ހަބަރު

16 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓްވެއްޖެ

Mar 27, 2019

ފުވައްމުލައް ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ އެ ސިޓީގެ މުހައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގަ އެވެ. އެކްސިޑެންޓް ހިނގީ އެ މަގުން ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

ދެ ސައިކަލް ޖެހެން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް، ޕިކަޕަކުން އޯވާ ޓޭކް ކުރަން އުޅެނިކޮށެވެ.

އެ ސައިކަލް ދުއްވަން އިނީ 16 އަހަރުގެ ކުއްޖެކެވެ. އެ ސައިކަލްގެ ފަހަތުގައި 20 އަހަރުގެ މީހަކު އިނެވެ. އެ ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު އެމީހުންނަށް ފުވައްމުލައް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އެކްސިޑެންޓްވީ އަނެއް ސައިކަލްގައި އިނީ 39 އަހަރުގެ މީހެކެވެ. އެމީހާއަށް ވެސް ދަނީ ފަރުވާދެމުންނެވެ. އެމީހާގެ އަތުގައި ލައިސެންސް އޮތެވެ.