ފެޝަން

ބުރުގާގެ މި ސްޓައިލްތައް ވަރަށް ސަޅި!

ހިޖާބު ފެޝަނާއި ހިޖާބް ސްޓައިލިސްޓުންގެ ސަޅި ސްޓައިލްތަކާއި ފަހުގެ ޓްރެންޑްތައް ފެޝަނަށް ލޯބިކުރާ ފަރާތްތަކުގެ އެކި އެކި ބްލޮގްތަކުން އަބަދުވެސް އަންނަނީ ދައްކަމުން އެވެ. ދިވެހިންގެ ތެރޭގައި މި ފަދަ ސްޓައިލްތަކަށް ލޯބިކުރާ ގިނަ މީހުން ބައިވަރެވެ. ހިޖާބް ފެޝަންގެ ތެރެއިން މިދުވަސްވަރު އެންމެ ހިނގާ ސްޓައިލްތަކަށް ބަލައިލަަމާ ހިނގާށެވެ.

ޕެޕްލަމް ޓޮޕްސް

ޕެޕްލަމް ޓޮޕްސް އަކީ މަތީބައި ކުރުކޮށް އުނަގަނޑާއި ހިސާބުން ވަކިން ފުޅާކޮށް ފޮތިކޮޅެއް ގުޅުވައިގެން ފަހާފަ ހުންނަ ޓޮޕެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޕެޕްލަމް ޓޮޕް ލީމާ މީހާ މާ ފަލަ ކަމަށް ދައްކަފާނެ ނުވަތަ ފަލަ މީހުންނާއި މި ސްޓައިލް ނުގުޅިދާނެކަމަށެވެ.

އެހެންނަމަވެސް ހަށިގަނޑުގެ ބައްޓަމަށް ރީތިކޮށް ފަހާފަ ހުންނަ ޕެޕްލަމް ޓޮޕެއްވިއްޔާ ކޮންމެ ބައްޓަމެއްގެ ހަށިގަނޑަކާއި މި ސްޓައިލް ގުޅޭނެ އެވެ. އަށްޑިހައިގެ އަހަރުތަކުގައި މަޝްހޫރުވި މި ސްޓައިލްއަކީ ޕްރިންސަސް ޑަޔާނާ ވެސް ލޯބި ކުރެއްވި ސްޓައިލެކެވެ. މިފަހަކަށް އައިސް އަލުން މި ސްޓައިލް މި ދަނީ ގިނަ މީހުންގެ މެދުގައި މަގުބޫލުވެގެންނެވެ. ރަސްމީކޮށް ހެދުން އެޅުމުގައި ވެސް އަދި ހަވީރު ދަޅަޔަށް ހެދުން އެޅުމުގައި މި ސްޓައިލް ގިނަ ބަޔަކަށް ކަމުދެއެވެ.

ފްލޯރަލް މެކްސީ ހެދުން

ހަވީރުގެ ގަޑިތަކަށާއި ރޭގަނޑަށް ހާއްސަކޮށް ފްލޯރަލް މެކްސީ ހެދުން މީ ސަޅި ޓްރެންޑެކެވެ. މަޑު ގަޔަށް ފަސޭހަ ފޮތިން ފަހާފައި ހުންނަ ފްލޯރަލް ޕްރިންޓްގެ ހެދުންތަކުން އަންހެންވަންތަކަން ދައްކުވާދޭ ހާއްސަގޮތެއް ހުރެ އެވެ. ކޮންމެހެންވެސް ދޭއް ނުވަތަ ތިން މެކްސީ ހެދުންވެސް އޮންނަންޖެހެ އެވެ. މެކްސީތަކާއި އެކު ބޮޑަށް ގުޅެނީ ކުދި ކްލަޗް ދަބަހެވެ. އަދި މި ހެދުންތަކާއި ބޮޑަށް ގުޅެނީ ވެޖް ފައިވާނެވެ. މި ހެދުމާ އެކު، ނޫޑް ނެޗުރަލް ޓޯންއެއްގެ މޭކަޕެއް ކޮށްލުމުން މި ލުކް އިތުރަށް ފުރިހަމަވެ ޗާލުވީ އެވެ.

ފުޅާ ތިރި

ޑެނިމް ނުވަތަ ކޮޓަން ފޮތިންވެސް ފަހާފައި ހައިވެއިސްޓްކޮށް، ގޮށްބަރިއެއް އަޅާފައި ހުންނަ ދިގު ތިރި މިހާރު ދަނީ ހިޖާބް ފެޝަންގައި ބާރަށް ހިނގަމުން އެވެ. މިކަހަލަ ތިރި އާއި އެކު ލަނީ ވަރަށް ޕްލެއިން ސިމްޕަލް ޑިޒައިންގެ އަތްދިގު ޓީޝާޓެވެ. ރޮނގުދެމި ޓީޝާޓާ އެކު މިކަލަހަ ތިރިއެއް ލާފައި، ކަންވާސް ބޫޓަކަށް އެރީމާ ވަރަށް ކޫލްވާނެ އެވެ.
އޮފީސްވެއާ އަކަށް މިކަހަލަ ތިރިލާން ހިޔާރު ކުރާނަމަ ގޮޅިޖެހި ފޮތިން ހުންނަ ތިރި ކަމުދާނެ އެވެ. އެކަމަކު ސަމާލުކަން ދޭންވީ ކަމަކީ، ގުޅުވަންވާނީ ޕްލެއިންކޮށް ހުންނަ ޝިފޯން ފޮތީގެ ގަމީހާ އެވެ. އަދި ގުޅޭ ޝޭޑެއްގެ ހިޖާބަކާއި އެކު ހެނދުން އަޅާލުމުން ހުންނާނީ، ވަރަށް ރަސްމީ ލުކެކެވެ.

ބުރުގާ އަޅާ މީހުންގެ ތެރެއިން ވަރަށް ކޮންފިޑެންޓް މީހުން ސްޓްރޯ ތޮއްޕެއް އަޅާފާނެ އެވެ. އަދި މިކަހަލަ ތޮއްޕެއް ކޮންމެ ކޮންމެ މީހަކަށް އަޅަން ނުކެރި ހިނގާދާނެ އެވެ. އެހެން ނަމަވެސް މިކަހަލަ ތޮއްޕެއް އަޅާލުމުން ލައިގެން ހުންނަ ހެދުމަށް އިތުރު ފުރިހަމަކަމެއް އަންނާނެ އެވެ. ހިޖާބް ފެޝަން ބްލޮގާސްވެސް ބުނަނީ ހިޖާބާއި އެކު ކޮންމެ އެކްސަސަރީއެއްވެސް ބޭނުންކޮށް އައުޓްފިޓް ފުރިހަމަކޮށްލެވިދާނެކަމަށެވެ. އެހެންނަމަވެސް ހިޔާރުކުރާ އެކްސަސަރީއަކީ އައުޓްފިޓާއި އެންމެ ގުޅޭ އެއްޗެއް ކަމުގައިވުން ވަރަށް މުހިންމެވެ.

ކިމޮނޯ ކާޑިގަން

ތުނި ޝިފޯން ފޮތިން ފަހާފައި ހުންނަ ކިމޯނޯ ސްޓައިލް ކާޑިގަންއަކީ ހެދުމުގެ ބޭރުން ހަމަ ވައްޓާލާ ތުނި ތުނި ޖެކެޓެއް ކަހަލަ އެއްޗެކެވެ. ކިމޮނޯގެ އަސްލަކީ ޖަޕާނުގެ ސަގާފީ ހެދުމެއް ކަމުގައިވީ ނަމަވެސް މީގެ މަގުބޫލުކަން ހުޅަނގުގެ ފެޝަނަށް ލޯބިކުރާ މީހުންގެ މެދުގައި އިތުރުވެ މިއީ ސްޕްރިންގް ގައި ބޭނުން ކުރާ ކާޑިގަންއެއްގެ ގޮތަށް މި އައީ ބަދަލުވެގެންނެވެ.

ހިޖާބު ފެޝަންގެ ތެރެއަށް ވެސް ކާޑިގަންސް މަގުބޫލުވެ މިހާރު މި ކަހަލަ ކާޑިގަންސް ދަނީ އަހަރުމެންގެ ތެރޭގައިވެސް މަގުބޫލުކަން ހޯދަމުން އެވެ. ސިމްޕަލް ޓޮޕެއް ލާފަ މީގެ ކާޑިގެންއެއް އޭގެ މަތިން ލާ ސްކިނީ ޖީންސްއަކާއި އެކު ލުމަށްވެސް ބޭނުން ކުރެވިދާނެ އެވެ. އަދި ދަތުރަކު ދާނަމަ، ގޮނޑުދޮށުގައި ފޮޓޯއެއް ނަގާލަން ބޯހޯ ސްޓައިލް ކާޑިގަންއަކާ އެކު މި ސްޓައިލް ކަމުދާނެ އެވެ. ރޭގަނޑުގެ ހަފްލާއަކަށް ލޭސް އިން ފަހާފައި ހުންނަ ކާޑިގަނައެއް ހެދުން މަތިން ވައްޓާލީމާ އިތުރު ފުރިހަމަކަމެއް އަންނާނެ އެވެ. ކާޑިގަންގެ ދިގުމިން އެމީހަކު ބޭނުން މިނަކަށް ބަހެއްޓިދާނެ އެވެ. އަދި ތަފާތު އެކި ސްޓައިލްތަކާއި އެކު ގުޅުވާލަން ފަސޭހަކަމުން މިއީ ކޮންމެ ވާޑްރޯބެއްގައިވެސް އޮންނަންޖެހޭ އައިޓަމަަކަށް މިއޮންނަނީ ވެފައެވެ.