ހަބަރު

ޔާމީން މިނިވަން ކުރަން ގާސިމް ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަންދުން ދޫކޮށްލައި ވަގުތުން މިނިވަން ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ގޮވާލައިފި އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގާސިމް ގޮވާލެއްވީ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލްހާން ފަހުމީގެ ކެމްޕެއިން ލޯންޗު ކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ ބައެއް މެންބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިރޭ ގާސިމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވީ ސިޔާސީ މީހުންނާއި ކުރީގެ ރައީސުން ޖަލަށް ލުމާ ދެކޮޅަށް ވާހަކަ ދެއްކުމަށް ފަހުގައި ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުގެ އަމަލުތައް ހުރީ އޭރު ދެއްކި ވާހަކަތަކާ ހިލާފަށް ކަމަށެވެ. އިންޓެލިޖަންސް ރިޕޯޓެއްގެ މައްޗައް ބިނާކޮށް ކުރީގެ ރައީސަކު ހައްޔަރެއް ނުކުރެވޭނެ ކަމަށާއި ރައީސް ޔާމީން ދޫކޮށްލަން ސަރުކާރަށް ގޮވާލާ ކަމަށެވެ.

"އަޅުގަނޑު ގޮވާލަން ބޭނުންވަނީ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވާނުވާ ޖަހާފަ ޖަލުގައި ނުބެއިންދޭނޭ ދޫކުރައްވާށޭ މިހާރުން މިހާރަށް، އަނިޔާވެރި ނުވާނަމޭ ކިޔާފަ އެ ތޮފި އަޅައިގެން ތިބެ، ރައީސް އަބްދުﷲ ޔާމީން ޖަލަށްލައިފި، ނުކުރެވޭނެ އެކަމެއް، ދޫކޮށްލަން ޖެހޭނީ، އަދުލު އިންސާފު ލިބެން ޖެހޭނީ ހުރިހާ އެންމެންގެ މައްޗައް ހަމަހަމަކޮށް،" ގާސިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ހައްޔަރު ކުރަން އުޅުމުން އެކަމާ ވެސް ދެކޮޅު ހެއްދެވިން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ޔާމީން ކިތަންމެ ގޯސްކޮށް ކަންތައް ކުރެއްވި ނަމަވެސް އެމަނިކުފާނު ޖަލުގައި ބަންދު ކުރަން ޖެހޭނީ އިންސާފުވެރި ޝަރީއަތެއް ކުރިޔަށް ގެންދިޔުމަށް ފަހުގައި ކަމަށާއި އޭގެ ކުރިން ހައްޔަރު ކޮށްގެން ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މިނިވަން ކަމޭ ބުނެގެން އައިސް އަޅުގަނޑުމެންގެ އަހުންނާއި އުހުތުން އެގޮތަށް ޖަލަށް ލައިގެން ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އޭނާ މި ވާހަކަތައް ދައްކަވަން ފެށުމުން ފުލުހުން އައިސް މިހާރު ވެސް އެމަނިކުފާނު ހައްޔަރު ކޮށްގެން ގެންގޮސްފާނެ ކަމަށެވެ. ނަމަވެސް ވިދާޅުވާން ޖެހޭ ވާހަކައެއް ޖެހިލުމަކާއި ނުލައި ވިދާޅުވާނެ ކަމަށެވެ.

ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަޖިލީހަށް ވާދަ ކުރައްވާނެ ކަމަށް ޕީޕީއެމްގެ ފަރާތުން ރޭ ވަނީ އިއުލާންކޮށްފަ އެވެ. އަދި ގާސިމް މިއަދު ވަނީ އެކަަން ތެދު ކުރައްވާ ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ޖޭޕީގެ ކެންޑީޑޭޓުންނަށް ތާއީދު ކުރައްވާތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި އޭގެ ބަދަލުގައި އެ ޕާޓީގެ މެންބަރުންނަށް ވެސް ތާއީދު ކުރަން ނިންމަވާފައިވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.