޒަފަކަށް ވެސް އުޖާލާ ދިރިއުޅުން ފައިނޭންސިން ހޯދެ އެވެ.

މި ފައިނޭންސިލް ޕެކޭޖުގެ ހާއްސަ އަނެއް ކަމަކީ އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތްތަކަށް ނަގާ ތަކެތީގެ ފައިސާ ދައްކަން ފަސް އަހަރު ދުވަސް ލިބުމެވެ.

އުޖާލާ ދިރިއުޅުން ފެސިލިޓީ ނަގަން ބޭނުންވާ ފަރާތްތަކުން އެމްއައިބީ ގަބޫލުކުރާ ތަނަކުން ކޯޓޭޝަން ނެގުމަށްފަހު އެޕްލިކޭޝަން ހުށަހަޅާ ދުވަހު ލިބެ އެވެ.