ހަބަރު

މުހްތަބާގެ ހިމޭން ލޮރީބުރެއް، ވަރުގަދަ މެސެޖުތަކެއް!

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަ ކުރާ މިނިވަން ކެންޑިޑޭޓް އިސްމާއީލް މުހްތަބާ އާއި އޭނާއަށް ތާއީދު ކުރާ ރައްޔިތުންތަކެއް މިއަދު ވަނީ މާލޭގައި ވަރަށް ތަފާތު ގޮތަކަށް ލޮރީ ބުރެއް ބާއްވައިފަ އެވެ.

މި ބުރުގައި ކެމްޕެއިން ލަވަ ޖެހުމާއި ކަރުދާސް ބެހުމާއި އަޑު ގަދަ ކުރުމެއް ނެތެވެ. މާލޭގެ ބިޒީ ޓްރެފިކް ތެރެއިން ވަރަށް ހިމޭން ކަމާއެކު މުހްތަބާ އާއި އޭނާގެ ސަޕޯޓަރުން ބޭއްވި ލޮރީ ބުރުގައި ދެއްކީ މުޅިން ތަފާތު މަންޒަރެވެ. ދިނީ ގަދަ އަޑެއް ނެތަސް، ވަރުގަދަ މެސެޖުތަކެކެވެ.

ޕަޕެޓެއް ސިފަވާ ގޮތަށް ކަޅު ކުލައިގެ ހެދުމާއި ހުދު ކުލައިގެ މާސްކު އަޅައިގެން ތިބި ޒުވާނުންނާއި އަންހެނުން ހިފައިގެން ތިބި ބޯޑުތަކުގައި ބުނެފައި ވަނީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ ތެރޭގައި އެ މީހުން ފެންނަން ބޭނުންވާ ކަންކަމެވެ. ރައްޔިތުންގެ މަޖިލީހަކީ ޕާޓީތަކެއްގެ ތަނެއް ނޫން ކަމާއި ރައްޔިތުންގެ މަޖިލީހަށް ހޮވަން ޖެހޭނީ ރައްޔިތުންގެ ތެރެއިން މީހެއް ކަމަށް އެ ބޯޑުތަކުގައި ލިޔެފައިވެ އެވެ.

އަދި ވަޒީފާތަކަކީ ޕާޓީތަކުން ދޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ވެސް ލިޔެފައިވެ އެވެ. އޭގެ އިތުރުން ކޯޓުތައް މިނިވަން ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލިސް މިނވަން ކުރަން ޖެހޭ ކަމާއި އަސާސީ ކަންކަން އެންމެ ބޭނުންވާ މީހާއަށް ފޯރުކޮށްދޭން ޖެހޭ ކަމަށް އެ ބޯޑުތަކުގައި ބުނެފައިވެ އެވެ.

މާލެ ތެރޭގައި އެ ލޮރީ ބުރު ޖަހަމުން ދިޔަ އިރު ބައެއް ހިސާބުތަކަށް ހުއްޓުމަށް ފަހު ކެންޑިޑޭޓް މުހްތަބާ ވަނީ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މީގެ ކުރިން ދިވެހި ބޭންކުވެސް ތަމްސީލް ކުރެއްވި މުހްތަބާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަކީ މިނިވަންތަނަކަށް ހަދަން ޖެހެ އެވެ. ޕާޓީތައް ތަމްސީލު ކުރާ ތަނެއްގެ ބަދަލުގައި ރައްޔިތުން ތަމްސީލު ކުރާ ތަނަކަށް މަޖިލިސް ހަދަން ޖެހެ އެވެ. އެކަން ކުރެވޭނީ ރައްޔިތުންގެ ތެރެއިން ވަކި ކޮޅަކަށް ނުޖެހޭނެ މިނިވަން އަދި ޒުވާން ކެންޑިޑޭޓަކު ހޮވައިގެން ކަމަށް މުހުތަބާ ވިދާާޅުވި އެވެ.

"މި މަޖިލީހަށް އަޅުގަނޑުމެންގެ ތެރެއިން މިނިވަން މީހެއް ހޮވައިގެން މިކަން ވާނީ، ވިޔަފާރިވެރިން ބޮޑެތި ކުންފުނިތައް ހިންގާ މީހުން އެ މީހުން ބޭނުން ނުވާ ބިލުތަކެއް ފާހެއް ނުކުރާނެ، އެ މީހުން ބޭނުމެއް ނުވާނެ އާސަންދައިން ވައްކަން ކުރާ މީހުން ހޯދާކަށް، އެ މީހުން ބޭނުން ނުވާާނެ ފަޅުތަކާއި ރައްތައް ވަގަށް ނެގި މީހުން ހޯދާކަށް، އެ މީހުންގެ ނަންތައް ވަނީ ބޮޑެތި ލިސްޓުތަކުގައި، އަޅުގަނޑުގެ ނަމެއް ނޯންނާނެ އެއްވެސް އެފަދަ ލިސްޓެއްގަ އެއް، އަޅުގަނޑުގެ އެއްވެސް ސިޔާސީ ބޭނުމެއް ނެތް، އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވާ ކަންތައްކޮށްދޭން،" މުހްތަބާ ވިދާޅުވި އެވެ.

މުހުތަބާ އިތުރަށް ވިދާޅުވި ގޮތުގައި މިނިވަން ކުރަން ޖެހޭނީ ކޯޓުތައް އެކަންޏެއް ނޫނެވެ. އެންމެ ފުރަތަމަ މިނިވަން ކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހެވެ. އެތަން މިނިވަން ނުކޮށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ވެސް އެއްވެސް ޕާޓީތަކާއި ބޮޑެތި ވިޔަފާރިވެރިންގެ ފަރާތުން ކިލަނބުކަމެއް ނާންނަ މިނިވަނަކަށް ކަމަށް އޭނާ ވިދާާޅުވި އެވެ. .