ހަބަރު

ނުބައި އެއްޗެއް ފަރިއްނުކުޅުއްވާ ކަމަށް ޔާމީން ވިދާޅުވި: އެންއައިސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުބައި އެއްޗެއް ކާން ދީފައިވާ ކަމަށް އާއިލާއިން ކުރި ތުހުމަތު އެމަނިކުފާނު ދޮގު ކުރައްވާފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިރޭ ބުނެފި އެވެ.

އިއްޔެ ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފެށުމުން އެމަނިކުފާނަށް ނުބައި އެއްޗެއް ކާން ދީފައިވާ ކަމަށް ބުނެ އާއިލާގެ މެންބަރަކު ވަނީ ބައެއް މީޑިއާއަށް މައުލޫމާތެއް ހިއްސާކޮށްފަ އެވެ.

އެ ހަބަރާއެކު އެއީ އާންމު ކަންބޮޑުވާނެ މައްސަލައަކަށްވާތީ އެންއައިސީއިން ވަނީ އެކަން ހިނގާފައިވާ ގޮތް ސާފު ކުރުމަށް ރައީސް ޔާމީނާ ބައްދަލު ކޮށްފަ އެވެ.

އެ ބައްދަލުވުމަށްފަހު އެންއައިސީއިން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ ރައީސް ޔާމީނާ ބައްދަލުކޮށް މައުލޫމާތު ސާފު ކުރުމުން އެމަނިކުފާނު ވަނީ އެފަދަ އެއްޗެއް ފަރީއްކުޅުވާފައި ނުވާ ކަމަށާއި އެފަދަ ކަމަކާ ގުޅިގެން ޑޮކްޓަރަށް ވެސް ދައްކާފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

އާއިލާއިން އެފަދަ ތުހުމަތެއް ކުރިކަން އެނގިވަޑައިގެންފައިނުވާ ކަމާއި އެމަނިކުފާނުގެ ކެއުމުގެ ކަންކަން ކަރެކްޝަނަލް ސާވިސްއިން ބަލަހައްޓަމުން ދަނީ ރަނގަޅަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް އެންއައިސީއިން ބުންޏެވެ. އެފަދަ ޝަކުވާއެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.

އެހެންކަމުން އެ ހަބަރަކީ މުޅިން ހަގީގަތާ ހިލާފަށް ފަތުރާފައިވާ ހަބަރަކަށް ވާތީ، ކަރެކްޝަނަލް ސާވިސް ފަދަ މުއައްސަސާތަކުގެ އަގު ވެއްޓޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެންއައިސީއިން މިރޭ އިލްތިމާސްކުރި އެވެ.