ހަބަރު

"ކުރަހައިގެން ވޯޓު ބާތިލުވާ ބިލު ތަސްދީގުކޮށްފި ނަމަ ދަތިވާނެ"

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިގެން ވޯޓު ބާތިލުވާ ބިލު ތަސްދީގުކޮށްފި ނަމަ ގިނަ ދަތިތަކާ ކުރިމަތިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިގެން ވޯޓު ބާތިލުވާ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ ޕީޕީއެމް އިންނެވެ. މީގެ ކުރިން ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިގެން މައްސަލައަކަށް ނުވާ ގޮތަށް ވެސް ފާސްކޮށްފައި ވަނީ ހަމަ އެ ޕާޓީ އިންނެވެ. އެ ބިލު މަޖިލީހުން ފާސް ކުރީ މިދިޔަ ހޯމަ ދުވަހުގަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް"އާ ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިގެން ބާތިލުވާ ގޮތަށް ހެދުމަކީ ރަނގަޅު އިސްލާހެއް ކަމަަށާއި ނަމަވެސް އިންތިހާބާ މިހާ ގާތްވެފައި ވަނިކޮށް އެފަދަ ބަދަލެއް ގެނައުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އީސީގެ އޮފިޝަލުންގެ ޓްރެއިނިންތައް ނިމިފައިވާ އިރު އެ ފަރާތްތައް ޓްރެއިންކޮށްފައި ވަނީ ކުރިން ގާނޫނުގައި އޮތް ގޮތަށް ކަމަށާއި އަލުން އެ ފަރާތްތައް ވެސް ތަމްރީން ކުރަން ޖެހޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި އެ ބަދަލުގެ ސަބަބުން ގިނަ ވޯޓުތަކެއް ބާތިލުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އަޚުގަނޑު ނުބުނަން ބިލު ގޯހެކޭ، މިއީ ވަރަށް ރަނގަޅު މުހިންމު ބިލެއް، ނަމަވެސް މިވަގުތު ބިލަށް އަމަލު ކުރަން ޖެހިއްޖެއާ މައްސަލަތަކެއް ކުރިމަތިވޭ، އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް މިފަދަ ބޮޑެތި ބިލުތައް ބިލު ތަސްދީގުކޮށްފި އަމަލު ކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ބޮޑު،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވަނީ އެ މައްސަލާގައި ޓްވީޓެއް ވެސް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އިންތިހާބަށް އިއުލާން ކުރުމުގެ ފަހުން އިންތިހާބާ ގުޅުން ހުރި ގާނޫނުތަކާ ގަވައިދުތަކަށް ބަދަލު ގެނައުން ހުއްޓެން ޖެހޭ ކަމަށެވެ. އެ ނޫނީ އިންތިހާބު ހަރާބުވެ ހިނގައިދާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ކުރެއްވި ޓްވީޓު

އީސީ އިން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ވޯޓުގައި ކުރެހުމުން ބާތިލުވާ ގޮތަށް ހުށަހަޅައިފަ އެވެ. ނަމަވެސް އޭރު އެ ދެ ފަހަރު ވެސް އެ އިސްލާހު ވަނީ ބާތިކޮށްފަ އެވެ.

އިންތިހާބާ ގުޅިގެން އަންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ދަތިވާ ކަމަށް އީސީ އިން ބުނި އިރު ދާދި ފަހުން ސުޕްރީމް ކޯޓުން ވަނީ ޕްރައިމަރީ އިން ބަލިވި ކެނޑިޑޭޓުންނަށް ވެސް ވާދަ ކުރެވޭ ގޮތަށް ހަދައިފަ އެވެ. އީސީ އިން ފަހުން އެ ފަރާތްތަކަށް ވެސް އެ ފުރުސަތު ދީފަ އެވެ.