ހަބަރު

ސަރުކާރާއެކު ހުންނެވުމުގެ ޔަގީންކަން މައުމޫން ރައީސްއަށް ދެއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ބައްދަލުކުރައްވައިފި އެވެ.

ރައީސް ސޯލިހާއި މައުމޫން ބައްދަލުކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައި ރައީސް އޮފީހުގައި އެވެ.

ބައްދަލުވުމުގަައި ރައީސް މައުމޫން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ، ސަރުކާރަށް މޯލްޑިވްސް ރިފޯމް މޫވްމަންޓާއި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އަބަދުވެސް އޮންނާނެ ކަމަށެވެ. އަދިި ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް އެއްބާރުލުން ދެއްވައި ކޯލިޝަނާ އެކީ ދެމިހުންނަވާނެ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ އެކި ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މައުމޫނާއި ރައީސް ސޯލިހް މިއަދު ބައްދަލުކުރައްވާފައިވާއިރު، މީގެ ކުރިން ރައީސްއާ އެމަނިކުފާނާއި ބައްދަލުކުރައްވާފައިވަނީ ރައީސް ސޯލިހް ރައީސްކަމުގެ ހުވާ ކުރެއްވިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ. އޭގެ ފަހުން ހަތަރު ލީޑަރުންނާއެކު ރައީސް އެންމެ ފަހުން ބޭއްވެވި މަޝްވަރާތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައި ވެއެވެ.

މަޖިލިސް އިންތިހާބަށް އެމްޑީޕީ ވަކިން ވާދަކުރަން ނިކުންނަ މައްސަލައިގައި ކޯލިޝަންގެ ތެރޭގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާއިރު ހަތަރު ލީޑަރުންނާއި ކޮންމެ މަހަކު އެއްފަހަރު ބައްދަލު ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ލީޑަރުންގެ ބައްދަލުވުން ނުބާއްވާތާ ތިން މަހަށްވުރެ ގިނަ ދުވަސް ވަނީވެފަ އެވެ.