އެފްއޭއެމް

އެފްއޭއާ ގުޅޭ މައްސަލަ ދެނަގަތުމަށް ފީފާ، އޭއެފްސީ ރާއްޖެއަށް

އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅައާ ގުޅޭގޮތުން މިހާރު އުފެދިފައިވާ ނުތަނަވަސް ހާލަތު ދެނެގަތުމަށް، ފީފާ އާއި އޭއެފްސީގެ ވަފުދެއް، އަންނަ އަންގާރަ ދުވަހު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފީފާ އާއި އޭއެފްސީގެ ވަފުދެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަން، ފީފާއިން ވަނީ އެފްއޭއެމްއަށް އަންގާފަ އެވެ. ފީފާގެ ޖެނަރަލް ސެކެޓްރީ ސެނާގާލްގެ ފާތުމާ ސަމޯރާ ސޮއިކޮށް ފީފާއިން، އެފްއޭއެމްއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް އެދި މެންބަރު ބައެއް ކުލަބުތަކުން ސޮއިކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް ހުށަހަޅާފައިވާ މައްސަލަ އާ ބެހޭގޮތުން ފީފާ އާއި އޭއެފްސީ ވަފުދުން ހާލަތު ދެނެގަންނާނެ ކަމަށެވެ.

އެފްއޭއެމް އާއި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށް ހުށަހަޅާފައިވާ ކުލަބުތަކާއި، އެކަމަށް ހުށަހެޅި ގަރާރުން ނަން އަނބުރާ ގެންދިޔަ ކުލަބުތަކާވެސް ފީފާގެ ވަފުދުން ބައްދަލު ކުރަން ބޭނުންވާކަން ފީފާގެ ސިޓީގައި ހާމަ ކޮށްފައި ވެއެވެ. އަދި މިވަގުތު ޔޫތު، ސްޕޯޓްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރު އަލީ ވަހީދުއާ ބައްދަލު ކުރުމަށްވެސް ބޭނުންވާކަން ވަނީ ހާމަކޮށްފަ އެވެ.

މި ވަފަުދުގައި ފީފާ ތަމްސީލު ކުރައްވާނީ، ފީފާގެ މެންބަރު އެސޯސިއޭޝަން ސާވިސް ސީނިއާ މެނޭޖަރު، އެލެކްސެންޑްރޭ ގްރޮސް އެވެ. އޭއެފްސީ ތަމްސީލު ކުރައްވާނީ، އޭއެފްސީގެ ލީގަލް ޑައިރެކްޓާ އެންޑުރޫ މާސާ އާއި އޭއެފްސީގެ އިންޓަނޭޝަނަލް ރިލޭޝަން އޮފިސާ ޕުރުޝޯޓަމް ކާޓެލް އެވެ.

އެންމެ ފުރަތަމަ މި ވަފުދު އައުމަށް ހަމަޖެހުނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. ވިކްޓަރީ ސްޕޯޓްސް ކުލަބުން އިސްވެ މިދިޔަ މަހު 10 ގައި އެފްއޭއެމްއަށް ހުށަހެޅި ގަރާރުގައި 15 ކުލަބަކުން ވަނީ ސޮއި ކޮށްފަ އެވެ. އެހެންނަމަވެސް ޝަރުތު ހަމަ ނުވާ ތިން ކުލަބު ހިމެނެ އެވެ.

ޝަރުތު ހަމަ ނުވަނީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓާއި، އެފްއޭއެމްގެ މެންބާޝިޕް ލިބިފައި ނުވާ ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ އިތުރުން ކުލަބު ރޮކް ސްޓްރީޓެވެ. އަދި ގަރާރުގައި ސޮއި ކުރި ހަތަރު ކުލަބަކުން ނަން އަނބުރާ ގެންދިޔަ ކަމަށް އެފްއޭއެމުން ބުނެ އެވެ.

އިއްޔަ، ފުރަތަމަ ޑިވިޝަންގެ ފަސް ކުލަބަކާއެކު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ، އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން ކުލަބުތަކުން ބޭނުން ނުވާ ކަމަށެވެ. ޕްރެސްގައި ބައިވެރިވި، މާޒިޔާ، ޔުނައިޓަޑް ވިކްޓަރީ އަދި ގްރީން ސްޓްރީޓަކީ ގަރާރުގައި ސޮއި ކުރި ކުލަބުތަކެވެ. ބެލެވޭ ގޮތުގައި ގަރާރުން ސޮއި ގެންދިޔަ ކުލަބުތަކުގެ ތެރޭގައި އެ ތިން ކުލަބު ހިމެނެ އެވެ.