ހަބަރު

ފުވައްމުލަކުގައި އެކްސިޑެންޓެއްވެ މީހަކަށް ސީރިއަސް އަނިޔާތަކެއް

Mar 9, 2019

ފުވައްމުލައް ސިޓީގައި މިއަދު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ލަންކާ މީހަކަށެވެ. އޭނާގެ ކަނާތު ފަޔާއި އަތް ވަނީ ބިންދައިގެން ގޮސްފަ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލް ޖެހިގެންނެވެ. އަނެއް ސައިކަލްގައި ތިބި ދެ ދިވެހިންނަށް ވެސް އަނިޔާވެފައިވެ އެވެ. އެއީ 18 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. ސައިކަލް ދުއްވަން އިނީ 18 އަހަރުގެ މީހާ އެވެ. ފުލުހުން ބުނި ގޮތުގައި އޭނާގެ އަތުގައި ލައިސެންސް އޮތެވެ.

އެ ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ފުވައްމުލައް ހޮސްޕިޓަލްގައި ތިން މީހުންނަށް ވެސް މިހާރު ގެންދަނީ ފަރުވާދެމުންނެވެ.