ހަބަރު

ވޯޓް ބާތިލްވާ އިސްލާހަށް ހޭލުންތެރި ކުރަން އެންމެންގެ އެހީ ބޭނުން: އީސީ

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފި ނަމަ ވޯޓު ބާތިލުވާނެ ކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގައި އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވީ ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖެހުމުން ވޯޓު ބާތިލުވާ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވުމާ ގުޅިގެނެވެ. އެގޮތުން އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓު ކަރުދާސްކޮޅުގައި ރަނގަޅު ފާހަގައިގެ އިތުރުން އެއްވެސް ކުރެހުމެއް ނުވަތަ ލިޔުމެއް ނުވަތަ ފާހަގައެއް ޖަހައިފި ނަމަ އެ ކަރުދާސްކޮޅެއް ބާތިލުވާނެ ކަމަށެވެ. އެކަމަށް ރަނގަޅަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެންމެންގެ އެހީ ބޭނުންވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ކުރެއްވި ޓްވީޓު

އިންތިހާބުތަކާ ބެހޭ ގާނޫނަށް އާ އިސްލާހެއް ގެނެސްފައިވާ އިރު، އިންތިހާބު ގާތްވެފައި ވަނިކޮށް އެފަދަ އިސްލާހުތައް ގެނައުމުގެ ސަބަބުން ދަތިވާ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ. ވަގުތު ކުޑަތަންވެފައި ވަނިކޮށް ވޯޓު ބާތިލުވާ އުސޫލު ބަދަލުވުމުން ގިނަ ބައެއްގެ ވޯޓު ބާތިލުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަތީޖާއަށް ވެސް އަސަރުކޮށްފާނެ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ.