ހަބަރު

ރައީސް ޔާމީންގެ ބައެއް ޓެސްޓްތައް ރާއްޖެއިން ހެދެން ނެތް: ޕީއެންސީ

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ބައެއް ޓެސްޓްތައް ރާއްޖެއިން ހެދެންނެތް ކަމަށާއި އެޓެސްޓްތައް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީ އިން ބުނެފި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ. އެއީ އެ މައްސަލާގެ ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގަ އެވެ.

ޖަލަށް ގެންދިޔަތަނާ ކައިރީގައި ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސް އެޑްމިޓްކޮށްފަ އެވެ. އޭގެ ފަހުން ދެފަހަރެއްގެ މަތީން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވެއެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު އައިޖީއެމްއެޗްގައި އެޑްމިޓް ކުރެއްވި ގޮތަށް އޮންނެވީ އެތަނުގައި އެވެ. އައިޖީއެމްއެޗަށް ގެނެސް އެޑްމިޓްކުރީ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެންނެވެ.

ޕީޕީއެމް އަދި ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބުދުއްރަހީމް އަބުދުﷲ އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ހާލުކޮޅާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ހާއްސަކޮށް މިހާރުގެ ހާލަތާމެދު ވަރަށް އިތުރަށް ކަންބޮޑުވާންޖެހޭ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮންނަތާ ހަފްތާއެއް ވެގެންދަނީ ކަމަށާއި އެމަނިކުފާނަށް އިތުރަށް ހަދަންޖެހޭ ޓެސްޓްތަކަކީ ރާއްޖެއިން ހެދޭނެ ޓެސްޓްތަކެއް ނޫން ކަމަށް ބުނެ ޑޮކްޓަރުން މިހާރު ލިޔުންދީފައިވާ ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.

"ޑޮކްޓަރުން މިހާރު ވަނީ ރާއްޖެއިން އިތުރަށް ޓެސްޓްތައް ނުހެދޭނެ ކަމަށް ލިޔުންތައްވެސްދީފަ، މިއަދާ ހަމައަށްވެސް މިކަމާ ގުޅޭ ގޮތުން މިއަދުގެ ސަރުކާރުން އަދި ކަމާބެހޭ ފަރާތްތަކުން ކަންބޮޑު ނުވާތީ އެއީ ވަރަށް ހިތާމަކުރައްވާކަމެއް، މީހަކު ބަންދުގައި ހުންނެވި ނަމަވެސް ކުށްވެރިއެއްކަމަށްވީ ނަމަވެސް އެންމެ ބޮޑަށް އެބޭފުޅުންނާ ގުޅޭގޮތުން ވަކާލާތު ކުރެއްވީ ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު، އެބޭފުޅުން މިއަދު ކޮބައިތޯ؟" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ހިނގަންޖެހޭ ހުރިހާ މަގަކުން ހިނގާފައިވާ ކަމަށާއި މިހާ ހިސާބަށް އާއިރުވެސް އެއްވެސް އަލިމަގެއް ފެނިފައިނުވާ ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރައްވާފައިވާ ކަމަށާއި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲއާ ބައްދަލުކުރައްވަން މަސައްކަތް ކުރެއްވި ކަމަށެވެ. ދެވެންހުރި ހުރިހާތަނަކަށް ދެވިއްޖެ ކަމަށާއި ނަމަވެސް މިކަމުގައި އެއްވެސް އަލިމަގެއް ފެނިފައިނުވާ ކަަމަށް އަދުރޭ ވިދާޅުވި އެވެ.

"ސުވާލުކޮށްލަން ބޭނުން އެބޭފުޅުން ކެމްޕެއިން ދުވަސްވަރު ދެއްކި ވާހަކަ މިހާރު ކޮބާބާވައޭ، އަދި މިއަދުވެސް ރަށްރަށަށް ވަޑައިގެން އެބަ ވިދާޅުވޭ ތިމަންނަމެން މިއުޅެނީ ހަމަހަމަކަން ގާއިމްކުރާށޭ، އިންސާފު ގާއިމްކުރާށޭ، އެކަމަކު އަޅުގަނޑުމެންނަށް އެމަންޒަރެއް ނުއެއް ފެނޭ، އެކަމުގައި އަޅުގަނޑުމެންގެ ވަރަށް ބޮޑަށް ކަންބޮޑުވުން އެބައޮތް،" އަދުރޭ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށްބުނެެ އަދުރޭ މިއަދުގެ ޕްރެސްގައިވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ، މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ ކަންކަން ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށެވެ.

"އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ކުރަމުންދާ އެންމެ މުހިންމު އެއް ކަމަކީ ރައީސް ޔާމީން ހައްޔަރުކުރުން، އެއީ އިދިކޮޅު ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގައި ގޮނޑިއެއް ލިބުނަ ނުދިނުމަށްޓަކައި ކޮށްގެންއުޅޭ ކަމެއް، އަޅުގަނޑުމެން ކެމްޕޭނަށް ހުރަސް އެޅުމަށްޓަކައި ކޮށްގެންއުޅޭ ކަމެއް، އެއީ އަޅުގަނޑުމެންނާއެކު ރައީސް ޔާމީން ހުރެއްޖެނަމަ މިއަދުގެ ސަރުކާރަށް މެޖޯރިޓީ ނުލިބޭނެކަން ޔަގީންވީމަ ކޮށްގެން އުޅޭ ކަމެއް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ޕީޕީއެމަށް ދޭންޖެހޭ ފައިސާ މިހާތަނަށް ދީފައިނުވާ ކަމަށާއި އެކަމަކީވެސް އިންތިހާބަށް ހުރަސް އެޅުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ. އެތަށް ގޮތަކުން ފައިސާ ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަކަށް ފައިސާ ދޫކޮށްފައިނުވާކަމީ ވަރަށް ބޮޑު އަނިޔާއެއް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.