ހަބަރު

އަލްހާންގެ ކެމްޕެއިން ލޯންޗުކުރުން މާދަމާ ރޭ

Mar 7, 2019

ހެންވޭރު އުތުރު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވައި އަލްހާން ފަހުމީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމުގެ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

މާދަމާ ރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ކުޑަ ހެންވޭރު ދަނޑު ކުރިމަތީގަ އެވެ. ޖަލްސާ ފަށާނީ 8:30 ގަ އެވެ.

އަލްހާން މިއަދު އަވަސްއަށް ވިދާޅުވި ގޮތުގައި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާަސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ އިތުރަށް ވެސް ޕާޓީތަކުގެ އެހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، ޖަލްސާގައި ވާހަކަ ވެސް ދައްކަވާނެ ކަމަށެވެ.

މާދަމާ ރޭގެ ޖަލްސާގައި އަލްހާން ވެސް ވާހަކަ ދައްކަވާނެ އެވެ. އޭނާގެ ސިޔާސަތުތަކާއި ތަސައްވުރު ރައްޔިތުންނަށް ކިޔައިދެއްވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވި ގޮތުގައި މާަދަމާ ރޭގެ ޖަލްސާއަށްފަހު ވަރަށް ހާއްސަ ބިލެއްމީރުކޮށްލުމެއް ވެސް އޮންނާނެ އެވެ. އަދި އޭނާގެ ކެމްޕެއިން ލަވަ ވެސް މާދަމާ ރޭގެ ޖަލްސާގައި ނެރޭނެ އެވެ. ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތައް ވެސް އޮންނާނެ އެވެ.

އެހެންކަމުން އޭނާ ވަނީ އެ ޖަލްސާއަށް ދާއިރާގެ ހުރިހާ ރައްޔިތުންނަށް ވެސް ދައުވަތު ދެއްވާފަ އެވެ.

މީގެކުރިން ވެސް އަލްހާން ވަނީ ކެމްޕެއިންގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ފޯރިގަދަ ގިނަ ހަރަކާތްތެއް ކުރިއަށް ގެންގޮސްފައިވާއިރު ރަސްމީކޮށް ކެމްޕެއިން ކުރުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލުމަށްފަހު އަލްހާން ބާއްވާ ފުރަތަމަ ހަރަކާތް އޮންނާނީ މާދަމާ ރޭ އެވެ.