އެފްއޭއެމް

ފީފާއިން ބަސް އިއްވައިފި: ކޮންގްރެސް ނުބޭއްވޭނެ

ވިކްޓަރީ ސްޕޯޓްސް ކުލަބުން، އަންނަ ހުކުރު ދުވަހު ބާއްވަން މަސައްކަތް ކުރާ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބޭއްވޭނެ ކަމަށް ފީފާއިން ބުނެފި އެވެ.

މިއަދު، އެފްއޭއެމްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން، ފީފާ އާއި އޭއެފްސީގެ ވަފުދުގައި ހިމެނިގެން ރާއްޖެ ވަޑައިގެންނެވި، ފީފާގެ މެންބަރު އެސޯސިއޭޝަން ސާވިސްގެ ސީނިއާ މެނޭޖަރު، އެލެކްސެންޑްރޭ ގްރޯ ވިދާޅުވީ، އެފްއޭއެމް އާއި ތިން ޑިވިޝަންގެ ކުލަބުތަކާއި، ވިކްޓަރީން ހުށަހެޅި ގަރާރުން ނަން އަނބުރާ ގެންދިޔަ ކުލަބުތަކާވެސް ފީފާ އާއި އޭއެފްސީގެ ވަފުދުން ބައްދަލު ކުރި ކަމަށެވެ. އަދި ކުލަބުތަކުން ނަން އަނބުރާ ގެންދިއުމުން ގާނޫނީ އަދަދު ފުރިހަމަ ނުވާ ކަމަށެވެ.

"އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ހުށަހެޅި ގަރާރުން ސޮއި ގެންދިޔަ ބައެއް ކުލަބުތަކާވެސް އަހަރެމެން ބައްދަލު ކުރިން،" އެލެގްޒެންޑާ ގްރޯ ވިދާޅުވި އެވެ. "އަހަރެމެންނަށް ނިންމުމަކަށް އާދެވުނު ކަމަކީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ބޭނުންވާ 50 ޕަސަންޓް ހަމަ ނުވާކަން."

ކޮންގްރެސް ބާއްވަން ބޭނުންވާ އަދަދު ހަމަ ނުވާކަން އޭނާ ތަކުރާރުކޮށް އިއުލާން ކުރެއްވި އެވެ. ނަން އަނބުރާ ގެންދިޔަ ކުލަބުތަކަކީ ކޮބައިކަން އެފްއޭއެމުން ހާމަކޮށްފައެއް ނުވެ އެވެ. އެ ކުލަބުތަކާ ވެސް އޭނާ ބައްދަލު ކުރި އިރު، އެ ކުލަބުތަކުގެ ނަން މީޑިއާ އާ ހާމަ ކުރެވޭނެތޯ ސުވާލު ކުރުމުން ގްރޯ ވިދާޅުވީ، އެ ކުލަބުތަކުގެ ނަން ހާމަ ނުކުރުމަށް ބައްދަލުވުމުގައި އެއްބަސްވެފައިވާނެ ކަމަށެވެ.

"ދެފަރާތުގެ ދެމެދުގައި އިތުބާރު ދެމެހެއްޓުމުގެ ގޮތުން އަހަރެމެން ވާނީ އެ ކުލަބުތަކުގެ ނަން އާންމު ނުކުރުމަށް އެއްބެސްވެފައި ވާނެ،" ގްރޯ ވިދާޅުވި އެވެ. "އެހެންވީމަ އަހަރެން ބޭނުން އަހަރެން ދިން އެ ޔަގީންކަން ދަމަހައްޓަން."

އަންނަ ހުކުރު ދުވަހު ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި އެކްސްޓްރާ އޯޑިނަރީ ކޮންގރެސް ބޭއްވުމަށް ވިކްޓަރީން ވަނީ ތާވަލު ކޮށްފަ އެވެ. ވިކްޓަރީން ކޮންގްރެސް ބާއްވަން ތާވަލު ކުރީ އެފްއޭއެމްގެ އަސާސީ ގަވާއިދުން ލިބިދޭ ބާރުގެ ދަށުންނެވެ.

އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާގެ ނަންބަރު ދޭއް ގައި ބުނެފައި ވަނީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް 14 ދުވަހުގެ ތެރޭގައި ނުބާއްވައިފިނަމަ ނުވަތަ ނުބޭއްވިއްޖެނަމަ، ކުލަބުން އިސްނަގައިގެން ކޮންގްރެސް ބޭއްވުމަށް ފީފާ ނުވަތަ އޭއެފްސީގެ އެހީއަށް އެދެވިދާނެ ކަމަށެވެ.

މިހާރު ފީފާ އާއި އޭއެފްސީން ކޮންގްރެސް ބޭއްވުމުގެ ގާނޫނީ އަދަދު ހަމަ ނުވާކަމަށް ހާމަ ކުރުމުން އެ ކުލަބުން ބާއްވަން މަސައްކަތް ކުރާ ކޮންގްރެސް ނުބޭއްނެ އެވެ.

މިއަދު ޕްރެސްގައި ބައިވެރިވެ ވަޑައިގެންނެވި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މިހާރު އެފްއޭއެމް އާ ގުޅިގެން އުފެދިފައިވާ މައްސަލައިގައި ހައްލެއް ލިބިގެން ދިއުމުން ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ.

"ވަރަށް އުފާކޮށްފިން މިއަދުގެ ބައްދަލުވުންތަކަށް ފަހު ނިކުތް ނަތީޖާއާ ގުޅިގެން،" ބައްސާމް ވިދާޅުވި އެވެ. "މިހާރު އަޅުގަނޑުމެންގެ ފޯކަސް މިހުރީ ސީޒަން ފެށުމަށް ކުލަބުތަކަށް ދޭން ބޭނުންވާ އެއްބާރުލުން ދިނުމާއި އަދި ހަމަ ފުޓްބޯޅަ ޑިވްލަޕް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުން، ވަރަށް ގިނަ ބަޔަކަށް އުފެދިގެން ދިޔަ ސުވާލަކަށް ޖަވާބު ލިބިގެން މިދިޔައީ އެހެންވީމަ މިހިސާބުން އަޅުގަނޑުމެން އުންމީދު ކޮށްގެން މިހުނަނީ މި މައްސަލައަށް ހައްލުތަކެއް ލިބިގެން ދިޔަ ކަމަށް."

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް މަސައްކަތް ކުރާ، ވިކްޓަރީގެ ޗެއާމަން، ޑރ. އިބްރާހިމް ނާޝިދު ވިދާޅުވީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވިކްޓަރީ ބޭނުންވާ ގޮތަށް ކާމިޔާބު ނުވިނަމަވެސް އެފްއޭއެމް ބަދަލު ކުރުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން ބަލިވީ، އަޅުގަނޑުމެންނަށް ނާކާމިޔާބު ވީ، އަޅުގަނޑުމެންނަށް ވޯޓް ނުލިބުނީ، އެހެން ވެއްޖެއްޔާވެސް އަޅުގަނޑުމެންނަކީ ކުޅިވަރު ކުލަބެއް، އެއް މެޗުން ބަލިވީމަ ބޯތިރިކޮށްލާފައި ދިޔައީމަ، ކުޅިވަރެއް ވާދައެއް މުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ހަމަ ތިބޭނަން އެފްއޭއެމް ރަނގަޅު ވަންދެން، އަޅުގަނޑުމެންގެ ވާހަކައަކީ މި ގަވާއިދުތަކާ އެއްގޮތަށް ގެންދާށޭ، ދެފުށް ފެންނަ ގޮތަށް އެފްއޭއެމް ހިންގާށޭ."