ޓޫރިޒަމް

ބޮޑެތި ބްރޭންޑްތަކާއެކު މިއަހަރު ރާއްޖޭގައި 20 ރިސޯޓު ހުޅުވަނީ

ބޭރުގެ މަޝްހޫރު ބްރޭންޑްތަކާއެކު، މި އަހަރު މުޅިން އަލަށް 20 ރިސޯޓެއް ހުޅުވާނެ ކަމަށް ބެލެވެން ފަށައފި އެވެ.

ރާއްޖޭގައި މިހާރު ހަދަމުންދާ ރިސޯޓުތަކަށް ބަލާއިރު އެންމެ އަވަހަށް ހުޅުވޭނީ ގއ. މާމުޓާ އާއި ދިގުރަށެވެ. ރެސިޑެންސް މޯލްޑިވްސް ދިގުރަށް ހުޅުވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ މިހާރު ލައިސަންސް ވެސް ދީފަ އެވެ. މީގެ އިތުރުން ދެން ހިމެނެނީ މާލެ އަތޮޅުގައި ތަރައްގީ ކުރަމުން ގެންދާ އެނބޫދޫގައި ހިންގާ ވަރުގަދަ ރިސޯޓު ބްރޭންޑްތަކާއި ވޯޓޮފް އެސްޓޯރިއާ ބްރޭންޑުން ރާއްޖޭގައި ހުޅުވާ މަތީ ފަންތީގެ ދެވަނަ ރިސޯޓު ކަމަށްވާ ތިމާފުއްޓެވެ. މީގެ އިތުރުން ވެސް އާ ގިނަ ރިސޯޓުތަކެއްގެ މަސައްކަތް އޮތީ ނިމުމާ ކައިރިވެފަ އެވެ.

ހަދަމުންދާ ރިސޯޓުތަކުގެ ތެރެއިން އެންމެ ފަހުން ހުޅުވާފައިވަނީ ޗަމްޕާ ކުންފުނީގެ އިންނަހުރާ އެވެ މި ރިސޯޓުތަކަށް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހަދަން ފެށި ރިސޯޓުތަކެވެ.

ރައްޔިތުން މަޖިލީސް މި ދައުރަށް ހުޅުއްވައި ދެއްވަމުން ދެއްކެވި ވާހަކަ ފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މި އަހަރު މި އަދަދަށް ރިސޯޓު ހުޅުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއާއެކު ޓޫރިސްޓު އެނދުގެ އަދަދު 47،000 އަށްވުރެ އިތުރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2016 ވަނަ އަހަރު ރާއްޖޭގައި 11 ރިސޯޓެއް ހުޅުވި އެވެ. އަދި 2017 ވަނަ އަހަރު 15 ރިސޯޓު ހުޅުވިއިރު ނިމިގެން ދިޔަ އަހަރު ވަނީ 20 އަށްވުރެ ގިނަ ރިސޯޓު ހުޅުވާފަ އެވެ. އަދި ބޭރުގެ ބްރޭންޑްތަކާއި ދިވެހި ކުންފުނިތައް ގުޅިގެން ހަދަމުންދާ ރަށްރަށުގެ އަދަދު 140 އަށްވުރެ މައްޗެވެ.

ރާއްޖޭގެ ޓޫރިޒަމް ހަލުވި ދުވެލީގައި ކުރިއަށްދާއިރު، ސަރުކާރުން ވަނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 1.5 މިލިއަން މީހުންނަށް މި އަހަރު އިތުރު ކުރާނެ ކަމަށް ބުނެފަ އެވެ. އެ މަސައްކަތް ކުރުމަށްޓަކައި މާކެޓިން ބަޖެޓު ވެސް ވަނީ ބޮޑުކޮށްފަ އެވެ. އަދި މިފަސް އަހަރު ނިމޭއިރު ޓޫރިސްޓުންގެ އަދަދު 2.5 މިލިއަން މީހުންނަށް އިތުރު ކުރުމަކީ ލަނޑުދަނޑިއެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.