ރިޕޯޓް

އިންޑިއާގެ އިންތިހާބު: ދުނިޔޭގެ އެންމެ ބިޔަ ޑިމޮކްރެޓިކް ހަރަކާތް!

Mar 11, 2019
1

ހަތް ފިޔަވައްސަކަށް ބަހާލައިގެން، އިންޑިއާގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތައް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

އިންޑިއާގެ ޕާލިމަންޓުގެ ތިރިގެ "ލޯކް ސަބާ"އަށް މެމްބަރުން އިންތިހާބު ކުރާނީ އަންނަ އޭޕްރީލް މަހުގެ 19 އިން މެއި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ދިގުދެމިގެންދާ އިންތިހާބުގަ އެވެ. ވޯޓު ގުނުން އޮންނާނީ މެއި 23 ވަނަ ދުވަހެވެ.

އިންޑިއާގެ 900 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ގާތްގަނޑަކަށް އެއް މިލިއަން ވޯޓު ފޮށި އިންޑިއާގެ އެކި ސަރަހައްދުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައި އެވެ. މިއީ މުޅި ދުނިޔޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިންތިހާބެވެ.

މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެވަނަ ފަހަރަށް އިންތިހާބުވުމަށް ވާދަކުރައްވަނީ އިދިކޮޅުގެ ފުޅާ ކޯލިޝަނަކާއި އެވެ. ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ އިސްވެ، ވާދަކުރައްވަނީ 2014 ވަނަ އަހަރުގެ އިންތިހާބުގައި ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރި މޯދީގެ ބީޖޭޕީ އާއެވެ.

މި އިންތިހާބުގައި، އިންޑިއާގެ ޕާލިމަންޓުގެ ތިރިގެ "ލޯކް ސަބާ" ގައި ތިއްބަވާ ޖުމްލަ 545 މެމްބަރުންގެ ތެރެއިން 543 މެމްބަރުން އިންތިހާބު ކުރެވޭނެ އެވެ. އަދި މެޖޯރިޓީ ހޯދުމަށް ޖުމްލަ 272 ގޮނޑި ބޭނުންވެ އެވެ.

އިންތިހާބު ހާއްސަވަނީ ކީއްވެ؟

ހުރިހާ ގޮތަކުން ބެލި ނަމަވެސް، އިންޑިއާގެ މި އާންމު އިންތިހާބަކީ ދުނިޔޭގައި ބޭއްވޭ އެންމެ ބިޔަ ޑިމޮކްރެޓިކް ހަރަކާތެވެ. އިންޑިއާގައި ދިރިއުޅޭ 18 އަހަރުން މަތީގެ 900 މިލިއަން މީހުން އެއް މިލިއަނަށް ވުރެ ގިނަ ވޯޓު ފޮށްޓަށް ވޯޓު ލާނެ އެވެ. މުޅި ޔޫރަޕާއި އޮސްޓްރޭލިއާގެ އާބާދީ އެއްކޮލުމުން ވެސް ހަމައެކަނި އިންޑިއާގެ ވޯޓުލެވޭ މީހުންގެ އާބާދީ އާ ނުބައްދަލެވެ. އިންޑިއާގައި ބޭއްވޭ އިންތިހާބުތަކަކީ ރައްޔިތުންގެ މެދުގައި މަގުބޫލު ކަމެކެވެ. މިދިޔަ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 66 ޕަސަންޓް ވޯޓުލާން ނުކުމެފައިވެ އެވެ. އެގޮތުން، 2014 ވަނަ އަހަރު ބޭއްވުނު އިންތިހާބުގައި، ޖުމްލަ 464 ޕާޓީއަކުން 8،250 އަށް ވުރެ ކެންޑިޑޭޓުން ވާދަކޮށްފައިވެ އެވެ.

ބިޔަ އަދި ދިގު އިންތިހާބެއް!

ހަތް ފިޔަވައްސަކަށް ބަހާލައިގެން އިންތިހާބު ކުރިއަށްދާނީ، އަންނަ އޭޕްރީލް މަހުގެ 11، 18، 23، 29 އަދި މެއި މަހުގެ 6، 12، 19 ގައި ކަމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފައި އެވެ. 1951 ވަނަ އަހަރު އިންޑިއާގެ ތާރީހީ ފުރަތަމަ އިންތިހާބު ތިން މަހަށް ދިގުދެމިގެންދިޔަ އެވެ. އޭގެ ފަހުން 1962 އާ 1989 ވަނަ އަހަރާއި ދެމެދު ބޭއްވުނު އިންތިހާބުތައް ހަތަރު ދުވަހާއި 10 ދުވަހުގެ މުއްދަތަށް ދިގުދެމިގެން ގޮސްފައިވެ އެވެ.

އެހާ ގިނަ ދުވަހަށް އިންޑިއާގެ އިންތިހާބުތައް ދިގުދެމިގެންދަނީ، ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތާއި މިނިވަންކަން ކަށަވަރުކުރުމަށެވެ. އިންޑިއާގެ ފުލުހުން ވަކި ފަރާތަކަށް ޖެހިފައިވާކަމަށް ތުހުމަތުކުރެވޭތީ، ވޯޓުލާ މަރުކަޒުތަކުގައި އަބަދުވެސް ހަރަކާތްތެރިވަނީ ފެޑެރަލް އޮފިޝަލުންނެވެ.

ހަރަދުވެސް އިންތިހާއަށް ބޮޑު!

ތަފާސް ހިސާބުތަކުން ލަފާކުރާ ގޮތުގައި، 2014 ވަނަ އަހަރުގެ އިންތިހާބުގައި ޕާޓީތަކާއި ކެންޑިޑޭޓުން ފަސް ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރިކަމަށްވެ އެވެ. އަދި މިއަހަރު އިންތިހާބަށް އެ އަދަދު ދެގުނަވުން ގާތްކަމަށް ބެލެވެ އެވެ. އެމެރިކާގެ ރިޔާސީ އަދި ކޮންގްރެސް އިންތިހާބަށް 2016 ވަނަ އަހަރު ހަރަދުކުރީ 6.5 ބިލިއަން ޑޮލަރު ކަމަށްވާއިރު، އިންޑިއާގެ އާންމު އިންތިހާބަށް ކުރާ ހަރަދު އަންދާޒާކޮށްލެވެ އެވެ.

ޕާޓީތަކުން އިންތިހާބުތަކަށް ކުރާ ހަރަދު ހާމަކުރަން މަޖުބޫރު ނަމަވެސް، އިންތިހާބުތަކާއި ދިމާކޮށް ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދު އޮންނަނީ ކިލަނބުކޮށްފަ އެވެ. މިދިޔަ އަހަރު މޯދީގެ ސަރުކާރުންވަނީ އިލެކްޓޯރަލް ބޮންޑު ތައާރަފްކޮށްފަ އެވެ. އެ ބޮންޑުތައް ގަންނަ ވިޔަފާރިތަކާއި އާންމުންގެ މީހުންގެ ނަން ހާމަކުރަން ނުޖެހޭ ގޮތަށެވެ. މިގޮތުން، އެ ބޮންޑުތައް ވިއްކައިގެން 150 މިލިއަން އެމެރިކާ ޑޮލަރު ހޯދިފައިވާކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން ގިނަ ފައިސާ ލިބުނީ މޯދީގެ ބީޖޭޕީއަށް ކަމަށް ބެލެވެ އެވެ.

އަންހެނުންގެ ދައުރު ބޮޑު!

އިންޑިއާގައި އަންހެނުންގެ ހައްގުތަކާއި މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު ނަމަވެސް، އިންތިހާބީ މޫސުމަށް އަންހެނުންގެ މުހިންމުކަން އިތުރުވެ އެވެ. މިފަހަރުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ތެރެއިން ފިރިހެނުންނަށް ވުރެ އަންހެނުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭއިރު، މިހާރުވެސް ގިނަ ޕާޓީތަކުން އަންހެނުންނަށް ހާއްސަ ކެމްޕެއިން ހަރަކާތްތަކެއް ވަނީ ފަށައިފަ އެވެ.

މިގޮތުން، އަންހެން ކުދިންނަށް ހިލޭ ކިޔަވާ ލޯނުތަކާއި، ގޭސް ފުޅި އަދި ބައިސްކަލު ވެސް ދަނީ ބަހަމުންނެވެ. ފއިތުވި ހަތަރު އަހަރުގެ ތެރޭގައި ބޭއްވުނު ލޯކަލް އިންތިހާބުތަކުގައި، އިންޑިއާގެ ތިން ބައިކުޅަ ދެބައިގެ ސްޓޭޓުތަކުގައި ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުން ވޯޓުލާން ނުކުމެފައިވެ އެވެ.

އެންމެންގެ ނަޒަރު މޯދީއަށް!

2014 ވަނަ އަހަރު، މޯދީ ވެރިކަމަށް ވަޑައިގަތީ، ތާރީހީ އަގުލަބިއްޔަތަކާއި އެކީގައި އެވެ. މޯދީގެ ބީޖޭޕީ އިން ވާދަކުރި 428 ގޮނޑީގެ ތެރެއިން 282 ގޮނޑި ކާމިޔާބުކުރި އެވެ. އެއީ 1984 އިން ފެށިގެން، އެންމެ ޕާޓީއަކުން ޕާލިމަންޓުގެ މެޖޯރިޓީ ހޯދި ފުރަތަމަ ފަހަރެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މި އާންމު އިންތިހާބަކީ މޯދީއަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެކެވެ. އިދިކޮޅު އިއްތިހާދުން ވެސް މުޅި އިންތިހާބު އަމާޒުކޮށްފައިވަނީ މޯދީގެ ނާކާމިޔާބީގެ މައްޗަށެވެ.

ވަޒީފާ މަދުވުމާއި، އިގުތިސޯދު ހީނަރަވަމުން އައުމުގެ ސަބަބުން، ބީޖޭޕީއަށް އޮންނަ ތާއީދު ނޭދެވޭ އަސަރުކޮށްފައިކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި ސީދާ ބީޖޭޕީގެ ސަރުކާރެއް ގާއިމުކުރަން ބޭނުންވާ 272 ގޮނޑި ކާމިޔާބުކުރަން މޯދީގެ ޕާޓީއަށް އުނދަގޫވާނެކަމަށް ވެސް ބެލެވެ އެވެ.

ކޮންގްރެސް ޕާޓީއަށް އެނބުރި އާދެވޭނެ؟

މިފަހަރުގެ އިންތިހާބުގައި މޯދީގެ އިތުރުން އެންމެންގެ ހިތުގައި އުފެދިފައިވާ ސުވާލަކީ 133 އަހަރުވެފައިވާ ކޮންގްރެސް ޕާޓީއަށް އެނބުރި ވެރިކަމަށް އާދެވޭނެތޯ އެވެ. މިދިޔަ އިންތިހާބުގައި ކޮންގްރެސް ޕާޓީއަށް ކުރިމަތިވީ ޕާޓީގެ ދިގު ތާރީހުގައި ވެސް އެންމެ ބޮޑު ނާކާމިޔާބީއާ އެވެ. އެ އިންތިހާބުގައި ކޮންގްރެސް ޕާޓީއަށް ލިބުނީ އެންމެ 44 ގޮނޑި އެވެ. އަދި ޕޮޕިއުލާ ވޯޓުން ވެސް އެންމެ 20 ޕަސަންޓެވެ. އޭގެ ފަހުން އެ ޕާޓީގެ ނަތީޖާތަކަށް މާބޮޑު ކުރިއެރުމެއް ލިބިފައެއްނުވެ އެވެ. މިދިޔަ އަހަރުގެ މެދަކާއި ހަމައަށް ރާހުލް ގާންދީ އިސްވެ ކޮންގްރެސް ޕާޓީއަށް ލިބިފައިވަނީ އެންމެ ތިން ސްޓޭޓް ސަރުކާރެވެ. ބީޖޭޕީ އިން 20 އަށް ވުރެ ގިނަ ސްޓޭޓު ސަރުކާރު ހިންގާފައިވެ އެވެ.

ނަމަވެސް، މިފަހަކަށް އައިސް، ކޮންގްރެސް ޕާޓީއަށް ވަނީ އާ ދިރުމެއް ލިބިފައި އެވެ. މިދިޔަ ޑިސެމްބަރު މަހު، އިންޑިއާގެ އުތުރުގެ މުހިންމު ތިން ސްޓޭޓެއް ކޮންގްރެސް ޕާޓީން ވަނީ ހޯދައިފަ އެވެ. އަދި މި އިންތިހާބާއި ދިމާކޮށް އާންމުންގެ މެދުގައި މަގުބޫލު ޕްރިޔަންކާ ގާންދީވެސް ވަނީ ޕާޓީ ހިންގުމުގެ ތެރެއަށް ވަދެވަޑައިގެންފައި އެވެ.