ހަބަރު

ރައީސް ސޯލިހުގެ ފުރިހަަމަ ތާއީދު އަޅުގަނޑަށް އެބައޮތް: އަލްހާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށާއި އެމަނިކުފާނުގެ ވައުދުތައް ފުއްދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ހެންވެއިރު އުތުރަށް ކުރިމަަތިލައްވާ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ އެމްޑީޕީ ފިޔަވާ ސަރުކާރުގެ އެންމެ ބޮޑު ހިއްސާދާރެއް އޮތް ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަަމަށާއި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވަނީ ވެސް ޕާޓީ އާއި ސަރުކާރާ ވެސް ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ޖުމްހޫރީ ޕާޓީއާއެކު މިވަގުތު މި ހުންނެވީ ރައީސް ސޯލިހުގެ ފުރިހަމަ ތާއީދާއެކުގައި ކަމަށާއި މަޖިލީހަށް ކުރިމަތިލާން ވެސް ނިންމެވީ ވެސް އެމަނިކުފާނާއެކު މަޝްވާރާ ކުރެއްވުމަށް ފަހުގައި ކަމަށް އަލްހާން ވިދާޅުވި އެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ކޯލިޝަންގެ ޕާޓީއަކަށް ވުމުން އެ ޕާޓީގެ ޓިކެޓު ހޯއްދަވައިގެން މަޖިލީހަށް ކުރިމަތިލުމަށް ރައީސް ވިދާޅުވި ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރު ދަމަހައްޓަވާނެ ވިދާޅުވަމުން ގެންދަވަނީ ވެސް އެ ސަބަބާ ހެދި ކަމަށް އަލްހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައީސް ސޯލިހުގެ އިބޫ ސަރުކާރު، ޖުމްހޫރީ ޕާޓީ އެކުލެވޭ ކޯލިޝަން ސަރުކާރުގެ ވާހަކަ، އެމްޑީޕީގެ ސަރުކާާރާއެކީ އެއް ނޫން. މި ދައްކަނީ ރައްޔިތުންގެ ސަރުކާރުގެ ވާހަކަ،" އަލްހާން ވިދާޅުވި އެވެ. "ސަރުކާރުގެ އެޖެންޑާއަކާއި ސަރުކާރުގެ ސިޔާސަތުތަކެއް ހުރި ކަން ގަބޫލު ކުރަން ޖެހޭ، ކޮންމެ މެންބަރަކު ވަކި ވަކި އެޖެންޑާތަކެއް ނުގެންގުޅެވޭނެ، ބޭނުންވަނީ ރައީސް ސޯލިހު ވައުދުވި ކަންކަން ފުއްދައިދޭނެ މެންބަރުން، އަދި ފުއްދައި ދިނުމުގައި ހަމަހަމަކަށް އަމަލު ކުރޭތޯ ބަލާނެ މެންބަރުން،"

އަލްހާން ވިދާޅުވީ ކޯލިޝަންގެ ސަރުކާރެއްގެ ގޮތުގައި ހުރިހާ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވެވަޑައިގަތް ވައުދާ އެއްގޮތަށް އެމަނިކުފާނު އަމަލު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ރައީސްގެ ފަރާތުން އެ ތާއީދެއް ނުލިބޭ ކަމަށާއި އެހެންވީ ރައީސް ނަޝީދު އެއް ޕާޓީއަކަށް މެޖޯރިޓީ ހޯދަން ބޭނުންވުމުން ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވާހަކައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށްވީ ވައުދާއި އަހުދު އެ ވައުދެއްގެ މައްޗައް ރައްޔިތުން ދައުލަތުގެ ވަލީއުލްއަމުރުކަމަށް އިބްރާހިމް މުހައްމަދު ސޯލިހުއަށް ބައިތު ހިފި ވަައުދު ދަމަހައްޓަވަން ވާނެ، ކޯލިޝަން ޕާަޓީތަކުގެ މީހުންނާ ރައިސުލްޖުމްހޫރިއްޔާގެ ތާއީދު ލިބެން ވާނެ،" އަލްހާން ވިދާޅުވި އެވެ.

އަލްހާން އިތުރަށް ވިދާޅުވީ މަޖިލިސް މެންބަރުން ވަަކިވަކި ދާއިރާތަކަށް އިންތިހާބުވި ނަމަވެސް ގާނޫނުގައި އެ މެންބަރުންގެ މަސްއޫލިއްޔަތުތައް ހަމަހަމަވާނެ ކަމަށެވެ. އެ މެންބަރުންނަކީ ވަކިވަކި ދާއިރާތަކަށް މަސައްކަތްކޮށްދިނުމުގެ އިތުރުން ސަރުކާރު ޒިންމާދާރު ކުރުވުމުގައި ވެސް މަސައްކަތް ކުރަން ޖެހޭނެ ބައެއް ކަމަށެވެ. އެގޮތުން އޭނާ ވެސް މަޖިލީހަށް ހޮވިއްޖެ ނަމަ ސަރުކާރަށް އެއްބާރުލުން ދިނުމުގެ އިތުރުން ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

"އަޅުގަނޑު ތަމްސީލް ކުރާ ދާއިރާގެ ރައްޔިތަކު ފްލެޓަކަށް ލާފައި އޮއްވާ މިނިސްޓަރުގެ ރައްޓެއްސަކަށް ފްލެޓި ދިންތޯ އަޅުގަނޑު ބަލާނަން، އަޅުގަނޑު ބަލާދޭނަން އެކަން ކުރަނީ ރަނގަޅަށްތޯ، އަޅުގަނޑު ބަލާދޭނަން އެކަންކަމަކީ އެއީ ބޮއްސުންލައިގެން ދާ ކަންކަމުގެ ގޮތުގައި ނުވެ ސަރުކާރު ހިންގާ ފަރާތްތަކުން ބޭނުންވާހާ ބަޔަކަށް ފްލެޓު ދޭ ގޮތަށް ކަންކަން ނުކުރެވޭކަން އަޅުގަނޑު ހޮވާ ދެއްވައިފިއްޔާ ކަށަވަރުކޮށްދޭނަން،" އަލްހާން ވިދާޅުވި އެވެ.