ދުނިޔެ

2018: ސީރިއާގެ ކުޑަކުދިންނަށް ބިރުވެރި އަހަރެއް

ސީރިއާގެ ހަނގުރާމައަށް ނުވަ އަހަރު ވަމުންދާއިރު މިދިޔަ އަހަރަކީ ސީރިޔާގެ ކުޑަކުދިންނަށް މިހާތަނަށް ކުރިމަތިވި އެންމެ ބިރުވެރި އަހަރު ކަމުގައި އދ. އިން ބުނެފި އެވެ.

އ.ދގެ ކުޑަކުދިންނާއި ގުޅޭ ޔުނިސެފްއިން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ އަހަރު ހަނގުރާމަ ކުރުމުގެ ތެރޭގައި 1،106 ކުޑަ ކުދިން މަރުވެފައިވާ ކަމަށެވެ. މި އަދަދަކީ 2011 ގައި ހަނގުރާމަ ފެށުނު ފަހުން އެންމެ ގިނަ ކުޑަކުދިން މަރުވި އަދަދެވެ. ނަމަވެސް އަސްލު އަދަދު އައަށްވުރެ އިތުރުވެދާނެކަމަށް ވެސް އދ. ވަނީ ލަފާކޮށްފައި އެވެ.

ޔުނިސެފްގެ އެގްޒެކަޓިވް ޑައިރެކްޓަރު ހެންރިއޭޓާ ފޯ ވިދާޅުވި ގޮތުގައި މިއަދު ގިނަ ބަޔަކަށް ސީރިޔާގެ ހަނގުރާމަ ނިމުމަކާއި ގާތަށް އާދެވިފައިވާކަމަށް ގަބޫލުކުރެވުނު ނަމަވެސް، ހަގީގަތަކީ އެއީ ނޫން ކަމަށެވެ. އެގައުމުގެ ކުޑަކުދިން މިދިޔަ އަށް އަހަރުގެ ތެރޭގައި ތަހައްމަލް ކުރި ބިރުވެރިކަމުގެ ތެރޭގައި އަދިވެސް ވަނީ ތާށިވެފަ އެވެ. މި ހަނގުރާމައިގެ ސަބަބުން އެތައްހާސް ބައެއްގެ ފުރާނަ ގެއްލި އެތަކެއް މިލިއަން މީހުންނަށް ވަނީ ގައުމުން ބޭރުވާން ޖެހިފަ އެވެ.

ސީރިޔާއާއި އެންމެ ގާތްގުޅުމެއް އޮންނަ ދެގައުމުކަމުގައިވާ ތުރުކީއާއި ރަޝިއާއިން ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުތެރޭ ވަނީ ހަމަލާ ނުދެވޭނޭ ސަރަހައްދެއް ގާއިމް ކުރުމުގައި ކާމިޔާބުވެފަ އެވެ. މިކަމުގެ ސަބަބުން އެސަރަހައްދުވަނީ ސީރިޔާގެ ރައީސް ބައްޝާރުލް އައްސަދުގެ ހަމަލާތަކުން ރައްކާތެރިވެފަ އެވެ.

ނަމަވެސް، ފޯ ވިދާޅުވި ގޮތުގައި، އދ. އެންމެ ބޮޑު ކަންބޮޑުވުމަކީ އިދުލީބްގެ ސަރަހައްދުގައި އަނިޔާވެރިކަން އިތުރުވަމުން ދާކަމެވެ. މިދިޔަ ހަފްތާތެރޭ އެކަނިވެސް އެސަރަހައްދުން 59 ކުދިން މަރުވެފައި ވާކަމުގެ ހަބަރު ލިބިފައިވާ ކަމަށް ފޯ ވިދާޅުވި އެވެ.

"ޔުނިސެފްއިން ހަނގުރާމަ ކުރާ ފަރާތްތަކާ ބައިނަލްއަގްވާމީ ދުނިޔެއަށް އަންގަން ބޭނުންވާ ކަމަކީ މި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބިގެންދަނީ ކުޑަ ކުދިންނަށޭ، މި ކޯޅުންތައް ދިގުދެމިގެންދާ ކޮންމެ ދުވަހަކީ އެކުދިންގެ ޅަފަތުން ފޭރިގަނެވިގެން ދާނެ ދުވަހެއް" ފޯ ވިދާޅުވި އެވެ.

ޖެނުއަރީން ފެށިގެން މިހާތަނަށް އައިއިރު ރެފިއުޖީ ކޭންޕްތަކަށް ދަތުރުކުރަން ކުރި މަސައްކަތުގައިވެސް ގާތްގަނޑަކަށް 60 ކުދިން ވަނީ މަރުވެފަ އެވެ.

ސީރިއާއަކީ މިހާރު ދުނިޔޭގައި ކުޑަ ކުއްޖަކަށްވުން އެންމެ ބިރުބޮޑު އެއް ގައުމެވެ.