ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) ގައި މަސައްކަތް ކުރާ އަންހެން މުއައްޒަފުންނަށް ވިހެއުމުންދޭ ޗުއްޓީ ހަމަަހަށް އިތުރުކޮށްފި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ، އެލްޖީއޭ މުއައްޒަފުންނަށް މަންމަ އަކަށް ވުމުންދޭ ޗުއްޓީ ހަމަހަށް އިތުރުކޮށް ބައްޕަ އަކަށްވުމުން އެއް މަހުގެ ޗުއްޓީ ދިނުމަށް އިއްޔެ ނިންމާފައިވާ ކަމަށެވެ.
އަންހެނުން ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެންު މުއައްޒިފުންނަށް ވިހެއުމާއި ގުޅިގެން ހަމަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭނެގޮތް ހަމަޖައްސައިދީފަ އެވެ. އަދި ސިވިލް ސާވިސްގައި މަސައްކަތްކުރާ ފިރިހެން މުއައްޒަފުންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވްވެސް މުސާރައާއެކު ލިބޭނެ ގޮތް ހަމަޖައްސައިދީފަ އެވެ.
އޭގެ އިތުރުން ހަމަސް ނުވާ ދަރިން ތިބިނަމަ އެކުދިންގެ އުމުރުން ހަމަސް ވަންދެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެކުދިންގެ މައިންބަފައިންނަށް އެސިޔާސަތުގެ ދަށުން ޗުއްޓީ ލިބޭނެ އެވެ.
ސަރުކާރުގައި ވާޒީފާ އަދާކުރާ މަންމައަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަހުގެ ޗުއްޓީ އަދި ބައްޕައަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައީސް އެގޮތަށް އިއުލާންކޮށް އަމަލު ކުރަން ފެއްޓެވުމުން ބައެއް ކުންފުނިތަކުންވެސް އަންނަނީ ވިހެއުމުން ލިބޭ ޗުއްޓީ ހަމަހަށް އިތުރު ކުރުމުންނެވެ. އެގޮތުން ސްޓެލްކޯ އަދި އެމްޕީއެލް އިންވެސް ވަނީ އިތުރު ކޮށްފަ އެވެ. އަދި އެޗްއާރްސީއެމް އަދި މޯލްޑިވް ގޭސް އިންވެސް ވަނީ ހަމަހަށް ޗުއްޓީ އިތުރުކޮށްދީފަ އެވެ.