އަލަނާސި އަކީ ދިވެހިންގެ ރަހަތަކާ ގުޅޭ މޭވާ އެެކެވެ. މަޑު ހުތް ކަމެއް ހުންނަ މި ފޮނި މޭވާ ކެއުމަކީ އެހާ ފަސޭހާ އެއްޗެއް ނޫނެވެ. އަލަނާސި ކަންޏާ ޖެހޭނީ ފޮތި ފޮތިކޮށް ކޮށުމަށްފަހު އޭގެ ބޯ ތޮށިގަނޑު ނަގަށެވެ. މިއީ ފަސޭހައިން ކޮށްލެވޭ ކަމަކަށް ނުވެފައި ނުތާހިރުވެސް ކަަމެކެވެ. ކަށި ނުޖެހޭވަރަށް ތޮށި މަށާނަމަ ބޭކާރަށް އުކާލާ ބައި ވަރަށް ގިނަ އެވެ. ނަމަވެސް އަލަނާސީގެ ފައިދާތަކާއި މީރު ކަމުން ތައްޔާރު ކުރުމަށް ކިތަންމެ އުނދަގޫވެފައި އަގުބޮޑަސް މި މޭވާ ބޭނުން ކުރެ އެވެ. ރޯދަމަހަށް ވަކިން ހާއްސައެވެ.
އަލަނާސި ކެއުމަށް ހޭދަކުރާ މި ބުރަ މަސައްކަތްވެސް ކުޑަކޮށްދޭ ގޮތަށް ސޯޝަލް މީޑިއާގައި ވިޑިއޯއެއް މި ފަހުން ވަނީ ވައިރަލް ވެފަ އެވެ. އިތުރު އެެއްޗެކޭ ބުނުމުގެ ކުރިން ވީޑިއޯ ބަލާލާށެވެ.
ވީިޑިއޯ އިން ފެންނަ ގޮތުގައި އަލަނާސި ކާން އެމީހާ ފޮތި ފޮތި އެއް ނުކުރެ އެވެ. ތޮށިގަނޑު ނުވެސް މަށަ އެވެ. އަދި ވަޅިއެއްގެ ބޭނުމެއްވެސް ނުކުރެ އެވެ. އަތުން ނައްޓާލައިގެން ކާއިރު މިއަށް ވުރެ ފަސޭހަ ކަމެއް ނެތް ކަހަލަ އެވެ.
މިފަދަ ގޮތަކަށް އަލަނާސި ކެއުމުން މި ހުރިހާ ދުވަހު އަލަނާސި ކެވުނީ މުޅިން ނުބައި ގޮތަކަށް ބާވައޭ ހިތަށް އަރާ މި ވީޑިއޯ ވަނީ އެތައް ބަޔަކު ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އަދި މި މީހުން ކުރާ ސުވާލުގެ ޖަވާބުވެސް ބައެއް މީހުން ދީފައި ވެ އެވެ.
އަލަނާސި ކާން މި ގޮތް އިހުތިޔާރު ކުރިއަސް މި އުކުޅު ޓެސްޓު ކުރި މީހުން ބުނާ ގޮތުގައި މިހާ ފަސޭހައިން އަލަނާސި ކެވޭނީ ވަރަށް ފާވެފައިވާ އަލަނާސި އަކަށް ވަންޏާ އެވެ. ކުޑަކޮށް ހަރު ނަމަވެސް އެހާ ފަސޭހައިން ނައްޓާލައިގެން ނުކެވޭނެ އެވެ. އަދި ވަކި ވަކި ކުރުމަކީވެސް އުނދަގޫ ކަމަކަށް ވާނެ އެވެ. އެންމެ ފަހުން ޖެހޭނީ ވަޅީގެ ބޭނުން ކުރަން ކަމަށް މި މޮޅު ގޮތް ޓެސްޓު ކުރި މީހުން ފޮޓޯ ތަކާއި ވީޑިއޯ ތައް ނަގާ ހިއްސާ ކުރުމަށްފަހު ބުނެ އެވެ.
އަލަނާސި ކާނެ މުޅިން އާ ގޮތެއް ހޯދާފައިވާ އިރު، މިއީ ކާން ވާނެ ގޮތް ކަމެއް ސީދާ ނުބުނެ އެވެ. ނަމަވެސް އާއްމުކޮށް ފޮތި ކޮށްގެން ކާ އެއްޗެއް އެތި އެތި ކޮޅުން ނައްޓައިގެން ކެއުމުން ތަފާތެވެ.