އިންޑިއާ

އިންޑިއާއިން ދިވެހިންނަށް ވިސާގެ ލުއިތައް ދޭން ފަށައިފި

Mar 11, 2019
4

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ސޮއިކުރި ވިސާގެ ލުއިތައް ދިނުމާ ގުޅޭ އެއްބަސްވުމަށް އިންޑިއާއިން މިއަދު އަމަލު ކުރަން ފަށައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ، މިދިޔަ ޑިސެމްބަރު މަހު ސޮއި ކުރި އެ އެއްބަސްވުމަށް އަމަލު ކުރަން ފެށީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ ބޭނުން ތަކަށް އިންޑިއާއަށް ދާ ދިވެހިންނާއި އެ ގައުމަށް ޒިޔާރަތް ކުރާ ދިވެހިންނަށް ވިސާ ނެގުމެއް ނެތި 90 ދުވަހު އެ ގައުމުގައި ތިބެވޭނެ އެވެ. އަދި ޓޫރިސްޓް ވިސާގައި ހުއްޓަސް ކުއްލި ސިއްހީ ހާލަތެއްގައި އިންޑިއާއިން ބޭސްފަރުވާ ކުރުމަށް ޖެހިއްޖެ ނަމަ، އިތުރު ވިސާއެއް ނެގުމެއް ނެތި ބޭސްފަރުވާގެ މުއްދަތުގައި އެ ގައުމުގައި ދިވެހިންނަށް ތިބެވޭނެ އެވެ.

އޭގެ އިތުރަށް އިންޑިއާގައި ކިޔަވާ ކުދިންނާއި އެ މީހުންގެ އާއިލާތަކަށް ވިސާ ދިނުމުގައި ވެސް ލުއި ގޮތްތަކެއް އެ އެއްބަސްވުމުގައި ދަށުން އިންޑިއާއިން ހަމަޖައްސާނެ އެވެ. މިއަދުން ފެށިގެން މި އުސޫލުތަކަށް އިންޑިއާއިން ދިވެހިންނާ މެދު އަމަލު ކުރަން ފަށާނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާޔާ އެކު އޮތް ގުޅުން ގޯސްވެ އިންޑިއާއިން ވިސާގެ ކަންކަން ރާއްޖެއަށް ވަރަށް ބޮޑަށް ތާށިކުރި އެވެ.

ރައީސް ސޯލިހު ވެެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ބޭރުގެ ގައުމަކަށް އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ވެސް އިންޑިއާއަށެވެ. އެ ދަތުރުފުޅުގައި އިންޑިއާއިން ވަނީ ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއަކާ އެކު 1.5 ބިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިޓީއެއް ދޫކުރުމަށް ނިންމައިފަ އެވެ.

މީގެ އިތުރުން ވެސް ތައުލީމީ އަދި ސިއްހީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކެއްގައި ރާއްޖެ އިންޑިއާ ވަނީ ސޮއިކޮށްފަ އެވެ.