ވިޔަފާރި

އިމާރާތް ފެށުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް ކަނޑައަޅައިފި

އިމާރާތް ފެށުމުގެ ކުރިން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ހިމެނޭ ގޮތަށް ހާއްސަ ގަވާއިދެއް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ނެރެފި އެވެ.

"އިމާރާތް ކުރުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުން މި ގަވާއިދުގެ ބޭނުމަކީ އިމާރާތް ކުރުމަށްޓަކައި ކުރެހުން ފާސްކުރުމާއި ކުރެހުމަށް ބަދަލު ގެނައުމާއި އިމާރާތް ކުރުމާއި އިމާރާތަށް ބަދަލު ގެނައުމާއި އިމާރާތް ކުރުމުގައި ބަލަންވީ ހަމަތަކާއި މިންގަނޑުތައް ބަޔާންކޮށް، އެކަންތައްތަކާއި ގުޅިގެން ހުއްދަ ދެވޭނެ ގޮތްތައް ބަޔާން ކުރުމެވެ.

ގަވާއިދު ގެޒެޓުކުރާ ދުވަހު އަމަލު ކުރަން ފަށާގޮތަށް ނެރެފައިވާ "އިމާރާތް ކުރުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުން އިމާރާތްތައް ހުންނަންވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަދެ ނިކުމެ އުޅުމުގެ އިތުރުން، އެ ތަންތަން އެ ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ ގޮތަކަށެވެ. އަދި ގަވާއިދުގައި ބުނެފައިވާ ގޮތުން "އިމާރާތް ބޭނުން ކުރަން ފެށުމާ ބެހޭ ބާބަށް" އަމަލު ކުރަން ފަށާނީ މާލޭގައި ނަމަ ގަވާއިދު ގެޒެޓް ކުރާ ދުވަހުން ފެށިގެންނެވެ. އަދި އެހެންތަނުގައި 1، ޖޫން 2019 އިން ފެށިގެންނެވެ.

އިމާރާތް ކުރުމާ ބެހޭ ގަވާއިދުގައި އަމަލު ނުކުރާނަމަ އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެ އެވެ. މިގޮތުން އިމާރާތް ކުރުމުގެ ހުއްދަ ހިފެހެއްޓުމާއި ޖޫރިމަނާ ކުރުން ފަދަ ގިނަ ފިޔަވަޅުތަކެއް ހިމެނެ އެވެ.

އިމާރާތް ކުރުމުގެ ގަވާއިދުތަކަށް ސަރުކާރާއި އިމާރާތް ކުރުމުގެ ސިނާއަތު ގުޅިގެން ދަނީ ބަދަލުތައް ގެންނަމުންނެވެ. މި ބަދަލު ގެންނަން މަޖުބޫރުވީ އިމާރާތް ކުރުމުގެ ދާއިރާގައި ނުރައްކާތެރި ހާދިސާތައް ހިންގުން ގިނަވެފައިވާތީ އެވެ. މިގޮތުން މި ފަދަ އެއް ހާދިސާގައި މިދިޔަ މަހު ސިމެންތި ބަސްތާއެއް ވެއްޓި ކުޑަ ކުއްޖަކު ވެސް މަރުވެފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން އިމާރާތް ކުރުމުގެ ދާއިރާގެ 13 ގަވާއިދެއް ހަދަން ކޯޓުން ވަނީ އަރުމުކޮށްފަ އެވެ. އަދި މި އަމުރާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން އިމާރާތް ކުރުމުގެ ދާއިރާގެ ގަވާއިދުތައް ހެދުމަށް ސަރުކާރުން ވަނީ ބައްދަލުވުން ތަކެއް ފަށާފަ އެވެ. އަދި މި ބައްދަލުވުންތަކުގައި އިމާރާތް ކުރުމުގެ ދާއިރާއާ ގުޅުންހުރި ގިނަ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.