ހަބަރު

ދެ މަސްތެރޭ ސަރުކާރުން 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފި

މިއަހަރުގެ ދެ މަސް ދުވަސް ފާއިތުވީ އިރު، ސަރުކާރުން 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުގެ ތެރެއިން އެންމެ ފަހުން ޝާއިއުކޮށްފައިވާ ފެބުރުއަރީ މަހުގެ ފަހު ހަފްތާގެ ހިސާބުތަކުގައިވާ ގޮތުގައި، މިއަހަރު ރައްޔިތުން މަޖިލީހުން ފާސްކޮށްދިން 27.3 ބިލިއަން ރުފިޔާގެ ބަޖެޓްގެ ތެރެއިން 3.4 ބިލިއަން ރުފިޔާ ވަނީ ސަރުކާރުން ހަރަދުކޮށްފަ އެވެ. އަދި ފެބުރުއަރީ މަހުގެ ނިޔަލަށް ހިލޭ އެހީއާ އެކު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 4.2 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން މަޖިލީހުން ފާސްކޮށްދިން ބަޖެޓްގެ ތެރެއިން 12 ޕަސެންޓް މިހާތަނަށް މި ވަނީ ހަރަދުކޮށްފަ އެވެ.

ހަރަދުތަކުގެ ތަފްސީލްތަކަށް ބަލާއިރު، އާދައިގެ މަތިން އެންމެ ބޮޑު ހަރަދެއް ހިނގަނީ ދުވަހުން ދުވަހަށް ސަރުކާރު ހިންގަން ކުރަން ޖެހޭ ހަރަދުތައް ނުވަތަ ރިކަރަންޓް ހަރަދުތަކަށެވެ. ރިކަރަންޓް ހަރަދުތަކަށް 2.8 ބިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، އެއީ ޖުމްލަ ހަރަދުގެ 81 ޕަސެންޓެވެ. ރިކަރަންޓް ހަރަދުތަކުން އެންމެ ބޮޑު އެއްޗެއް ދަނީ މުވައްޒަފުންގެ މުސާރަ، އެލަވަންސް އަދި ޕެންޝަނަށެވެ. އެގޮތުން، މުސާރަތަކާއި ޕެންޝަނަށް އެކަނި 1.6 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. އެހެނިހެން އިދާރީ ކަންކަމުގެ ހަރަދަށް ހޭދަވީ، 925.6 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ސިއްހީ އިންޝްއަރެންސްގެ ނިޒާމް، އާސަންދައަށް 82.4 މިލިއަން ރުފިޔާ ދެ މަސް ދުވަސް ތެރޭ ހަރަދުކުރަން ޖެހިފައިވެ އެވެ. އަދި ސަބްސިޑީތަކަށް 77.4 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

ކެޕިޓަލް ހަރަދަށް ސަރުކާރުން ހޭދަކޮށްފައި ވަނީ 652.7 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ އުމްރާނީ މަޝްރޫއުތައް ނޫނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް މިދިޔަ ދެ މަހު ހަރަދުވެފައި ވަނީ 407.6 މިލިއަން ރުފިޔާ އެވެ. އަދި އިންވެސްޓްމަންޓްގެ ގޮތުގައި 148.7 މިލިއަން ރުފިޔާ ވެސް ވަނީ ހަރަދުކޮށްފަ އެވެ.

ސަރުކާރުން ނަގާފައިވާ ލޯންތައް އަނބުރާ ދެއްކުމަށް މިދިޔަ ދެ މަސް ތެރޭ، 155 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ސަރުކާރުން ލަފާކުރަނީ ލޯންތައް ދެއްކުމަށް 2.9 ބިލިއަން ރުފިޔާ މިއަހަރު ހަރަދުވާނެ ކަމަށެވެ. ދަރަނި ދެއްކުމަށް ފަސޭހަ ކުރުމުގެ ގޮތުން ސަރުކާރުން އުފައްދާފައިވާ ފަހަށް ރައްކާ ކުރާ ފަންޑް، ސޮވަރިން ޑިވަލޮޕްމަންޓް ފަންޑަށް މިއަހަރުގެ މިހާތަނަށް ވަނީ 181.3 މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ. ސަރުކާރުން ލަފާކުރަނީ މިއަހަރު އެކަނި، އެ ފަންޑަށް 705.6 މިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ. އެ ފަންޑް އޮންނަނީ އެމްއެމްއޭގެ ބެލުމުގެ ދަށުގަ އެވެ.

ބަޖެޓް ޑެފިސިޓާ ހެދި ކޭޝްފްލޯ ހަމަޖެއްސުމަށް ސަރުކާރުން އެކި ފަރާތްތަކަށް ވިއްކާފައިވާ ޓީބިލްގެ އަދަދު 29.9 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. އަދި ފެބުރުއަރީގެ އެންމެ ފަހު ހަފްތާގެ ތެރޭގައި އެކަނި 1.1 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކައިފަ އެވެ.

ޓީބިލަކީ އެ ގަންނަ ފަރާތްތަކަށް ސަރުކާރުން ވަކި މުއްދަތެއްގެ ތެރޭފައި އިންޓަރެސްޓާ އެކު ފަހުން ފައިސާ ދައްކަން ޖެހޭ ފައިނޭންޝަލް އިންސްޓްރޫމަންޓް އެކެވެ. މުއްދަތު ހަމަވެ ފައިސާ ދައްކަން ޖެހިފައިވާ ޓީބިލްގެ ޖުމްލަ 983.7 މިލިއަން ރުފިޔާއަށް އަރަ އެވެ. އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.

މިދިޔަ ދެ މަސް ތެރޭގައި ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ވަނީ 385.4 މިލިއަން ރުފިޔާ ލިބިފަ އެވެ. ބަޖެޓްގައި ލަފާކޮށްފައިވާ ގޮތުން ހިލޭ އެހީގެ ގޮތުގައި މިއަހަރު 1.4 ބިލިއަން ރުފިޔާ ސަރުކާރަށް ލިބޭނެ އެވެ.