ހެލްމެޓް އަޅަނީ ރައްކާތެރި ކަމަށެވެ. އެހެންވެ، ފުރަތަމަ ވިސްނަން ޖެހޭނި ރަނގަޅު އެއްޗެއް ހޯދާށެވެ. ދެން އޮތީ އަޅާލަން ފަސޭހަ، އެ މީހަކާ ކުޅޭ އެއްޗެއް ހޯދުމެވެ. އެމީހެއްގެ ފޭވަރިޓް ކުލަ އާއި ބައްޓަން އިހުތިޔާރު ކުރާނީ އޭގެ ފަހުންނެވެ. ކޮންމެ ގޮތެއް ވިޔަސް، މިރޭ 12:00 އިން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރުވާނެ އެވެ. އެހެންވެ، ތަފާތު އަގު ތަކުގައި ހެލްމެޓް ވިއްކަން އެބަހުއްޓެވެ. ސުވާލަކީ ހެލްމެޓް ލިބެން ހުރީ ކޮން އަގުތަކެއްގައި ހެއްޔެވެ؟
"މިހާރު އެންމެ ވިކެނީ ހެލްމެޓް. އަޅުގަނޑުމެންނަކީ މި ވިޔަފާރި ކުރާބައެއް ވެސް ނޫން އެކަމަކު ޑިމާންޑް އޮވެދާނެ ކަމަށް ބަލާފަ މި ގެނައީ. ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް،" ސަލަތައި ރެސްޓޯރެންޓް ކައިރީގައި ހުންނަ ކޫލްޓެންޕް މޯލްޑިވްސް އިން ވާހަކަ ދެއްކި ސީނިއާ މުވައްޒަފަކު ބުންޏެވެ.
ހެލްމެޓް އަޅަން މަޖުބޫރު ކުރުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީ ވަނީ ހެލްމެޓް ހުންނަން ޖެހޭނެ މިންގަނޑުތަކެއްވެސް އާއްމުކޮށްފަ އެވެ. "ހެލްމެޓް އެޅުމުގެ" އުސޫލުގައިވާ ގޮތުން ހެލްމެޓްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ސައިކަލް ފަދަ ތަކެތި ދުއްވަން ހާއްސަ ހެލްމެޓަކަށްވުމާއި ބޮލަށް ހެޔޮވަރުވުން އަދި ހެލްމެޓް ދަތްދޮޅީގައި ރަނގަޅަށް ހަރުކުރެވޭ ގޮތަށް ކަމަރެއް ހުރުމެވެ. އަދި ދަތްދޮޅީގައި އަޅުވާ ކަމަރަކީ އެކަތި ގަނޑަކަށް ހުންނަ ކަމަރަކަށްވުމާއި ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ހުރެގެނެއް ނުވެ އެވެ.
މިހާރު ސުވާލަކީ މި ގަވާއިދުގައި ބުނާ ހެލްމެޓް ވިއްކަން ހުރީ ކޮން އަގުތަކެއްގައި ހެއްޔެވެ؟ ބާޒާރު މައްޗަށް އަރައި ހިނގާލާއިރު މިހާރު ކުދި ކުދި ކަންމަތީ ފިހާރަތަކުގައިވެސް ހެލްމެޓް ވިއްކަން އެބަ ހުއްޓެވެ. ހެލްމެޓުގެ އަގުތައް 165ރ. އިން ފެށިގެން 1،600ރ. މައްޗަށްދެ އެވެ.
ކުރިން ވާހަކަ ދެއްކި ކޫލްޓެންޕް މޯލްޑިވްސްގެ އޮފިޝަލް ބުނީ އެ ފިހާރާގައި 280ރ. އިން ފެށިގެން 1،000ރ. އާ ދެމެދުގެ އަގުތަކެއްގައި ހެލްމެޓް ވިއްކާ ކަމަށެވެ. މިހާރު ދުވާލެއްގެ މައްޗަށް 50 ހެލްމެޓްވަރު ވިއްކޭ ކަމަށް އޭނާ ބުންޏެވެ.
"ހެލްމެޓް ބޭނުންވާތީ އިންޑިއާއިން ކޮންޓެއިނާއެއް ހައްދައިގެން މި ގެނައީ. މިއީ ފެންވަރުގެ ގޮތުން ބަލާއިރު ހަމަ ރަނގަޅު އެއްޗެއް. ކޮލިޓީ ވެސް ހަމަ ރަނގަޅުވާނެ،" އޮފިޝަލް ބުންޏެވެ.
ހެލްމެޓް އޮންލައިންކޮށް ވިއްކާ ބައެއް ފަރާތްތައް ވެސް އުޅެ އެވެ. އަދި މާލޭގެ ނަން މަޝްހޫރު ބައެއް ވިޔަފާރިތަކުގައި ވެސް ހެލްމެޓް ގެނެސްގެން ވިއްކަ އެވެ. ނަމަވެސް މި ފަދަ ބައެއް ތަންތަނުން މިހާރު ހެލްމެޓް ހުސްވެފަ އެވެ. މިގޮތުން ރެޑްވޭވް އިން ވެސް ވަނީ ހާހަކަށް ވުރެ ގިނަ ހެލްމެޓް ގެނެސްފަ އެވެ. އާއްމުކޮށް ވިއްކާ އަގުތަކަށް ވުރެ ހެޔޮކޮށް ގެނައި، މި ފެންވަރު ރަނގަޅު ހެލްމެޓުތައް ދުވާލެއްގެ ތެރޭގައި ވަނީ ވިކި ހުސްވެފަ އެވެ.
ހެލްމެޓް ކޮންމެ އަގެއްގައި ހުއްޓަސް ހައިވޭ އާއި ބްރިޖުގައި ދުއްވަން ބޭނުންނަމަ އެ ގަންނަން މިއޮތީ ޖެހިފަ އެވެ. މިރޭ 12:00 އިން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީން ގަވާއިދު ތަންފީޒު ކުރުމުގެ މަސައްކަތް ފަށާނެ އެވެ.
ޓްރާންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވި ގޮތުގައި މިރޭ 12:00 އިން ފެށިގެން ހެލްމެޓް ނާޅައި ބްރިޖާއި ހައިވޭގައި ދުއްވުމަކީ މަނާކަމެެކެވެ.
"ފުލުހުން ޗެކް ކުރަން ފަށާނެ. ނަމަވެސް ޖޫރިމަނާކޮށް ފިޔަވަޅު އަޅަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން. އެއީ ހެލްމެޓުގައި ހުންނަން ޖެހޭ މިންގަނޑުތައް އެންގުމުގެ ކުރިން ތަފާތު ހެލްމެޓް ވަނީ މީހުން ގެނެސްފައި. އެހެންވެ އެ ފަރާތްތަކަށް މި ގަވާއިދުގައި ބުނާ ހެލްމެޓަށް ބަދަލު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ޖޫރިމަނާ ކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖޫރިމަނާ ނުކުރިނަމަވެސް، ގަވައިދަށް ނުފެތޭ ހެލްމެޓް އަޅައިގެން ބްރިޖަށް އަރާ މީހުންގެ ނަން ނޯޓް ކުރުން ފަދަ ކަންކަން ފުލުހުން ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހެލްމެޓް އަޅަން ޖެހެނީ 30 ކިލޯ މީޓަރަކަށް ވުރެ ބާރަށް ދުއްވުމުގެ ހުއްދަ އޮންނަ ތަންތަނުގައި ކަމަށެވެ.
ހެލްމެޓް އަޅަން ޖެހެނީ ރައްކާތެރި ކަމަށެވެ. އެހެންވެ، މި ކަމަކީ މަޖުބޫރު ނުކުރިއަސް ކުރަން ޖެހޭނެ ކަމެކެވެ. މިއާއެކު ހެލްމެޓް ހޯދަން ދުއްވައިގަންނަ މީހުންގެ އަދަދު އިތުރުވެ، ޑިމާންޑު މަތިވެ، ހެލްމެޓް ހުސްވުމާ މި ވަނީ ގާތްވެފަ އެވެ.