ހަބަރު

ކެމްޕެއިންގައި ރައީސް ސޯލިހާއި ނަޝީދު އައްޑުއަށް

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި އެވެ.

ރައީސް ސޯލިހު އާއި ނަޝީދު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި އެ ދެ ބޭފުޅުންނާއެކު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މިނިސްޓަރުން ވެސް އައްޑޫއަށް ވަޑައިގަންނަވަ އެވެ. އަދި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް މިއަދު ވަނީ އައްޑޫއަށް ވަޑައިގެންފަ އެވެ.

އައްޑޫއަށް ވަޑައިގެން ހިތަދޫގައި ބާއްވާ ބޮޑު ޖަލްސާއެއްގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އައްޑޫ ސިޓީގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީގެ މެންބަރުން ކުރިމަތިލައްވާ އިރު ގިނަ ރަށްތަކަށް ރައީސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އައްޑޫގެ ގިނަ ދާއިރާތަކަކީ ކުރިން އާންމުކޮށް އެމްޑީޕީ އިން ކާމިޔާބު ކުރާ ދާއިރާތަކެކެވެ. އެމްޑީޕީއާ ވާދައަށް ދެން ކުރިމަތިލާފައި ވަނީ މީދޫ ދާއިރާއަށާއި ހިތަދޫ މެދު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނެވެ. ދެން ހުރި ދާއިރާއަކަށް ވެސް ޕީޕަލްސް ނޭޝަނަލް ކޮންގްރަސް ޕާޓީ އާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުން ވާދަ ކުރައްވަ އެވެ.