ވިޔަފާރި

އިސްލާމިކް ބޭންކުން އާއްމުންނަށް ހިއްސާ ވިއްކަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާގެ ބާޒާރުގައި ލިސްޓްކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ފަށަން ތައްޔާރު ވެއްޖެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އެ ބޭންކުގެ ހިއްސާ އާއްމުންނަށް ވިއްކަން ފެށުމުގެ ގޮތުން އިތުރު މައުލޫމާތު އަންނަ މަހު އާއްމު ކުރާނެ އެވެ.

އިސްލާމިކް ބޭންކް އުފައްދާފައިވަނީ 2010 ވަނަ އަހަރު އެވެ. ކުރިއަރަމުން އަންނަ އިސްލާމިކް ފައިނޭންސް އަށް އާ ގިނަ ޕްރޮޑަކްޓްތަކެއް ނެރެން އުފެއްދި މި ބޭންކުން މިހާތަނަށް ވަނީ އިސްލާމިކް ފައިނޭންސްގެ ގިނަ ޕްރޮޑަކްޓްތަކެއް ބާޒާރަށް ނެރެފަ އެވެ.

އެމްއައިބީ އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އާއި މެލޭޝިއާގެ އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 85 ޕަސެންޓް ހިއްސާއާއެކުގަ އެވެ. ނަމަވެސް 2017 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ އެމްއައިބީގެ އިތުރު 10 ޕަސެންޓް ހިއްސާ ގަނެފަ އެވެ. މި ބަދަލާއެކު އެމްއައިބީގައި އޮތް އައިސީޑީގެ ހިއްސާއަކީ މިހާރު 70 ޕަސެންޓެވެ. އަދި ދިވެހި ސަރުކާރުގެ ހިއްސާ 25 ޕަސެންޓުގައި ހުރިއިރު އަމާނާ ތަކާފުލްގެ ހިއްސާގެ މިންވަރަކީ ފަސް ޕަސެންޓެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ނުވަ ކުންފުންޏެއް މިހާރު ލިސްޓުކޮށްފައިވެ އެވެ. އެ ކުންފުނިތަކަކީ އެމްޓީސީސީ އާއި ދިރާގު އަދި އުރީދޫގެ އިތުރުން ބީއެމްއެލް އާއި އެމްޓީޑީސީ އަދި އަމާނާ ތަކާފުލް އާއި އެޗްޑީއެފްސީ އަދި ސެންޗޫރިއަންސް އެވެ.