ހަބަރު

އައްޑޫއަށް 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް ހިންގާނަން: ރައީސް

އައްޑޫ ސިޓީ ތަރައްގީ ކުރުމަށް 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް ހިންގަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީއަށް ވަޑައިގެން މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމު ތަރައްގީ ވާނީ މާލެ ސިޓީ ނޫން އެހެން ތަންތަން ވެސް ތަރައްގީ ކޮށްގެން ކަމަށާއި އައްޑޫއަށް ސަރުކާރުގެ އޮތް ތަސައްވަރު ވަރަށް ބޮޑު ކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް އައްޑޫއަށް ތަރައްގީ ގެނައުމަށާއި އެ ސިޓީއަށް ބޭނުންވާ ހެޔޮ ބަދަލު ގެނައުމުގައި ދެމި ހުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް އައްޑޫގައި ހިންވަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އައްޑުއަކީ ވަރަށް ހާއްސަ ތަނެއް، މާލެއަށް ފަހު އެންމެ ބޮޑު އާބާދީއެއް ވެސް އޮތީ ވެސް އައްޑުގައި ގުދުރަތީ ގޮތުން ނުހަނު ރީތިތަނެއް، ތަރައްގީ ކުރާނެ ފުރުސަތު އެހާ ބޮޑު ތަނެއް،" ރައީސް ވިދާޅުވި އެވެ. "އައްޑޫއަށް ގެންނަ މެގަ މަޝްރޫއާ ގުޅިގެން މުޅި އައްޑޫ އާރާސްތުވެ، އައްޑޫގެ އިނދަޖެހިފައިވާ އިގްތިސާދު ކޮޅަށް ޖެހި، ގައުމީ އިގްތިސާދުގެ އިންޖީނަކަށް އައްޑޫ ވެގެން ދާނެ،"

އައްޑޫގައި ހިންގަން ރަވާފައިވާ މަޝްރޫއުތައް:

  • ޓޫރިޒަމްއަށް 8000 އެނދު އިތުރު ކުރުން
  • އައްޑޫގެ ބިން އިތުރު ކުރުން
  • ބައިނަލްއަގުވާމީ ފެންވަރަށް އައްޑޫގެ ޕޯޓު ތަރައްގީ ކުރުން
  • 17 ކިލޯ މީޓަރު މަގު ހެދުން
  • ކަނޑުމަސް ފެކްޓަރީއެއް ތަރައްގީ ކުރުން
  • ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް
  • ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ސްވިމިން ޕޫލާއި ފުޓްބޯލް ސްޓޭޑިއަމް
  • ރާއްޖޭގެ އެންމެ ބޮޑު ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު
  • ބޯހިޔާވެހިކަން
  • އިސްލާމިކް ސެންޓެރެެއް
  • 2000 މީހުންގެ ޖާގައިގެ މިސްކިތަކާއި ލައިބްރެރީ

"މި ތަސައްވަރު އުފެއްދީ މި ސިޓީ އިން، މި ތަސައްވަރު ތަންފީޒު ކުރާނީ ވެސް ތިބޭފުޅުން. އަޅުގަނޑުގެ ދައުރަކީ މިކަމަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތަކާއި ގާނޫނީ ބާރުވެރިކަން ތިބޭފުޅުންނަށް ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ބިޔަ މަޝްރޫއު ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ހިނގާނެ ކަމަށެވެ. އަދި މި އަހަރު އެކަނި ވެސް އަައްޑޫ ތަރައްގީއަށް 470 މިލލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށާއި އެއީ މަގުތައް ހެދުމާއި ބަނދަރާއި ބިން ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް ވިދާޅުވި އެވެ.