ހަބަރު

މެންބަރުންނަށް ވަކިވަކި ވައުދުތަކެއް ނުވެވޭނެ: މައުމޫން

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ބައެއް ކެންޑިޑޭޓުންނަށް ކަމެއް އޮޅިފައިވާ ކަމަށާއި ކެންޑިޑޭޓުންނަށް ދައިރާތަކަށް ވަކިވަކި ވައުދުތައް ނުވެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ދަރިކަލުން، އަހުމަދު ފާރިސް މައުމޫންގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ހަފުލާގަ އެވެ. ފާރިސް މިފަހަރު ވާދަ ކުރައްވަނީ ރައީސް މައުމޫން ވެސް ނިސްބަތްވާ ދާއިރާ ކަމަށްވާ މައްޗަންގޯޅި އުތުރު ދާއިރާއަށެވެ.

އިސްކަންދަރު ސްކޫލްގައި އޮތް ހަފުލާގައި ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ގާނޫނު ހަދައި، ރައްޔިތުން ތަމްސީލް ކުރަން ތިބޭ ބައެއް ކަމަށެވެ. ކަންކަން ތަންފީޒުކުރުމަކީ މެންބަރުންގެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ކަމެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން ކެންޑިޑޭޓުން ވާހަކަ ދައްކާއިރު ކޮންމެވެސް ކަހަލަ އޮޅުމެއް އަރާފަ އޮންނަ ކަމަށް އަޅުގަނޑަށް ހީވޭ، ހީއަކީ ކުށް ހީއަކަށް ވެސް ވެދާނެ، އެއީ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ހޮވިއްޖެނަމަ މިވެނި ކަމެއް ކުރައްވާނަމޭ، ދާއިރާއަށް މިވެނި ބަދަލެއް ގެނެސް ދެއްވާނަމޭ، އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެފަދަ ބާރުތަކެއް ލިބިފައިވާ ބައެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ މެންބަރުން ވަކި ދާއިރާއަކަށް އިންތިހާބު ވިޔަސް އެއީ ވަކި އެ ދާއިރާއަށް ހިދުމަތް ކުރެއްވުމަށް ހޮވި މެންބަރެއް ނޫން ކަމަށާއި މެންބަރުން ވިސްނަންޖެހޭނީ މުޅި މުޖުތަމައުގެ މަސްލަހަތަށް ކަމަށެވެ.

"ގާނޫނު އަސާސީ ބުނާ ގޮތުން ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މުޅި ގައުމުގެ ކަންކަމާ ވިސްނައި، ގޮތްތަކެއް ނިންމާ ބައެއް، އެއީ ވަކި ދާއިރާއަކަށް ހިދުމަތް ކުރަން ހޮވާ ބައެއް ނޫން، މި ބޭފުޅުންނަކީ ހުރިހާ ރައްޔިތުން ތަމްސީލް ކުރާ ބައެއް، އެމީހުން ދައްކަން ޖެހެނީ މުޅި ރައްޔިތުންގެ ވާހަކަ،" ރައީސް މައުމޫން ވިދާޅުވި އެވެ.

އެހެންނަމަވެސް ދާއިރާގެ ހާލަތާއި ރައްޔިތުންގެ އުދާސްތައް ސަރުކާރަށް ބަޔާންކޮށްދިނުމަކީ އެ މެންބަރަކު ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަކީ ކުޑަ ވާޖިބެއް ނޫން ކަމަށާއި އެ ވާޖިބު އަދާކުރުމުގައި އާއިލާ މީހަކަށް އެކުވެރިއަކަށް ނުވަތަ ސިޔާސީ ގޮތުން ގުޅިފައިވާ މީހަކަށްވާން ނުޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. މެންބަރު ވާން ޖެހޭނީ ގާބިލް މީހަކަށް ކަމަށެވެ.

"އެންމެ ރަނގަޅު ސިފަތައް ހުރީ ކާކުތޯ ބެލުމަށްފަހު ވޯޓު ދެއްވަންވާނީ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ މެންބަރު މަޖިލީހަށް އިންތިހާބު ކުރުމަކުން ރައްޔިތުންގެ ވާޖިބު ނުނިމޭ ކަމަށެވެ. އެ ވާޖިބު ފަސް އަހަރަށް ދެމިގެން އޮންނާނެ ކަމަށާއި މެންބަރުން ވަކާލާތު ކުރައްވަނީ ވޯޓު ދެއްވަނީ ދާއިރާ ރައްޔިތުން ބޭނުންވާ ގޮތަށްތޯ ބަލައި ސުވާލު ކުރަން ޖެހޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"ރައްޔިތުންގެ ވާޖިބެއް އަދި މަސްއޫލިއްޔަތެއް ރައްޔިތުން އިންތިހާބު ކުރާ މެންބަރެއް މަޖިލީހުގައި އެ ބޭފުޅުންގެ ވިސްނުމާއި ފިކުރުތައް ރަނގަޅަށް ތަމްސީލްކޮށް ދެއްވާތޯ އެ ބޭފުޅުން ބޭނުންވާ ގޮތަށްތޯ އަމަލު ކުރަނީ ބެލުމަކީ، ހަމައެކަނި ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފަ ދޫކޮށްލުމުން ނުނިމޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.

މެންބަރުން ޖަވާބުދާރީކުރުވުމުގައި ރައްޔިތުން ދެމިތިބޭނަމަ ވަރަށް ގިނަ ކަންކަން އިސްލާހު ވެގެން ދާނެ ކަމަށް ވެސް ރައީސް މައުމޫން ފާހަގަކުރެއްވި އެވެ. ރައްޔިތުން، މެންބަރުންނާ ސުވާލު ކުރާ ތަން ނުފެންނަ ކަމަށް ވިދާޅުވި އެވެ.